ފުލުހުން ބުނީ އެ އިދާރާއިން ބެލި ބެލުމުން މަކުނުދޫގައި ގޮވާފައިވަނީ އެ ރަށު މަސް މާރުކޭޓު ކައިރީގައި އޮތް ސިލިންޑަރެއް ކަމަށް އެނގިފައިވާ ކަމަށެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ މަކުނުދޫ އެއާޕޯޓު ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކުންފުނީގެ ދެ މުވައްޒަފުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނެފައިވަނީ މި ހާދިސާގައި ނިޔާވެފައިވަނީ ބިދޭސީ ދެ ފިރެހެނުން ކަމަށެވެ.
އެއްޗެއް ގޮވާފައިވަނީ ނަރުދަމާ މަސައްކަތް ކުރާ ސައިޓްގައި ކަމަށް ކުރިން ބުނެވިފައިވަނީ އެވަގުތު ލިބިފައިވާ މައުލޫމާތުގެ ކުށަކުން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މަކުނުދޫން މައުލޫމާތު ލިބުނު ގޮތުގައި މި ހާދިސާގައި އިންޑިއާއަށް ނިސްބަތްވާ ދެ މީހުން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުން އެ ދެ މީހުންގެ ހަށިގަނޑުގެ ބައިތައް 200 ވަރަކަށް ފޫޓު ދުރަށް ވިއްސައިގެން ގޮސް، މީހުން ވަކި ނުވާ ވަރަށް ވަނީ ޗިސްޗިސްވެފައެވެ. މި ހާދިސާގައި އެ ސަރަހައްދުގައި ހުރި ސައިކަލުތަކަށް ގެއްލުން ލިބި، އެ ރަށު ފަޅުގައި އަޅާފައި ހުރި ބައެއް ދޯނިތަކުގެ ބިއްލޫރިތައް ވަނީ ތަޅައިގެން ގޮސްފައެވެ.