ads
ޖީއެމް ފޯރަމުގައި މުއިއްޒު ވާހަކަފުޅުދައްކަވަނީ: ވީއައިއޭގެ މަސައްކަތް އަންނަ އަހަރުގެ ޗުއްޓީ ދުވަސްވަރަށް ނިންމާނެ ކަމަށް ވިދާޅުވި - ފޮޓޯ:މުއިއްޒު މީޑިއާ
ވީއައިއޭގެ މަސައްކަތް އަންނަ އަހަރުގެ ޗުއްޓީ ދުވަސްވަރަށް ނިންމާނަން: މުއިއްޒު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ މަސައްކަތް ވީ އެންމެ ބާރަށް ކުރިއަށް ގެންގޮސް، އަންނަ އަހަރުގެ ހޮލިޑޭ ސީޒަނަށް އެ އެއާޕޯޓުގެ މަސައްކަތް ނިންމާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހަައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބަނޑޮސް ރިސޯޓުގައި މިހާރު ކުރިއަށްދާ ހޮޓްލިއާ މޯލްޑިވްސްގެ މި އަހަރުގެ ޖެނެރަލް މެނޭޖާސް ފޯރަމް ފެށުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ވީއައިއޭގެ މަސައްކަތް ވީ އެންމެ ބާރަށް ކުރިއަށް ގެންގޮސް، އަންނަ އަހަރުގެ ހޮލިޑޭ ސީޒަނަށް އެއާޕޯޓުގެ މަސައްކަތްތައް ނިންމުމަށް އަމާޒު ހިއްޕަވާފައިވާ ކަމަށެވެ. އެ އަމާޒަށް ވާސިލުވުމަށް ފައިނެންސަރުންނާއި ކޮންޓްރެކްޓަރުންނާ އެކު މަސައްކަތްކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވެފައިވަނީ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ދިވެހީން ދުނިޔޭގައި ހިފަހައްޓަމުން އަންނަ މާކެޓް ލީޑަޝިޕް ދެމެހެއްޓުމަށް ހުރި ގޮންޖެހުންތައް ދެނެގަނެ، އެކަންކަމާ އެކުވެސް ދުނިޔޭގެ މައިދާނުގައި ފަތުރުވެރިކަމުގެ އެންމެ އިސް މަގާމު ދެމެހެއްޓުމަށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ.

ފަތުރުވެރިކަމުގެ ސަބަބުން އެތައް އާއިލާތަކެއްގެ ދިރިއުޅުން މިއަދު އުފުލައިދީފައިވާކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވި ގޮތުގައި ފަތުރުވެރިކަމުގެ ފައިދާ ބެހިގެން ދިއުން ފުޅާކޮށް، ސިނާއަތަކީ ކޮންމެ ދިވެއްސަކަށް ފައިދާކުރަނިވި ސިނާއަތަކަށް ހެއްދެވުމަށް އުންމީދު ކުރައްވާ ކަމުގައެވެ. އެގޮތުން، މުވައްޒަފުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އިސްކަންދެއްވުމާއި މަސައްކަތާ އެކަށޭނަ ރަނގަޅު މުސާރައެއްގެ ކަށަވަރުކުރުމުގެ އިތުރުން މުވައްޒަފުންގެ އާއިލާތަކާ އެކު ހޭދަކުރުމަށް ލިބޭ ވަގުތު އިތުރުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ފަތުރުވެރިކަމުގެ މުސްތަގުބަލު ރާއްޖޭގެ މުސްތަގުބަލާ ގުޅިލާމެހިފައިވާ ކަމަށެވެ. ފަތުރުވެރިކަމުގެ ބިންގާ އަޅައިދީ މިހާ ހިސާބަށް މުޅި ސިނާއަތު ނަގަހައްޓަވައިދެއްވި ފަރާތްތަކުގެ މިންނެތް މަސައްކަތް ފާހަގަކުރައްވާ އެފަރާތްތަކަށް މުއިއްޒު ތައުރީފުކުރެއްވިއެވެ. 

މުއިއްޒުގެ ވާހަކަފުޅުގައި ވަނީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދެ މިލިއަނާ ގާތްކޮށްފައިވާއިރު، މި ކާމިޔާބަށް ވާސިލުވުމުގެ ހިއްސާދާރުންކަމުގައިވާ ފަތުރުވެރިކަމުގެ ދާއިރާގެ ޕައިނިއަރުންނާއި ވުނޭރުންނާއި އިސް ހިންގުންތެރިންގެ އިތުރުން މަސައްކަތްތެރި މުވައްޒަފުންގެ ގުރުބާނީ ފާހަގަކުރައްވައި އެ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. 

ފަތުރުވެރިކަމުގެ ސިނާއަތަކީ ދިވެހީންގެ އިޖުތިމާއީ ކުރިއެރުމާ ގުޅިލާމެހިފައިވާ އަދި އޭގެ އަސަރުތައް ދިވެހީންގެ ކުރިއެރުމުގެ ކޮންމެ ދިމާލަކަށް އަސަރުކުރުވާ އެންމެ މުހިންމު އެއް ސިނާއަތް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި ތަރައްގީކޮށް އާ ހަރުފަތަކަށް ގެންދެވުމަށް ވެވަޑައިގެންފައިވާ ވައުދުތައް ތަކުރާރުކުރައްވާފައެވެ. އެގޮތުން:

  • ވީއައިއޭގެ މަސައްކަތް ވީ އެންމެ ބާރަށް ކުރިއަށް ގެންގޮސް، އަންނަ އަހަރުގެ ހޮލިޑޭ ސީޒަނަށް އެއާޕޯޓުގެ މަސައްކަތްތައް ނިންމުމަށް އަމާޒު ހިއްޕަވައި ފައިނެންސަރުންނާއި ކޮންޓްރެކްޓަރުންނާ އެކު މަސައްކަތްކުރާނެ
  • ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރު ޑޮމެސްޓިކް އެއާޕޯޓުތައް ގާއިމުކޮށް، ދަތުރުފަތުރު ނެޓްވޯކް ފުޅާކޮށް ފުރިހަމަކުރައްވާނެ
  • ރާއްޖޭގެ ދެކުނުގައި ސީޕްލޭން ހަބެއް ގާއިމުކުރާނެ
  • ފަތުރުވެރިކަމުގެ ދިވެހި "ޕްރޮޑަކްޓް" ތައް ޕްރޮމޯޓްކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތައް ފުޅާކުރެއްވުމުގެ އިތުރަށް ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކުގައި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ ދައުރު ފުޅާކުރާނެ
  • މޯލްޑިވިއަންގެ އޮޕަރޭޝަންތައް ފުޅާކޮށް "ވައިޑް ބޮޑީ އޮޕަރޭޝަންސް" އަލުން ފަށާނެ
  • މޯލްޑިވިއަން އާއި އެމްއޭސީއެލްގެ ހިންގުން ހަރުދަނާކޮށް، ދެ ކުންފުންޏަކީ ހާއްސަ ގޮތެއްގައި ފަތުރުވެރިކަމުގެ ދާއިރާއަށް އަދި ޖުމްލަ ގޮތެއްގައި މުޅި ދިވެހި އިގުތިސޯދަށް ފައިދާކޮށްދޭ ދެ ކުންފުންޏަށް ހަދާނެ
  • ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް ހާއްސަ ރިޓަޔަމަންޓް ސްކީމެއް ތައާރަފުކޮށް، އެ ފަރާތްތަކަށް ހާއްސަ ސޯޝަލް ހައުސިން ސްކީމެއް ތައާރަފުކުރާނެ 

މުއިއްޒު ވިދާޅުވެފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ހިންގުމުގެ އިސް މަގާމުތައް ދިވެހީންނަށް ފަހިކޮށްދިނުމަށް ކުރެވެން ހުރި މަސައްކަތްތަކަށް ސަމާލުކަން ދެއްވާނެ ކަމަށެވެ.

ފަތުރުވެރިކަމުގައި އަންހެނުންގެ ބައިވެރިވުން ފުޅާކުރުމަށް ގާނޫނީ އޮނިގަނޑުތަކުގެ ތެރެއިން ގެންނަން ޖެހޭ ބަދަލުތައް ގެނެސް، ހަމަހަމަ އުޖޫރު ލިބިދެވޭކަން ޔަގީންކޮށް، ފަތުރުވެރިކަމުގައި އަންހެނުންގެ ދައުރާއި ބައިވެރިވުން އިތުރުކުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. 

މުއިއްޒު ވިދާޅުވި ގޮތުގައި ފަތުރުވެރިކަމުގެ ފައިދާ ސީދާ ގޮތެއްގައި ޒުވާނުންނަށް ފައިދާވާނެ މަގަށް ސިޔާސަތުތައް ބައްޓަން ކުރުމަށް އުންމީދުކުރައްވާ ކަމުގައެވެ. އެގޮތުން އެ މަގަށް ސިނާއަތުގެ ހުރިހާ ހިއްސާދާރުންވެސް މަސައްކަތް ކޮށްދެއްވުމަށް މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ.

މުއިއްޒުގެ ވާހަކަފުޅުގައި ވަނީ ދިވެހި އިގުތިސޯދު ސިންދަފާތުކުރުމުގެ އިތުރަށް ފަތުރުވެރިކަމުގެ ސިނާއަތުވެސް ސިންދަފާތުކުރުމަށް މަސައްކަތް ކުރަން ޖެހޭކަން ފާހަގަކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް