ކުޅުދުއްފުށީގައި ހިނގި ހާދިސާގައި ހާލު ސީރިއަސްވި އުމުރުން 37 އަހަރުގެ ދިވެހި ފިރިހެން މީހާ މާލެއަށް މިރޭ ގެނެސްފައިވަނީ ދިވެހި ސިފައިންގެ ޑޯނިއާ މަތިންދާ ބޯޓުގައެވެ. އެމްއެންޑީއެފުން ބުނެފައިވަނީ އޭނާގެ ހާލު ސީރިއަސް ކަމަށެވެ.
ކުޅުދުއްފުށި އެއާޕޯޓުގައި ހިނގި ހާދިސާގައި 37 އަހަރުގެ މީހާ އާއެކު އިތުރު ތިން މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ. އޭނާގެ އިތުރުން ދެން އަނިޔާވީ އަންހެނަކާއި ދެ ފިރިހެނުންނަށެވެ.
އަނިޔާ ލިބުނު މީހުންނަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފައިވަނީ ކުޅުދުއްފުށި އެއާޕޯޓުގައި ތަމްރީންތަކުގައި ބޭނުންކުރާ ސިލިންޑަރެއް ރީފިލް ކުރުމުގެ ތެރޭގައި ގޮވައިގެން ކަމަށެވެ. އެ ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވަނީ މިއަދު 11:45 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.