
ސްޓެލްކޯއިން ބުނީ ޝަހީދު ކުނޑަނެވި ތުއްތު މަގުގައި ހުންނަ މއ. ފޮގެޓްމީނޮޓްގައި އަލިފާނުގެ ހާދިސާއެއް ހިނގުމާ ގުޅިގެން އެ ސަރަހައްދުގެ ބަޔަކުން ކަރަންޓު މެދުކަނޑާލާފައިވާ ކަމަށެވެ.
އަލިފާނުގެ ހާދިސާ ހިނގި ގެ، އައިސޮލޭޓް ކުރުމަށްފަހު ކަރަންޓުގެ ހިދުމަތް މެދުކަނޑާލާފައިވާ ގެތަކަށް ކަރަންޓު ވަރަށް އަވަހަށް ދެވޭނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ކަރަންޓު ކެނޑުމުގެ ސަބަބުން އެ ސަރަހައްދުތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ދިމާވާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މާފަށް އެދިފައެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ ފޮގެޓްމީނޮޓްގެ ތިރީގައި ހުރި ސައި ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 11:40 ގައި ކަަމަށެވެ. އެ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި އެ ހާދިސާ އާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް އެ އިދާރާއިން ބުނެއެވެ.
އަލިފާނުގެ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ދެނެގަނެވިފައެއް ނުވެއެވެ.