ވެސްޓް ހޭމްގެ މައްޗަށް އެސްޓަން ވިލާއިން ކުރިހޯދީ 4-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ 30 ވަނަ މިނެޓުގައި އެސްޓަން ވިލާއަށް ލީޑު ނަގައިދިނީ ޑަގްލަސް ލުއިޒްއެވެ. ފުރަތަމަ ހާފު ނިމުނީ އެއް ލަނޑުގެ ތަފާތުން އެސްޓަން ވިލާ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބު ކޮށްގެން ލުއިޒް ވަނީ މި މެޗުގައި ދެލަނޑު ޖަހާފައެވެ.
ނަމަވެސް އޭގެ ހަމިނެޓު ފަހުން ވެސްޓް ހޭމްގެ ޖެރަޑް ބޯވެން ވަނީ ލަނޑެއްޖަހާ، އެޓީމަށް އުންމީދު ހޯދައިދީފައެވެ.
އެސްޓަން ވިލާއަށް ދެވަނަ ފަހަރަށް ފަރަގު ބޮޑުކޮށްދިނީ އޮލިއެ ވަޓްކިންސްއެވެ. އަދި އެޓީމުގެ ފަހު ލަނޑު ޖަހައިދިނީ ލިއޯން ބެއިލީއެވެ.
މި ނަތީޖާއާއެކު އެސްޓަން ވިލާއިން ތާވަލްގެ ފަސްވަނައަށް އެރީ ޖުމްލަ 19 ޕޮއިންޓު ހޯދައިގެންނެވެ. މެޗުން ބަލިވި ވެސްޓް ހޭމް އޮތީ 14 ޕޮއިންޓާއެކު ތާވަލުގެ ނުވަ ވަނާގައެވެ.