
ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ރައްޔިތުންގެ މަޖިލީހަށް ފޮނުވީ މިދިޔަ ޖުލައި މަހުގެ 23 ވަނަ ދުވަހު. އޭނާގެ މައްޗަށް ކުރެވިފައިވަނީ ވަރިވާން އެދި ކޯޓަށް ދިޔަ އަންހެނަކަށް ގުޅިކަމުގެ ތުހުމަތެވެ.
އަލީ އާދަމް މަގާމުން ވަކިކުރަން ޖޭއެސްސީން މަޖިލީހަށް ފޮނުވި މައްސަލަ ދިރާސާކުރާ ޖުޑީޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ނިންމީ، މީގެ ކުރިން ވެސް ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަތަކުގައި އަމަލުކުރާ ގޮތަށް، މި މައްސަލާގައި ވެސް ޖޭއެސްސީން އަމަލުކޮށްފައިވަނީ އިޖުރާއަތްތަކާ އެއް ގޮތަށްތޯ ބެލުމަށެވެ. ކޮމިޓީން ފަހުން ނިންމީ ޖަވާބުދާރީވާން ފުރުސަތު ދޭށެވެ.
އަލީ އާދަމަށް ޖަވާބުދާރީވާން ފުރުސަތު ދޭން ނިންމިއިރު، އޭނާ ހުރީ މިހާރުވެސް ސަސްޕެންޝަންގައެވެ. ކުރިންވެސް ސުލޫކީ މައްސަލައަކާ ގުޅިގެން އޭނާ ސަސްޕެންޑްކުރިއެވެ.
ޖޭއެސްސީން ބުނީ ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލީ އާދަމްއާ ގުޅޭގޮތުން ތަހުގީގު ކުރި މައްސަލައިގައި، އެ އަންހެން މީހަށް ގުޅައި މެސެޖު ކުރުމަށްފަހު މެސެޖުތައް ޑިލީޓުކުރުމަށް އެދިފައިވާކަމަށެވެ. އޭނާ ދެމަފިރިންނާ ގުޅޭ ޒާތީ މައުލޫމަތު އަހައި ޒާތީ މެސެޖުވެސް ކޮށްފައިވާކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.
މި މައްސަލައިގައި ތަހުގީގަށް ލިބިފައިވާ މެސެޖުތަކުގެ ސްކްރީންޝޮޓާއި، އެ މެޖިސްޓްރޭޓުގެ އިއުތިރާފުން އެކަން ސާބިތުވާކަމަށް ވެސް ޖޭއެސްސީން ބުންޏެވެ. މެޖިސްޓްރޭޓް މަސައްކަތްކޮށްފައިވަނީ އެ ޚަސްމު އެ ވަގުތު ހުރި ނާޒުކު ހާލަތުގެ ނާޖާއިޒު ފައިދާ ނެގުމުގެ ގޮތުންކަން ސާބިތުވާކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.