ads
ރާއްޖެ އިސްލާމުވި ދުވަހާއި ގުޅިގެން ބޭއްވި ރަސްމިޔާތަށް ހޯމް މިނިސްޓަރު އިމްރާން ވަޑައިގަންނަވަނީ——ފޮޓޯ/އިސްލާމިކް މިނިސްޓްރީ
އިސްލާމްދީން ފަތުރާ އަދި އެނގޭ މީހުންވެސް މި އުންމަތުގައި މަދު: އިމްރާން
އިސްލާމްދީނުގެ އިލްމު ފަތުރާ މީހުންނާއި، އިސްލާމްދީން އެނގޭ މީހުންވެސް މުޅި އުންމަތުގެ ތެރޭގައި މިއަދު ވަރަށް މަދުވެފައިވާ ކަމަށާއި، އެންމެންނަކީ ދީން އެއްވަރަށް އިނގޭ ބަޔެއް ނޫންކަމުން، އެކަމުގެ ސަބަބުން އެކަކު އަނެކަކުގެ މައްޗަށް ބަދުބަސް ނުބުނުމަށް ހޯމް މިނިސްޓަރު، އިމްރާން އަބްދުﷲ އިލްތިމާސް ކުރައްވައިފި އެވެ.

ރާއްޖެ އިސްލާމުވި ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ، އިސްލާމްދީން ފެތުރުމާއި، އެނގޭ މީހުން މަދު ނަމަވެސް، މި ދީނަށް ވަންނަ މީހުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ރާއްޖޭގައިވެސް ހާއްސަކޮށް ޒުވާނުން [ހީކުރަނީ] އިސްލާމުދީނަކީ ވަރަށް ގިނަ އެއްޗެހިތަކެއް އެނގިގެން ވަރަށް ގިނަ އެއްޗެހިތަކެއް ދަސްކޮށްގެން ނޫނީ ނުވަދެވޭނެ ދީނެއް ކަމަށް،" އިމްރާން ވިދާޅުވި އެވެ.



އެ މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން އިމްރާން ވިދާޅުވީ، އިސްލާމްދީނަކީ ދިރިއުޅުމުގެ ފުރިހަމަ ނިޒާމު ކަމަށާއި، އެ ދީނަށް ވަނުމަކީ އުނދަގޫ ކަމެއް ނޫން ކަމަށެވެ. ދީނުގެ އަސްލު ހިފެހެއްޓުމަކީ ދީނަށް ވަނުމަށް ކޮންމެ މީހަކަށް މަގުދައްކަން ފަސޭހަވެގެންދާނެ ކަމެއް ކަމަށް އިމްރާން ވިދާޅުވި އެވެ.

ދިވެހި ރާއްޖެއަށް އިސްލާމުދީން އައުމަށް މަގުފަހިވީ، މަގުރިބު ކަރައިގެ މީހަކު ދިވެހި ރަދުންނަށް ދީން ކިޔައިދީ ހުށަހެޅުމުންކަން ފާހަގަކުރައްވާ އިމްރާން ވިދާޅުވީ، އެކަން ކުރުމަށް އޭނާ އަކީ ބޮޑު ދީނީ އިލުމެވެރިއަކަށް ވާން ނުޖެހޭ ކަމަށެވެ.  އޭނާ ހުށަހެޅި ދީނުގެ މައްޗަށް ކުރު މުއްދަތެއްގެ ތެރޭގައި އިސްލާމުދީނަށް ދިވެހިން ވަދެގެން ދިޔަކަމަށް  އިމްރާން ވިދާޅުވި އެވެ.

އިސްލާމްދީނުގެ އަސްލު ބިނާވާނީ އެ ދީނުގެ ވަރުގަދަ އަސާސްތަކުގެ މައްޗަށް ކަމަށް އިމްރާން ވިދާޅުވި އެވެ. ނަމަވެސް ގިނަ ފަހަރަށް، އިސްލާމްދީނުގެ އަސާސްތަކުގެ މަތިން އުޅެން ނޭނގެނީ، އިސްލާމްދީން މީހަކަށް އޮޅުންފިލުވައިދީ، ބުނެދިނުމުގައި އެކި މީހުން އެކި ގޮތަށް ވާހަކަތައް ބުނެދެމުން ދާތީކަން ވެސް އިމްރާން ފާހަގަކުރެއްވި އެވެ.

"ލޮބުވެތި އަހުންނާ އިހުތުން. އިސްލާމުދީނަކީ މިއީ. އިމާންކަމުގެ ހަ ރުކުން، އިސްލާމުކަމުގެ ފަސް ރުކުން. އިހުސާންތެރިކަން. ބާކީ އޮތް ހުރިހާ ބަޔަކީ ފުރިހަމަވުން. އެކި މީހުންނަށް ކުރެވޭނީ އެކި ވަރަށް." އިސްލާމުދީނަކީ ލުއި ފަސޭހަ ދީނެއްކަން ފާހަގަކުރައްވާ އިމްރާން ވިދާޅުވި އެވެ.



އިމްރާން އިތުރަށް ވިދާޅުވީ،  ދިވެހިންނަކީ އިސްލާމުދީނަށް އުޅޭ، ދީނަށް ލޯބިކުރާ، ސުންނަތަށް އަމަލުކުރާ ބައެއް ކަމަށެވެ. އެކަމަކު ހުރިހާ މީހުންނަކީ ދީން އެއްވަރަށް އިނގޭ ބަޔެއް ނޫންކަމަށެވެ. އަދި އެކަމުގެ ސަބަބުން އެކަކު އަނެކަކުގެ މައްޗަށް ބަދުބަސް ނުބުނުމަށް އިމްރާން އިލްތިމާސްކުރެއްވި އެވެ.

އެކަމުގެ ސަބަބުން، އިސްލާމުދީނަކީ އުނދަގޫ ދީނެއްގެ ގޮތުގައި ހާއްސަކޮށް ޒުވާނުންނަށް ވިސްނި، ނުބައި ތަސުއްވުރެ ދީނާމެދު ގެންގުޅެވޭ ކަމަށް އިމްރާން ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް