ފުލުހުން މީގެ އިރުކޮޅެއް ކުރިން ބުނެފައިވަނީ މަކުނުދޫގައި ނަރުދަމާ މަސައްކަތް ކުރަމުން ދިޔަ ސައިޓުގައި އެއްޗެއް ގޮވާފައިވާ ކަމަށް އެ އިދާރާއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެއެވެ.
މި ހާދިސާ އާ ގުޅިގެން ދެ މީހުން މަރުވެފައިވާ ކަމުގެ އިތުރުން އެހެން ތަފްސީލެއް ފުލުހުން އަދި ނުދެއެވެ.
މަކުނުދޫން މައުލޫމާތު ލިބުނު ގޮތުގައި މި ހާދިސާގައި ގޮވާފައި ވަނީ ބަނދަރާ ދުރު ނޫން ހިސާބެއްގައި ހުރި ނަރުދަމާގެ މަސައްކަތަށް ބޭނުންކުރާ ތަކެތި ގުދަންކޮށްފައިވާ ތަނެއްގެ ބޭރުގައި ހުރި ގޭސް ސިލިންޑަރެކެވެ. ގޭސް ސިލިންޑަރު ގޮވުމާ ގުޅިގެން މަރުވެފައިވަނީ އެ ރަށު އެއާޕޯޓަށް ބިން ހިއްކުމުގެ މަސައްކަތަށް ގޮސް އުޅުނު އިންޑިއާއަށް ނިސްބަތްވާ ދެ މީހުން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން އެ ދެ މީހުންގެ ހަށިގަނޑުގެ ބައިތައް 200 ވަރަކަށް ފޫޓު ދުރަށް ވިއްސައިގެން ގޮސް، މީހުން ވަކި ނުވާ ވަރަށް ވަނީ ޗިސްޗިސްވެފައެވެ. މި ހާދިސާގައި އެ ސަރަހައްދުގައި ހުރި ސައިކަލުތަކަށް ގެއްލުން ލިބި، އެ ރަށު ފަޅުގައި އަޅާފައި ހުރި ބައެއް ދޯނިތަކުގެ ބިއްލޫރިތައް ވަނީ ތަޅައިގެން ގޮސްފައެވެ.