ސަންގުޓީވީގެ ޕްރޮގްރާމަކަށް ރޭ ދެއްވި އިންޓަވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވެފައިވަނީ ސަރުކާރުގެ މި އަހަރުގެ ބަޖެޓު ހުސްވެފައިވުމާ ގުޅިގެން ސަޕްލިމެންޓަރީ ބަޖެޓެއް ފޮނުވާފައިވާ ކަމަށެވެ. އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސަޕްލިމެންޓަރީ ބަޖެޓަށް ގެންނަވަން ބޭނުންފުޅުވި ބަދަލުތައް ހުށަހެޅުމުގެ ފުރުސަތު ސަރުކާރުން ދިން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ސަޕްލިމެންޓަރީ ބަޖެޓަށް ގެންނަން ޖެހޭ ބަދަލުތައް އިންތިގާލީ މަރުހަލާގައި އެކުލަވާލި ބަޖެޓު ކޮމިޓީން ނިންމައި ހުށަހަޅާފައިވާ ކަމަށެވެ. އެކަން ކުރުމުގައި އިސްކަން ދިނީ މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލުކުރަން ބޭނުންވާ ކަންތައްތައް ހާސިލުކުރުމަށް ބަޖެޓުގައި ހިމަނަން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅުމަށް ތައްޔާރުވަމުން އަންނަނީ 52 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމުގައެވެ. އެ ބަޖެޓުގައި މުއިއްޒުގެ ވައުދުތައް ފުއްދަން ފައިސާ ހިމަނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަހަރު ނިމެން ބާކީ ދެ މަސް ދުވަހުގެ މުއްދަތެއް އޮތްއިރު ހަރަދުތައް ހަމަޖެއްސުމަށް ޖުމްލަ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ފިނޭންސް މިނިސްޓްރީން ވަނީ އިއްޔެ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައެވެ. މި ބަޖެޓާ އެކު މި އަހަރުގެ ޖުމްލަ ބަޖެޓު 49.3 ބިލިއަން ރުފިޔާއަށް އަރާނެއެވެ.