އިލްޔާސް އެގޮތަށް ވިދާޅުވީ އިންތިޚާބުތަކަށް ސަރުކާރުން ނުފޫޒު ފޯރުވުން ހުއްޓުވުމަށް ގޮވައިލާ ދަ ޑިމޮކްރެޓްސްގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށަހެޅުއްވި ގަރާރަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރި ބަހުސްގެ ތެރެއިންނެވެ.
ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ލިޔެކިޔުންތައް ނައްތާލާ ކަމަށް ބުނާ ވީޑިއޯއެއްގެ ހަބަރުތައް މީޑިއާ އިން ފެންނަ ކަމަށް އިޝާރާތް ކުރައްވާ އިލްޔާސް ވިދާޅުވީ ބައެއް ކުންފުނިތަކުގައި ހުރި ލިޔެކިޔުންތައް ތިލަފުއްޓަށް ގެންގޮސް ކޮންކްރިޓް މެޝިނަށް އަޅައި، ނައްތާލާ ވާހަކައާއި އޮފީސްތަކުގައި ހުރި ސަރުކާރުގެ ލިޔެކިޔުންތައް ޕިކަޕުތަކަށް އަރުވައިގެން ގޮސް ނައްތާލާ ވާހަކަ ތަހުގީގުކޮށް ބެލަން ޖެހޭ ކަމަށެވެ.
އިލްޔާސް ވިދާޅުވީ އިންތިގާލީ މަރުހަލާގައި ސަރުކާރުގެ އެއްވެސް ލިޔެކިއުމެއް ނައްތާލުމަކީ ރަނގަޅުކަމެއް ނޫން ކަމަށެވެ.
ހަމަ އެހެންމެ އަންނަ ސަރުކާރުން ބަލަންވާ ހާލަތެއް އަތުވެއްޖެ ނަމަ އެ ލިޔެކިއުންތައް ފެންނަން އޮންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ސަރުކާރުގެ އެފަދަ ލިޔެކިއުންތަކަކީ އަމާނާތްތެރި ކަމާއެކު ބަލަހައްޓައި ރައްކާތެެރި ކުރަން ޖެހޭ ލިއުންތަކެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވީ ސަރުކާރުގެ ކުންފުނިތައް ހިންގަން ދައުލަތުގެ ބަޖެޓުން ބިލިއަނެއްހާ ރުފިޔާ ދޫކޮށްފައިވާ އިރު، އެކަމަށް ޖަވާބުދާރީވުމުގެ ބަދަލުގައި މިހާރު މި އަޑު އިވެނީ ލިޔުންތައް ނައްތާލައި ވާހަކަ ކަމަށެވެ.
ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ތެރޭގައި، މިއީ ދައުލަތުގެ ހިސާބުކިތާބު ބަލަހައްޓައި ގޮތެއް ނޫން ކަމަށާއި މީގެ ބޭނުމަކީ އެ ކުންފުނީގެ ތެރެއިން ހިންގާފައިވާ ކޮރަޕްޝަން ފޮރުވުން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ލިޔެކިޔުންތައް ނައްތާލާ ކަމަށް ބުނާ ވީޑިއޯއެއް އާންމުވެފައިވާތީ އެކަންތައް ތަހުގީގުކޮށް ބެލުމަށް އާއްމުން އަންނަނީ ގޮވާލަމުންނެވެ. އަދި އެ ވީޑިއޯ އާންމުކުރި އެފްއެސްއެމްގެ މުވައްޒަފު ވަޒީފާ އިން ސަސްޕެންޑް ކުރުމުން އެކަމާ ވެސް އާއްމުން ވަނީ ޝޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށްފަ އެވެ.
މި މައްސަލައިގައި މިހާތަނަށް އެފްއެސްއެމްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
- އިތުރަށް ކިޔާލަން: އެފްއެސްއެމްގެ ލިޔުންތައް ނައްތާލާ ވީޑިއޯކުރި މުވައްޒަފު ސަސްޕެންޑްކޮށްފި