ސަރުކާރުން މިހެން ބުނެފައި މިވަނީ، ސިއްހީ ސާމާނު މިއަހަރުގެ މިހާތަނަށް ސްޓޮކް ކޮށްފައި ނުވާތީ، އެ ތަކެތީގެ ދަތިކަން ސިއްހީ ހިދުމަތް ފޯރުކޮށްދޭ ހޮސްޕިޓަލުތަކާއި ސިއްހީ މަރުކަޒުތަކަށް ކުރިމަތިވެފައިވާ ކަމަށް ބުނެ، ބައެއް ހިދުމަތްތައް އެއްކޮށް ހުއްޓާލަން ޖެހިދާނެކަމުގެ ކަންބޮޑުވުން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިންތިގާލީ ކޮމިޓީން މިއަދު ފާޅުކޮށްފައި ވަނިކޮށެވެ.
އެކަމާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާނު މުހައްމަދު ވިދާޅުވީ، މިއަށްވުރެ އުދަނގޫ ދުވަސްވަރެއް ކަމަށްވާ ކޮވިޑް-19ގެ ދުވަސްވަރުވެސް ސިއްހީ ދާއިރާއަށް ބޭނުންވި ތަކެތި ހުއްޓުމެއްނެތި ގެނައި ފަދައިން މިހާރުވެސް ލިބޭނެކަމަށެވެ. އަދި ރައްޔިތުންގެ މެދުގައި ހާސްކަން އުފެދޭފަދަ މައުލޫމާތު ނުފެތުރުމަށް ވަނީ އެދިފައެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ ލެބޯރެޓަރީގައި ބޭނުންކުރާ ކެމިކަލާއި ސިރިންޖު ފަދަ އެއް ފަހަރު ބޭނުންކޮށްފައި އުކާލަންޖެހޭ ސާމަނަކީ ވަކި އުސޫލަކުން އޯޑަރުކޮށް، ސްޓޮކް ބަލަހައްޓަމުން ގެންދަންޖެހޭ ތަކެއްޗައް ވާއިރު، މިއަހަރުގެ މިހާތަނަށް އެތަކެތީގެ ސްޓޮކް އާކޮށްފައި ނުވާ ކަމަށެވެ.
މިހެންކަން ކުރުމުގެ ސަބަބުން ހޮސްޕިޓަލްތަކާ ސިއްހީ މަރުކަޒުތަކުގެ ހިދުމަތް އަންނަ މަހުގެ މެދުތެރޭ ހުއްޓިދާނެކަމުގެ ބިރު އެބައޮތްކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިހާރު ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކުން ހިދުމަތްތައް ދެމުން ގެންދަނީ އިމެޖެންސީ ސްޓޮކްގައި ހުރި ސާމާނު ބޭނުންކޮށްގެން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މިހާތަނަށް ސާމާނަށް އޯޑަރު ނުކޮށްވަނީ ބަޖެޓުގެ ތާށިކަން އޮތުމުން ކަމަށް ސިއްހީ ފަރުވާދޭތަންތަނުން ހޯދި މައުލޫމާތުން އެނގިފައިވާ ކަމަށްވެސް ފިރުުޒުލް މިއަދު ވިދާޅުވި އެވެ.