ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ ދަށުން ހިންގަމުން އަންނަ އެއާޕޯޓުތަކުގައި ޕްރެޝާ ޕެޑް ބޭނުންކުރުން ވަގުތީ ގޮތުން މެދުކަނޑާލާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ހދ. ކުޅުދުއްފުށީ އެއާޕޯޓުގައި ޕްރެޝާ ފެޑް ސިސްޓަމަށް ގޭސް އަޅަން އުޅުމުގެ ތެރޭގައި އެ ސިލިންޑަރު ގޮވައި ހަތަރު މުވައްޒަފަކަށް އެކިވަރުގެ އަނިޔާ ލިބުނު ހާދިސާ އާ ގުޅިގެންނެވެ.
ރާއްޖޭގެ ހުރިހާ އެއާޕޯޓެއްގައިވެސް ބޭނުން ކުރަމުންދާ ޕެޑް ސިސްޓަމަކީ އެއާޕޯޓުތަކުގެ ފަޔާ އެންޑް ރެސްކިއު ޑިޕާޓްމަންޓުގެ ޓްރެއިނިން ޑްރިލްއެއްގައި ބޭނުންކުރާ ސިސްޓަމެކެވެ. ކޮންމެ ތިން މަހަކުން ޕްރެޝަރުގައި ރޯވެ އަނދައަނދައި ހުންނަަ އަލިފާން ނިއްވާލުމުގެ ތަމްރީނުތައް ހަދަން ޖެހޭއިރު މި ތަމްރީނުތަކުގައި ފަޔަމަނުންނަށް ޖެހެނީ މި ޕްރެޝާ ފެޑްގައި ރޯ ކުރާ ހުޅުގަނޑު ނިއްވާލާށެވެ.
ރީޖަނަލް އެއާޕޯޓްސްގެ ފަރާތުން ބުނެފައިވަނީ ސިވިލް އޭވިއޭޝަން އޮތޯރިޓީ އާ ގުޅިގެން އެ ހާދިސާ ހިނގައި ދިޔަގޮތް ތަހުގީގު ކުރަމުން އަންނާތީވެ، އެ ކުންފުނީގެ ދަށުން ހިންގަމުންދާ ހުރިހާ އެއާޕޯޓުތަކެއްގައި އެ ސިސްޓަމް ބޭނުންކުރުން މެދުކަނޑާލާފައިވާ ކަމަށެވެ.
ކުޅުދުއްފުށި އެއާޕޯޓުގެ ފަޔާ ޓްރެއިނިންގައި ބޭނުންކުރާ ސިލިންޑަރެއް ރީފިލް ކުރުމުގެ ތެރޭގައި އެ ސިލިންޑަރު ގޮވައި ހިނގި ހާދިސާގައި ޒަހަމްވި ހަތަރު މީހުންގެ ތެރެއިން އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބުނުއިރު، އޭނާއަށް ފަރުވާ ދިނުމަށް މާލެއަށް ވަނީ ގެނެސްފައެވެ.