ads
މަޓާޓޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: ފަތުރުވެރިކަމުގެ ސިނާއަތު އޮތީ ނާޒުކު ހާލަތެއްގައިކަން ފާހަގަކުރި - ފޮޓޯ:މަޓާޓޯ
ފަތުރުވެރިކަމުގެ ސިނާއަތު އޮތީ ނާޒުކު ހާލަތެއްގައި: މަޓާޓޯ
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އޮތީ ނާޒުކު ހާލަތެއްގައި ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓަސް (މަޓާޓޯ) އިން ބުނެފިއެވެ.
Advertisement

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ހާލަތު ވަޒަންކުރުމަށް އަމާޒުކޮށްގެން އެ ޖަމިއްޔާއިން ކުރިއަށް ގެންދިޔަ ދިރާސާގެ މައުލޫމާތު ހާމަކުރުމަށް މަޓާޓޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޖަމިއްޔާގެ ރައީސް އަބްދުﷲ ގިޔާސް ރިޔާޒް ވިދާޅުވީ މި ސާވޭއަށް 2،000 އަށްވުރެ ގިނަ ބައިވެރިން މައުލޫމާތު ދިން ކަމަށެވެ.

ނުވަ ދާއިރާއަަކަށް ބަހާލައިގެން ކުރި މި ދިރާސާގައި މައުލޫމާތު އެއްކޮށްފައިވަނީ ރިސޯޓުތަކާއި ގެސްޓުހައުސްތަކާއި ލިވަބޯޑްސްތަކުންނާއި ޓޫރިޒަމްގެ ޕްރޮފެޝަނަލުންގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ކަމަށް ގިޔާސް ވިދާޅުވިއެވެ.

ދިރާސާއިން ފާހަގަވި ބައެއް ކަންބޮޑުވުންތަކާއި އެދޭ ކަންތައްތައް:

  • ލޯކަލް ޓްރެވަލް އެޖެންޓުންގެ ބިލެއް ނެތުން
  • ލޯކަލް އެޖެންޓުންނަަށް ހިމާޔަތް ލިބޭ އުސޫލުތަކެއް ޓެކްސް ނިޒާމުން ތައާރަފުކުރުން
  • އޮންލައިން ޓެރެވަލް އެޖެންސީތަކުގައި ވާދަވެރިކަން ހަމަހަމަ ކަމެއް ނެތި އޮތުން
  • ބޭންކް ޕޭމަންޓުތަކުގައި ދަތިވުން
  • ބޭރުގެ ޓްރެވަލް އެޖެންޓުންނާއި އެޖެންސީތައް ރެގިއުލޭޓްކުރުން

މީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.4 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައި ވީނަމަވެސް ރާއްޖޭގެ ބެޑް ކެޕޭސިޓީ 62،000 އެނދުގައި ހުރެ، ޖެނުއަރީ މަހުން ފެށިގެން އަހަރުގެ މިހާތަނަށް 50 އިންސައްތަ ބެޑް ކެޕޭސިޓީވެސް ފަތުރުވެރިން އޮކިއުޕައި ނުކުރާ ކަމަށް މަޓާޓޯގެ ދިރާސާގައިވެއެވެ.

މަޓާޓޯއިން ބުނެފައިވަނީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ޓޫރިޒަމް މިނިސްޓްރީން ބަލަނީ އެންމެ ރަނގަޅު މެޓްރިކްސްއެއް ބޭނުންކޮށްގެން ނޫން ކަމަށެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަޓާޓޯގެ ނައިބު ރައީސް މުހައްމަދު ޝާޒް ވަލީދު ވިދާޅުވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަން ވެއްޓިފައި އޮތީ ވަރަށް ނާޒުކު ވަޅުގަނޑަކަށް ކަމަށެވެ. އެކަމުން ސަލާމަތްވުމަށް ކުރެވެން ހުރި ކަމަށް އެ ފަރާތްތަކަށް ގަބޫލުކުރެވޭ ކަންކަން އެ ދިރާސާގައި ފާހަގަކޮށްފައިވާނެ ކަމަށް ޝާޒް ވިދާޅުވިއެވެ. ޝާޒް ވިދާޅުވި ގޮތުގައި ހުށަހަޅާފައިވާ ކަންކަމަކީ އަލަށް އަންނަ ސަރުކާރުންވެސް ކުރުން މުހިންމު ކަންކަމުގެ ގޮތުގައި ދެކިވަޑައިގަންނަވާ ކަމުގައެވެ.

އިންތިގާލީ މަރުހަލާއެއް ހިނގަމުން އަންނައިރު މިއީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހުރި ކަންބޮޑުވުންތައް ފާހަގަކޮށް ހިއްސާކުރުމަށް އެންމެ މުހިންމު ވަގުތު ކަމަށް ދެކިވަޑައިގަންނަވާ ކަން ފާހަގަކުރައްވާ މަޓާޓޯގެ ރައީސް ގިޔާސް ވިދާޅުވީ އެންމެފަހުން މިފަދަ ސާވޭއެއް ކޮށްފައިވަނީ 2011 ވަނަ އަހަރު ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް