ads
ނައިބު ރައީސް ފައިސަލް
އެދެނީ ސަމަރުބްލޫ އިބްރާހިމް މަނިކަށް ދިވެހިރާއްޖޭގެ އަޑުގެ ނަން ހާއްސަވުން: ނައިބު ރައީސް
ރާއްޖޭގެ ރޭޑިއޯ ބްރޯޑްކާސްޓިންގެ ހިދުމަތުގެ ބާނީއަކީ އަލް މަރްހޫމު އިބްރާހިމް މަނިކު (ސަމަރުބްލޫ އިބްރާހިމް މަނިކު ނުވަތަ ސަމަރޭ) ކަމަށް އެ މަނިކުފާނު ގަބޫލުފުޅުކުރައްވާ ކަމަށާއި ދިވެހިރާއްޖޭގެ އަޑުގެ ނަމުން ވެސް އެ މަނިކުފާނުގެ ނަން އައުމަކީ އެދިވަޑައިިގަންނަވާ ގޮތް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ރޭ ވިދާޅުވެއްޖެއެވެ.
Advertisement

އިސްލާމީ މަރުކަޒުގައި ބޭއްވި އަލްމަރުޙޫމް ސަމަރު ބްލޫ އިބްރާހީމް މަނިކުގެ ތައުބީނުގެ ޖަލްސާ ޝަރަފުވެރި ކޮށްދެއްވަމުން ނައިބު ރައީސް ވިދާޅުވީ، އެފަދަ ހިދުމަތްތެރި ބޭފުޅުންގެ ޒިކުރާ އަބަދުވެސް ޝުކުރުވެރިކަމާ އެކު އާ ކުރަން ޖެހޭ ކަމަށެވެ.

ފައިސަލް ވިދާޅުވީ ސަމަރު ބްލޫ އިބްރާހީމަކީ ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އެއް ބޭފުޅާކަމަށެވެ. މީގެ އެތައް އަހަރެއްކުރިން ދިވެހި ޤައުމު މިއަދު މިދެކޭ އެތައް ޚިދުމަތެއް ފެށްޓެވުމުގެ މޭސްތިރިއެއްގެ ގޮތުގައި ނައިބު ރައީސް ވަނީ އެމަނިކުފާނު ސިފަކުރައްވާފައެވެ.

އެގޮތުން ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާއަށް އިންޤިލާބީ އެތައް ބަދަލުތަކެއް ގެނެސްދެއްވާފައިވާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި އެދާއިރާއިން މީހުން ބިނާކުރުމަށް ދެއްވި އަޙައްމިއްޔަތުކަން މިއަދު ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާއިން ފެންނަމުންދާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނުގެ ޚިދުމަތްތައް މިއަދު ފާހަގަކުރަމުންދާ މިންވަރަށްވުރެ ބޮޑަށް މިދާއިރާއިން ފެންނަން ހުންނަންޖެހޭކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރަނީ ރާއްޖޭގެ ރޭޑިއޯ، ދިވެހިރާއްޖޭގެ އަޑުގެ ބާނީއަކީ އަލްމަރުހޫމް ސަމަރުބުލޫ އިބްރާހީމް މަނިކު. އެ ތަނުގެ އެ މަރުކަޒުގެ ނަން ވެސް ކޮންމެވެސް އެއް ސިފައެއްގައި ނިސްބަތް ވާން ޖެހޭނީ އަލްމަރުހޫމް ސަމަރުބުލޫ އިބްރާހީމް މަނިކުގެ ނަންފުޅު އަންނަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން،" ފައިސަލް ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ އެއްވެސް ނިއުމަތެއް ބީވެ ނުދަނީސް، އެ ނިއުމަތެއްގެ އަގު ވަޒަންކުރުމަކީ އިންސާނުންނަށްވީތީ ޠަބީއަތުގައި ވެސް މަދުން ނޫނީ ނުކުރެވޭ ކަމެއް ކަމަށެވެ.

އަދި، މީގެ 50 ވަރަކަށް އަހަރު ކުރިން ރާއްޖޭގެ ކަންކަން ހުރި ގޮތް ތަޞައްވުރުކުރުމަކީ މިއަދުގެ ކުދިންނަށް ދަތި ކަމެއްކަމަށް ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ބްރޯޑްކާސްޓިން ދާއިރާއިން ލައިފްޓައިމް އެޗީވްމެންޓް އެވޯޑު ހާސިލްކުރައްވާފައިވާ އިބްރާހިމް މަނިކު އަވަހާރަވީ މިދިޔަ އަހަރުގެ ނޮވެންބަރު 30 ވަނަ ދުވަހު އެވެ.

އަހަރެއް ފަހުން ބޭއްވި ތައުބީންގެ ޖަލްސާގައި އިބްރާހިމް މަނިކުގެ އާއިލާގެ ބައެއް ބޭފުޅުންނާއި ރަހުމަތްތެރިންގެ އިތުރުން ބްރޯޑްކާސްޓިން ދާއިރާގައި ހަރަކާތްތެރިވާ ގިނަ ބަޔަކު ބައިވެރިވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް