ads
އައިއޭސީގެ މީޑިއާ ކޯޑިނޭޓަރު ހަޒާދު އަހުމަދު
ގެއްލުންވީ މަދު މުދާތަކަކަށް، މަސައްކަތް ހުއްޓައެއް ނުލާނަން: އައިއޭސީ
އިޒްރޭލާއި، ގައްޒާ އާ ދެމެދު ބަދަލުކުރެވެމުންދާ ހަމަލާތަކުގައި، އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ)އިން އެހީގެ ތެކެތި ރައްކާކޮށްފައިވާ ގުދަނަކަށް ގެއްލުންވި ނަަމަވެސް، އެއީ ސީދާ އެތަނަށް އަމާޒުކޮށްގެން ދިން ހަމަލާއެއް ނޫން ކަމަށާއި، ގެއްލުންވީ މަދު މުދާތަކަކަށް ކަމަށް އަދި އެ ގެއްލުމުގެ ސަބަބުން މަސައްކަތަށް ހުއްޓުމެއް ނާންނާނެ ކަމަށް އައިއޭސީން ބުނެފި އެވެ.

ހޮނިހިރު ދުވަހުން ފެށިގެން ގައްޒާ އާއި އިޒްރޭލުގެ ދެމެދުގައި ބަދަލުކުރެވެމުންދާ ވަރުގަދަ ހަމަލާތަކުގެ ސަބަބުން އެހީތެރިކަން ބޭނުންވެފައިވާ ގައްޒާގެ ރައްޔިތުންނަށް ދިވެހީންގެ ފަރާތުން ފޯރުކޮށްދީފައިވާ އެހީގެ ތަކެތި ހުރި ގަރާޖަކަށް ގެއްލުންވެފައިވަނީ މިއަދު އިޒްރޭލުން އެ ސަރަހައްދަށް ދިން ހަމަލާއެއްގަ އެވެ. 

ރާއްޖޭގެ ޓީވީ ޗެނަލްތައް ގުޅިގެން ކުރިއަށް ގެންދާ ޓެލްތޯންގައި އެ ހަމަލާ އާ ގުޅޭގޮތުން ވާހަކަދައްކަމުން، އައިއޭސީގެ މީޑިއާ ކޯޑިނޭޓަރު ހަޒާދު އަހުމަދު މިއަދު ވިދާޅުވީ، އެ ހަމަލާއަކީ ސީދާ އެ ގަރާޖަށް އަމާޒުކޮށްގެން ދިން ހަމަލާއެއް ނޫން ކަމަށެވެ.
އެ ސަރަހައްދަަށް ދިން ހަމަލާގައި ގަރާޖަށްވެސް ގެއްލުން ލިބި އެހީގެ ތެކެއްޗަށް ގެއްލުންވި ނަމަވެސް، އެތަނުގައި ބަހައްޓާފައި އެވަގުތު ހުރި ތަކެއްޗަކީ ވަރަށް މަދު އަދަދެއްގެ ތަކެތި ކަމަށްވުމުން، ގެއްލުން ލިބުނީ ވަަރަށް މަދު ތަކެއްޗެއްކަން އޭނާ ފާހަގަކުރި އެވެ.

ހަމާލާގައި އެތަނަށް ގެއްލުންވީނަމަވެސް، ކުރިއަށް އޮތް ތަނުގައިވެސް، އެ މަސައްކަތް ހުއްޓާނުލާ އެ ކެމްޕޭނުން ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން އޭނާ އެރުވި އެވެ. 

"އިންޝާ ﷲ ނާންނާނެ. ހަމަލާތައް ފެށުމުގެ ދެވަނަ ދުވަހުން ފެށިގެން އަޅުގަނޑުމެން މިދަނީ އެންމެ ބާރުބޮޑުވި ދަނޑިވަޅުގައިވެސް ގައްޒާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީފައި. އުނދަގޫ ކަމެއް އެކަމަކު އަޅުގަނޑުމެންގެ މަސައްކަތަކަށް ކުޑަވެސް ހުއްޓުމެއް ނާންނާނެ" ހަޒާދު ވިދާޅުވި އެވެ.

ދިވެހީންގެ ފަރާތުން ފޯރުކޮށްދެމުންދާ އެހީގެ ތަކެތި ރައްކާކޮށްފައި އަބަދުވެސް ބަހައްޓަނީ ވަރަށް ރައްކާތެރިކަމާއެކު ކަން ފާހަގަކުރައްވާ، ދިވެހިން އެކަމާއި ކަންބޮޑުނުވުމަށް އޭނާ އިލްތިމާސް ކުރެއްވި އެވެ.

94%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
6%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް