އދ. ދަނގެތިން ކުޑަ އިންޖީނު ދޯންޏެއްގައި މަހަށް ނިކުމެ އުޅެނިކޮށް ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

Advertisement
އެމްއެންޑީއެފުން ބުނީ ދަނގެތިން ކުޑަ އިންޖީނު ދޯންޏެއްގައި މަހަށް ނިކުމެ އުޅެނިކޮށް ގެއްލުނު މީހާ ހޯދުމުގެ މަސައްކަތުގައި މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން ދަނީ އަދިވެސް ހަރަކާތްތެރިވަމުން ކަމަށެވެ.މި މަސައްކަތުގައި އާދިއްތަ ދުވަހު ޑައިވްކޮށްގެންނާއި އޭރިއަލް ސާޗް އަދި ސާފޭސް ސާޗްތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެމްއެންޑީއެފުން ބުނެފައިވަނީ ޑައިވްކޮށްގެން 78،850 ސްކޮޔަ މީޓަރުގެ ސަރަހައްދެއް ބަލާފައިވާއިރު، މި ޑައިވްތަކުގައި މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުންނާ އެކު ދަނގެތިންވެސް ޑައިވަރުންތަކެއް ވަނީ ބައިވެރިވެފައި ކަމަށެވެ.
ވައިގެ މަގުން ޑޯނިއަ އެއާކްރާފްޓުގައި 156.87 ސްކޮޔަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށާއި ކަނޑުމަގުން ކޯސްޓްގާޑުގެ ފާސްޓް އިންޓަސެޕްޓަ ކްރާފްޓް "ހަކުރާ" ވަނީ 4.11 ސްކޮޔަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި ގެއްލުނު މީހާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއަށް ލިލީ ބީޗް ރިޒޯޓް އެންޑް ސްޕާ އާއި ވިލަމެންދޫ އައިލެންޑް ރިޒޯޓް އެންޑް ސްޕާ އާއި ނޯވާ މޯލްޑިވްސް އާއި އަމާޔާ ރިޒޯޓް ކުޑަ ރަށް މޯލްޑިވްސްގެ އިތުރުން އދ. ދަނގެތީގެ އާންމުންގެ ފަރާތުން އެހީތެރިކަން ލިބެމުން އަންނަ ކަމުގައެވެ.