ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓަށްވުރެ އިތުރަށް މި އަހަރު ތެރޭގައި ހަރަދުވާނެ ކަމަށް ބެލެވޭތީ ގާނޫނު އަސާސީގެ 96 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން މަޖިލީހަށް މި އަހަރަށް ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅާފައިވާ ކަމަށެވެ.
ދައުލަތުގެ ބަޖެޓަށް އިތުރުކުރުމަށް ހުށަހަޅާފައިވަނީ 6.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށާއި މި ސަޕްލިމެންޓަރީ ބަޖެޓާ އެކު، މި އަހަރުގެ ޖުމްލަ ބަޖެޓަކީ 49.3 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
ސަޕްލިމެންޓަރީ ބަޖެޓާ އެކު މި އަހަރުގެ ބަޖެޓަށް އައިސްފައިވާ ބަދަލުތައް:
ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ މި ސަޕްލިމެންޓަރީ ބަޖެޓުން މައިގަނޑު ގޮތެއްގައި ހަރަދު ކުރުމަށް ކަނޑައަޅާފައިވަނީ ޕީއެސްއައިޕީ އާއި އާސަންދަ އާއި ސަބްސިޑީތަކަށް ކުރާ ހަރަދުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދޫކުރާ ކެޕިޓަލް ކޮންޓްރިބިއުޝަންތަކަށް ކަމަށެވެ.
މި އަހަރުގެ ތެރޭގައި ޕީއެސްއައިޕީ ހިނގުން ހަލުވިވެ، ބަޖެޓުކުރި މިންވަރަށް ވުރެ ބޮޑަށް، އެ ނޫން ހަރަދުތައްވެސް ހިނގައި، ބަޖެޓު ފާސްކުރިއިރު ހަރަދުކުޑަކުރުމަށް ރާވާފައިވާ ގިނަ ފިޔަވަޅުތައް ރާވާފައިވާ ގޮތަށް ތަންފީޒުވެފައި ނުވާތީ، އެ ކަންކަމުން ލިބޭނެ ކަމަށް އަންދާޒާކުރާ ސޭވިންގްސް މިހާރު ދަށްވެފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.