ads
އެފްއޭއެމްގެ ރައީސް ބައްސާމް: ފޮޓޯ މޯލްޑިވްސް ފުޓުބޯލް ކޮމް
އެފްއޭއެމް އިންތިހާބަށް ހުޅުވިއްޖެ!
ފުޓުބޯޅަ އެސޯސިއޭޝަން ބަދަލުވާން އުޅޭކަމުގެ ރަގަބީލުގެ އަޅައިފިއެވެ. ކަރަޕްޝަންގެ ތޫފާނެއްގެތެރޭއޮތް ފުޓުބޯޅައެސޯސިއޭޝަންގެ ހިންގާކޮމިޓީގެ ދެމެމްބަރުން، ނައިބު ރައީސް، މާޒިޔާގެ ސީއީއޯ ހުސެއިން ޝާފިއު އާއި އެގްޒެކެޓިން ކޮމިޓީ މެމްބަރު ގްރީންސްޓްރީޓްސްގެ ރައީސް މުއާވިއަތު ހަލީލް ވަނީ އިސްތިއުފާ ދެއްވާފައެވެ. ހަގީގީ ސަބަބުތަކެއް އަދި މާބޮޑަކަށް ސާފެއް ނުވެއެވެ.

އެގްޒެކެޓިވް ކޮމިޓީގެ ދެމެމްބަރުން އިސްތިއުފާ ދެއްވުމާއިއެކުއެކީ، އެސޯސިއޭޝަން އިންތިހާބަށް ހުޅުވިއްޖެއެވެ. ލަހެއް ފަހެއް ނުވެ، އެފްއޭއެމްގެ ރައީސްކަމުގެ މަގާމަށް ޝައުގުވެރިވާ ދެނަމެއްވެސް ހާމަވެސް ވެއްޖެއެވެ. އެއީ ރާއްޖެ ވިދުވާލި މޮޅު ކުޅުންތެރިޔާ މުހަންމަދު އަޝަފާގް (ދަގަނޑޭ) އާއި ރައްޔިރުންގެ މަޖިލިސްގެ މެމްބަރު، އަދި ކުރީގެ ގައުމީޓީމް ކުޅުންތެރިޔާ އަހްމަދު ތޯރިގް (ޓޮމް) އެވެ.

2024 ގެ ޖޫންމަހުގައި އޮންނަ ކޮންގެރެސްއަށް ތައްޔާރުވަމުންދާއިރު، ކޮންގްރެސް އެކުލެވިގެން އޮންނާނީ މިހާރުވެސް އޮތްގޮތަށްކަމަށް ބެލެވެއެވެ. އެއީ މާލޭގެ ތިން ޑިވިޒަންގައި ކުޅޭ އެންމެ ވިއްސަކަށް ކްލަބްގެ މައްޗަށް، އެކުލެވޭގޮތަށެވެ. ވީމާ އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް ކުރިމަތިލާ ބޭބޭފުޅުން މަސައްކަތްކުރައްވާނީ މާލޭގައިކުޅޭ ތިންޑިވިޒަންގެ ވިއްސަކަށްކްލަބްގެ އަގްލަބިއްޔަތު ހޯދުމަށެވެ. އެއީ އެންމެ ބާރަވަރަކަށް ކްލަބެވެ.

ރައީސްކަމަށް މެމްބަރު ތޯރިގް ކުރިމަތިލައްވަނީ، އެފްއޭއެމް ވެއްޓިފައިވާ އަދަވަޅުން ސަލާމަތްކުރުމެ ވައުދާއިއެކުއެވެ. އަޝްފާގް ގެ ވައުދެއް އަދި ސާފެއް ނުވިނަމަވެސް، "ދަގަޑޭ ފޯ ޕްރެޒިޑެންޓް" ގެ ނަމުގައި ފޭސްބުކް ޕޭޖެއް އުފެދިއްޖެއެވެ. މިހާރު ހުންނެވި ރައީސް ކުރިމަތި ނުލައްވާނެކަމަކަށް ވިދާޅެއް ނުވެއެވެ. ރައީސް ބައްސާމްގެ ދެޓާމްނިމިގެންދާއިރު، އެމަނިކުފާނުގެ ފިކުރުތައް ހުރިނެތްގޮތް ދެނެގަތުމަކީ ބޭނުންތެރިކަމަކަށް ވާނެކަން ފެންނާތީވެ ސޭވް އެފްއޭއެމުން މިދިޔަމަހު އެމަނިކުފާނާއި ބައަދަލުކުރީމުއެވެ.

ރައީސް ބައްސާމް އާއި ބައްދަލުކުރުން

ސޭވް އެފްއޭއެމް ގެ ފަރާތުން ރައީސް ބައްސާމްއާއި ބައްދަލުކުރި ހަތަރު މަނދޫބުންނަކީ، ފީފާ ނޯމަލައިޒޭޝަން ކޮމިޓީ (2008) ގެ މެމްބަރު އިބްރާހިމް އާމިރާއި، އިންތިގާލީ މަރުހަލާގެ ކުރީއްސުރެ، ދިގުމުއްދަތަކަށް އެފްއޭއެމް ގެ ހަޒާންދާރު އަދި އެގްޒެކެޓިވް ސެކެޓްރީގޮތުގައިވެސް ހިދުމަތްކޮށްދެއްވާފައިވާ ހުސިއން ރަޝީދާއި، މިއަހަރުގެ ޖުލައިމަހުގެ ނިޔަލަށް އެފްއޭއެމްގެ ރެފްރީޒް ޑައިރެކްޓަރަކަށް ހުންނެވި މުހަންމަދު އަމީޒާއި އަޅުގަޑެވެ. އަޅުގަޑަކީ އެފްއޭއެމްގެ ދެވަނަ ސެކްރެޓަރީ ޖެނެރަލްގެގޮތުގައި 1986 އިން ފެށިގެން ދިހައަހަރު އެމަސައްކަތުގައި އުޅުނު މީހަކީމެވެ.

ރައީސް ބައްސާމްއާއި ބައަދަލުކުރުމަށް އަޅުގަޑުމެން އެފްއޭއެމްގެ މައި އޮފީހަށް ދިއުމުން މާގިނައިރުތަކެއްްނުވެ، އެމަނިކުފާނު އަޅުގަޑުމެނާ ބައްދަލުކުރެއްވީ އެޖަމިއްޔާގެ ކްލިނިކްގެތެރޭ، ޗީފް މެޑިކަލް އޮފިސަރު ޝަކީބްގެ މޭސްތިރިކަމުގެ ދަށުގައެވެ. ބައްދަލުވުން ވިޑިއޯ ނުކުރުމަށް އެމަނިކުފާނު އެދިވަޑައިގަތުމުން އެކަން ނުކުރެވުނީއެވެ. ރައީސް ބައްސާމްއާއި އެކު، ނައިބު ރައީސް އަލީ އުރާއި، ސެކްކެޓްރީ ޖެނެރަލް، ހުސެއިން ޖަވާޒާއި، އަދި ސްޓާ ކުޅުންތެރިޔާ އަޝަފާގުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ދެކެވުނު ވާހަކަތައް

ރައީސް ބައްސާމްއާއިއެކު މަޝަވަރާކޮށްލަން ލިބުނު ވަގުތުކޮޅުގެތެރޭ ހުރިހާބޭފުޅުންވެސް ހިޔާލު ފައުޅުކުރެއްވިއެވެ. މައިގަޑު މައުލޫތަކަކަށްވީ އެފްއޭއެމް ގެ ދަރަންޏާއި ގުޅިގެން ދެމެހެއްޓެނިވި ގޮތަކަށް ފައިސާ ލިބޭތޯއާއި، ގައުމީ ލީގެއް ނުހިންގިގެން އުޅޭ ސަބަބާއި، އެފްއޭއެމް ގެ ކޮންގްރެސް އެކުލެވިގެންވާގޮތް ނުވަތަ ކޮމްޕޮސިޝަންގެ މައްޗަށާއި، 23 އަހަރުންދަށުގެ ގައުމީޓީމް ދެއަހަރުގެ ސަސްޕެންޝަނެއް ބޯމަތިވެފައި އޮތުމުން އެކަމެވެ. އަދި އެމަނިކުފާނު އިސްތިއުފާ ދެއްވުމާމެދު ދެކެވަޑަގަންނަވާ ގޮތްވެސް އޮޅުންފިލުވާލީމެވެ.

ދެމެހެއްޓެނިވިގޮތަކަށް ފައިސާ ލިބޭތޯ؟

ރައީސް ބައްސާމް ވިދާޅުވީ ކުރީ ދައުރުގައި އެއްވަނަޑިވިޒަންކްލަބްތަކަށް، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދެމުއްއައި ސްޕޮންސަރޝިޕް މިދައުރު ވަނީ ހުއްޓާލާފައި ކަމަށްވާތީވެ ދެމެހެއްޓެނިވިގޮތަކަށް އެފައިސާ ނުލިބޭ ކަމަށެވެ. އެހެންނަމަވެސް، މިފައިސާ ހޯދަމުން މިދަނީ ރަހްމަތްތެރި އެސޯސިއޭޝަން ތަކުން ކަމުގައި ވިދާޅުވިއެވެ. އެހެން އިބާރާތަކުން ދަންނަވަނީނަމަ، މިޒާތުގެ ކަންކަން ހިންގަނީ ވޯޓު ވިއްކައިގެނެވެ. އަދި މިގޮތަށްލިބޭ ފައިސާއަކީ، ސާފުކޮށް އެކައުންޓް ކުރެވޭ ފައިސާއަށް ނުވާނެކަންވެސް ދެނެގަނެވުނެވެ. "އެފައިސާ، މިފައިސާ" އޮޅުވާލުމުގެ ތުހުމަތަށް ރައީސް ބައްސާމް ވަނީ މީޑިއާގައި މީގެކުރީން އެއްބަސްވެސް ވެވަޑައިގަންނަވާފައެވެ. މިކަމަށް ކިޔާ އުޅެނީ މަނީ ލޯންޑަރިންގް އެވެ!  

ސުވާލަށް ސީދާ ޖަވާބެއް ދެއްވަމުން ވިދާޅުވީ، ކްލަބްތަކަށް ގަވާއިދުން ފައިސާ ދޫކުރާކަމަށެވެ. އެހެންނަމަވެސް ދޭތެރެދޭތެރެއިން ދަތިވުުމުން ފައިސާދިނުން މެދުކެޑޭކަމަށްވެސް ވިދާޅުވިއެވެ. ސެކެޓޭރިއެޓްގެ މުވައްޒޮފުންނާއި ކުޅުންތެރިންނަށް މުސާރަނުލިބިދަނީ މިހެނެވެގެން ކަމަށް ވިދާޅުވިއެވެ. އަދި މިއީ ދެމެހެއްޓެވެނި ގޮތެއް ނޫންކަމުގައިވެސް އެމަނިކުފާނު އެއްބަސްވެވަޑައިގަތެވެ.

އެފްއޭއެމް ކަރަޕްޝަނަށް ދޫކޮށްލުން

އެފްއޭއެމްގެ ދަރަނިތައް ބޮޑުވެ، ސަރުކާރުން އެފްއޭއެމް އޯޑިޓްކުރަން ޖެހޭނެކަމަށް މިހާތަނަށް ދެކެވިފިއެއް ނުވެއެވެ. އަދި އެފްއޭއެމް އިސްލާހްކުރަން ސަރުކާރުން އުޅެއްޖެނަމަ، ފީފާއިން ރާއްޖެ ސަސްޕެންޑްކުރާނެކަމުގެ ބިރު އޮތީ ކުޅިވަރު ވަޒީރު، އަހުމަދު މަހުލޫފް، ދައްކަވާފައެވެ. ވީމާ ނިމިގެން މިދާ ސަރުކާރުގެ ސިޔާސަތަކަށް ވީ އެފްއޭއެމް އިސްލާހްކުރުމުގެ ފިކުރު ދޫކޮށްލުމެވެ. ނޫސްތަކާއި ކޯޓް ހުކުންތަކުން ސާބިތުވަމުންދާ ކަރަޕްޝަންގެ އަމަލުތަކަށް ބީރުކަންފަތެއް ދިނުމެވެ. ވައްކަންކުރަން ދޫކޮށްލާށެވެ! މިކަންކަން ބަލާނެ ދައުލަތުގެ އެހެން މުއައްސަސާއެއްވެސް އޮތްކަމަކަށް ނުވިއެވެ.

ވީމާ، ރައީސްގެ ބައްސާމްގެ ހާސްކަމެއް ނެތެވެ. މިމައުލޫގައި، ރައީސް ބައްސާމް ވިދާޅުވީ، ދަރަނިތައް އަދާކޮށް، މުޅިނިޒާމް ހަމަމަގަށް އެޅުވުމަކީ އެމަނިކުފާނު ކުރައްވާނެކަމެއް ކަމަށެވެ. އަޑުއައްސަވަން ތިއްބެވި ސޭވް އެފްއޭއެމް ގެ މެބްރުން ހިނިފުޅުވަޑުވާލި މަޑުމައިތިރު ގޮތުން ހާމެވެގެންދިޔައީ ރައީސް ބައްސާމް އަނެއްކާވެސް އިތުރުފުޅު ހައްދަވަނީ ކަމަށެވެ. ރައީސް ބައްސާމްގެ އިތުރުފުޅު ހެއްދެވުމުގެ ޝަގާފަތަކީ މީޑިއާ ރިޕޯޓްތަކުން މިހާރު ކަށަވަރު ކުރެވިފައިވާ ހަގީގަތެކެވެ. އެއީ ވިދާޅުވާ އެއްވެސް ކަމެއް އެއްވެސް އިރެއްގައި ކުރައްވާފައި ނުވާތީއެވެ. އެހެންނަމަވެސް އެމަނިކުފާނު ވިދާޅުވަނީ އެމަނިކުފާނަކީ އިތުރުފުޅު ހައްދަވާ ބޭފުޅެއް ނޫންކަމުގައެވެ. ބައްދަލުވުން ކުރިއަށް ދިޔައީ ވަރަށް އޮމާންކަމާއި، މަޑުމައިތިރި ކަމާއި އެކުއެވެ!

އިސްތިއުފާގެ ހިޔާލަށް އެމަނިކުފާނުގެ ވިސްނުން ހުރީ، މެމްބަރު ކްލަބްތަކުގެ ތާއީދު އޮތްހާހިދަކު، އެމަނިކުފާނު އިސްތިއުފާ ދެއްވަން ޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ.

23 އަހަރުންދަށުގެ ގައުމީޓީމް ސަސްޕެންޝަން

މިމައްސަލައިގައި 2026 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ މިއުމުރުފުރާ ޓީމް ސަސްޕެންޑްކޮށް ފަންސާސްހާސް ޑޮލަރުން ޖުރިމަނާކުރާނެކަމަށް ބެލެވޭ ބެލެވުމާ ގުޅިގެން ރައީސް ބައްސާމް ވިދާޅުވީ ސަސްޕެންޝަނެއް ނާންނާނެ ކަމަށެވެ. އެކަން ކޮޅެއްގައި ޖެހެން އަންނަނީ، 23 އަހަރުންދަށުގެ ޓީމަށް މުބާރާތަށް ނުދެވުނީ އެސޯސިއޭޝަންގެ ކޮންޓްރޯލުން ބޭރުން ހިގިކަމެއްކަމުގައި ސާބިތުކޮށްދެވިގެން ކަމަށް ދެކޭކަމަށް ދެންނެވުމުން ވިދާޅުވީ، އެކަން އެގޮތަށް ސާބިތުކޮށްދެވޭނެކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. މިހާރު މައްސަލަ އޮތީ އޭއެފްސީގެ ޑިސިޕްލިނަރީ ކޮމިޓީގައެވެ.

ގައުމީ ލީގެއް ނުހިގާ ސަބަބު

އެމަނިކުފާނު ދެކެޥަޑައިގަންނަވަނީ ގައުމީ ރަގަޅުލީގެއް ހިގާކަމަށެވެ. އެގްޒެކެޓިވް ކޮމިޓީގެ ފުރިހަމަ ތާއީދާއިއެކު އެއިރު ހުންނެވި ރައީސް ބައްސާމް ވިދާޅުވީ ރަގަޅު ލީގެއްގެ ފެށުން އަންނައަހަރު ފެންނާނެ ކަމަށެވެ. އެއީ މާލެއަށް 9 ޓީމް، ރާއްޖެތެރެއަށް 3 ޓީމް ގެ ހޯމްއެންޑް އަވޭ ލީގެއްގެ ވާހަކައެވެ. ގާނޫނުތައް ހުރިގޮތުން މިމިންވަރަކީ ލާމަރުކަޒު އުސޫލްތަކާ ފުށުއަރާ މިންވަރެއްކަން އެމަނިކުފާނަކަށް ފަހުމްވެވަޑައެއް ނުގަންނަވާކަން ހާމަވިއެވެ. ރައީސް ބައްސާމްއާއި، ހާޒިރުވެ ތިއްބެވި ވެރީންގެ ފިކުރުގައި، ގާނޫނުއަސާސީއިން ރާއްޖެ ލާމަރުކަޒުކޮށް ހިންގަން ކަޑައަޅާފައިވާ ތަސައްވުރެއް ފަހުމްވެފައި ނެތްކަން ދެނެގަނެވުމުން މިމައުލޫ ދޫކޮށްލީއެވެ.

ކޮންގްރެސް އެކުލެވިގެންވާގޮތް (ކޮމްޕޮސިޝަން)

މި މަޝްވަރާގައި، އެފްއޭއެމްގެ ކޮންގްރެސްގައި ހަމައެކަނި މާލޭގައި ކުޅޭ ކްލަބްތަކަށް ފިޔަވާ އެހެން ކްލަބަކަށް ބައިވެރި ނުވެވޭގޮތަށް އޮންނައޮތުން ބަދަލުކުރަން ގަސްދުކުރައްވަމުތޯ އަހާލެވުނު ސުވާލަށް، ކުއްލިއަކަށް ޖަވާބު ދެއްވީ ނައިބުރާއީސް އަލީ އުމަރެވެ. އެމަނިކުފާނުގެ އަޑުފުޅާއި، ރާގުން ދެނެގަނެވުނީ އިތުރު ކްލަބްތައް (އަތޮޅުތައް) ކޮންގްރެސްގައި ބައިވެރިވުމުގެ ފުރުސޮތު ދިނުމަކީ ޑިމޮކްރަސީގެ ހައްދުފަހަނައަޅާ ދިއުންކަމަށެވެ. ބޮޑު ގޯހެއް ކަމުގައެވެ!

މަޝްވަރާ ގެ މިމަރުހަލާވެސް ދޫކޮށްލަން ޖެހުނީ މިބޭފުޅުންގެ މިފަދަ ބޯދާ ހިޔާލްތަކުގެ ސަބަބުންނެވެ. އަޅުގަޑުމެނަށް ސާފުވި ހަގީގަތަކީ، އަތޮޅުތަކުގެ ކްލަބްތައް ކޮންގްރެސްގައި ބައިވެރިކުރުމަކީ އެފްއޭއެމްގެ ވެރިންނަށް އެއްވެސްގޮތަކަށް ފަހުމް ކުރެވިފައިވާ ހަގީގަތެއް ނޫންކަމެވެ.

ސޭވް އެފްއޭއެމް ގެ މަންދޫބުންނަށް ދެނެގަނެވުނީ، މުޅިރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައި ބޯޅަކުޅޭ ޒުވާނުންގެ ހައްގުތައް، މާލޭ ސަރަހައްދަށް ހަނިވެފައިވާ "ގައުމީ" ޖަމިްއޔާއަކުން ހިސޯރުކުރުމަށް ނިމިގެން މިދާ ސަރުކާރުންވެސް ދޫކޮށްލީ ކަމަށެވެ. އެސަރުކާރުގެ ކުޅިވަރު ވަޒީރު އަހްމަދު މަހުލޫފް ވިދާޅުވީ، އެފްއޭއެމް އިސްލާހްކުރަން އުޅެއްޖެނަމަ، ރާއްޖެ ސަސްޕެންޑް ކުރާނެ ކަމަށެވެ. ދެން އޮތީ އިންތިހާބީ ރައީސް ޑރ. މުހަންމަދު މުއިޒްގެ ރިޔާސަތުގައި ޕީއެންސީ އިން އެކުލަވާލާ ސަރުކާރެވެ. އެސަރުކާރުގެ ކުޅިވަރު ސިޔާސަތުތަކުގެ އެކަށީގެންވާ ތަފްސީލެއް އަދި މުޅިން ސާފެއް ނުވެއެވެ.

މިވަގުތުގެ ތަސައްވަރު.

ކޮންމެއަކަސް، އެފްއޭއެމް މިހާރު މިއޮތީ އިންތިހާބަށް ހުޅުވިފައެވެ. ކުރިއަށްއޮތް ދައުރަށް ކުރިމަތިލައްވަން ޝައުގުވެރިވާ ވެރިންވެސް ހާމަވާން ފަށާފައެވެ. ސަރުކާރަކީ ކުޅިވަރުގެ އެންމެ ބޮޑު ސްޕޮންސަރަށް ވާއިރު، ސަރުކާރުވެސް މިއޮތީ ބަދަލުވުމުގެ އިންތިގާލީ މަރުހަލާގައެވެ. އެފްއޭއެމްގެ އިންތިހާބު އަންނަންވާއިރު، ރައްޔިތުންގެ މަޖިލިސްގެ އިންތިހާބު ނިމި އައު ސަރުކާރު އޮނާނީ ގާއިމްކުރެވިފައެވެ.

ވީމާ މިވަގުތުގެ އެންމެ މުހިންމު ކަމަކަށްވާނީ އާސަރުކާރުގެ ކުޅިވަރުސިޔާސަތުދެނެގަތުމެވެ. މީޑިއާ ރިޕޯޓްތަކުން ބުނާގޮތުން ރައީސް ބައްސާމްއަކީ އާ ސަރުކާރުގެ އިތުބާރު އޮތް ބޭފުޅެއް ނޫނެވެ. ކުޅިވަރު ޕޮލިޓިސައިޒް ވެފައިއޮންނަ ރާއްޖެފަދަ ގައުމެއްގައި، ސަރުކާރުގެ ރުހުމަކީ، މިނިވަންކޮށް ހިންގިނަމަވެސް، އިތުބާރު އޮތްފަރާތްތަކަށް އިންތިހާބުތަ ފަހިކޮދޭ ކަމެކެވެ. ވީމާ މިހާރު މިއޮތީ ބައްސާމް ނޫންގޮތެއް ވާންޖެހިފަި ކަމަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

މިވަގުތު އޮތް އެމްމެ ބޮޑު ސުވާލަކީ، އެފްއޭއެމަށް ބަދަލެއް އަންނާނެ ތޯއެވެ؟ ބަދަލެއް އަންނަނަމަ، އެބަދަލަކީ ކިހާވަރެއްގެ ބަދަލެއް ތޯއެވެ.

ސޭވް އެފްއޭއެމުން ލޮބީކުރަމުން ދަނީ ބޮޑު ބަދަލަކަށެވެ. އިންގިލާބީ ބަދަލަކަށެވެ. ކޮންގްރެސްގައި އަތޮޅުތަކުގެ ކްލަބްތަކަށް ބައިވެރިވެވޭގޮތަށް ހިންގާގަވާއި ބަދަލުކުރަންޖެހޭ ކަމަށެވެ. އާބާދީގެ ނިސްބަތުން ރާއްޖޭގެ ހުރިހާ ސަރަހައްދެއް ކްލަބްތައް އެފްއޭއެމްގެ ކޮންގްރެސްގައި ތަމްސީލް ވާންޖެހޭނެކަމަށެވެ. އަދި ހުރިހާއަތޮޅު/ސަރަހައްދުތައް ތަމްސީލްކުރާ ކްލަބްތަކަށް ގައުމީލީގުން ޖާގަދޭންޖެހޭނެކަމަށެވެ. އަދި ގައުމީ ފެންވަރުގައި ތިން ފަށަލައަށް ލީގް ބައްޓަން ކުރުމަށެވެ. އެއީ ޕްރެމިއަރް ލީގް (އެއްވަނަ ޑިވިޒަން)، އަތޮޅު/ސަރަހައްދީ ލީގް (ދެވަނަ ޑިވިޒަން)، ސްކޫލް ލީގް (ޔޫތު ޑިވެލޮޕްމަންޓް) އެވެ.

މިފަދަ ތަސައްވަރެއްގައި، ހިގާދިޔަ ކަރަޕްޝަނާއި، ބޭއިންސާފުތަކަށް އިންސާފު ހޯދާދެވެން ޖެހެއެވެ. އެފްއޭއެމް އަކީ ދައުލަތުގެ ސަހްސެކެވެ. މުޅިރާއްޖެ، ބައިނަލްއަގުވާމީ މައިދާނުގައި ތަމްސީލްކޮށްދޭ ސަހްސެކެވެ. ވީމާ އެފްއޭއެމް  ހިސޯރުކޮށްގެން ބަޔަކު ހިންގި ޖަރީމާތައް އިންވެސްޓިގޭޓްކޮށް، މިޖަމިއްޔާއިން ގެއްލިފައިވާ ފައިސާ އިޔާދަކޮށް، މުވައްޒޮފުންނާއި، ކުޅުންތެރީންނަށް ދޭން އެއްބަސްވެފަފައިވާ މުސާރަތައް ހަމައަށް އަދާކުރަން ޖެހެއެވެ. އެހެންނޫންނަމަ، އެފްއޭއެމް ދެންވެސް އޮންނާނީ މިހާރު މިއޮތް ހާލަތުގައެވެ.

އެޑިޓަރުގެ ނޯޓް:

ހާމިދު އަބްދުލްޣަފޫރަކީ ކުޅިވަރު ހިންގުމުގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައި އަދި އެ ދާއިރާއިން އަމަލީ ގޮތުން އެތައް ތަޖުރިބާތަކެއް ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. ހާމިދު ޢަބްދުލްޣަފޫރަކީ، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކެރެޓްރީ ޖެނެރަލްކަމުގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ކަން ކުރައްވާފައިވާ ބޭފުޅެކެވެ. ހާމިދަކީ މިހާރު ވެސް ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ކައުންސިލްގައި ސްޕޯޓްސް، އާޓްސް އެންޑް ކަލްޗާގެ ދާއިރާގެ ބޭފުޅެއްގެ ހައިސިއްޔަތުން އިންނަވާ ބޭފުޅެކެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް