
ސްޓެލްކޯއިން ބުނީ ޝަހީދު ކުނޑަނެވި ތުއްތު މަގުގައި ހުންނަ މއ. ފޮގެޓްމީނޮޓްގައި ހިނގި އަލިފާނުގެ ހާދިސާ އާ ގުޅިގެން ކަރަންޓުގެ ހިދުމަތް މެދުކަނޑާލި ސަރަހައްދަށް މިހާރު ކަރަންޓު ދީފައިވާ ކަމަށެވެ. ކަރަންޓު ކެނޑުމުގެ ސަބަބުން އެ ސަރަހައްދުތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ދިމާވި ދަތިތަކަށް އެ ކުންފުނިން ވަނީ މާފަށް އެދިފައެވެ.
އަލިފާނުގެ ހާދިސާ އާ ގުޅިގެން ސްޓެލްކޯއިން ވަނީ އެ ސަރަހައްދުގެ ބަޔަކުން ކަރަންޓު މެދުކަނޑާލާފައެވެ. އެ ހާދިސާ ހިނގި ގެ، އައިސޮލޭޓް ކުރުމަށްފަހު ކަރަންޓުގެ ހިދުމަތް މެދުކަނޑާލާފައިވާ ގެތަކަށް ކަރަންޓު ދޭނެ ކަމަށް އެ ކުންފުނިން ވަނީ ކުރިން ބުނެފައެވެ.
މި ހާދިސާ އާ ގުޅޭގޮތުން އެމްއެންޑީއެފުން ބުނެފައިވަނީ ފޮގެޓްމީނޮޓްގެ ތިރީގައި ހުރި ސައި ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 11:40 ގައި ކަަމަށެވެ. އެ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި އެ ހާދިސާ އާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް އެ އިދާރާއިން ބުނެއެވެ.
އަލިފާނުގެ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ދެނެގަނެވިފައެއް ނުވެއެވެ.