ads
ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާދިން ރޭ ސިފައިން ހަރަކަތްތެރި ވަނީ
މޭ ހައެއް ހަމަލާގެ މުޅި ރިޕޯޓް ނުދޭން ކޮމިޓީން ނިންމައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީއިން ތައްޔާރުކުރި ތަފްސީލީ ރިޕޯޓް ހޯދުމަށް އާއްމު މީހަކު އެދިފައިވީ ނަމަވެސް، އެ ރިޕޯޓް ހިއްސާނުކުރެވޭނެ ކަމަށް ސަލާމަތީ ހިދުމަތަތަކާ ބެހޭ ކޮމިޓީން މިއަދު ނިންމައިފި އެވެ.

މޭ ހައެއް ހަމަލާގެ ތަފްސީލް ރިޕޯޓް ހޯދުމަށް އެދިފައި ވަނީ އެ ހަމަލާ ރޭވި ކަމަށް ފުލުހުން ތުހުުމަތުކޮށް ދައުވާ އުފުލާފައިވާ އިސްހާގު އެވެ. އެ ރިޕޯޓަށް އިސްހާގުގެ ފަރާތުން އެދިފައި ވަނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުންނެވެ. 

މަޖިލީހުން ހިންގި ޕާލިމަންޓަރީ އިންކުއަރީއަށް ފަހު ނެރުނު ރިޕޯޓުގައި ޓެރަރިޒަމާއި ހަރުކަށި ފިކުރާއި އިންޓެލިޖެންސް ނިޒާމުގެ އިތުރުން ދައުލަތުން ސެކިއުރިޓީ ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރަން ޖުމްލަ 45 ރެކޮމެންޑޭޝަންތަކެއް ސަރުކާރަށް ހުށަހަޅާފައިވެ އެވެ.

އިންކުއަރީ ރިޕޯޓުގައި ދީފައިވާ 45 ރެކޮމެންޑޭޝަން ތެރޭގައި ހިމެނެނީ ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމަށް ދީފައިވާ 29 ރެކޮމެންޑޭޝަނަކާއި ނަޝީދުގެ ސެކިއުރިޓީއާ ގުޅޭ 10 ރިކޮމެންޑޭޝަނަކާއި ފައިނޭންޝަލް އިންޓެލިޖެންސާ ގުޅޭ ހަ ރެކޮމެންޑޭޝަނެކެވެ.

އިންކްއަރީ ރިޕޯޓުގެ ތަފްސީލް ރިޕޯޓް ހޯދުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމާ ބެހޭގޮތުން ގޮތެއް ނިންމުމަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުން ބާއްވާފައި ވަނީ ސިއްރުކޮށްގެން ނެވެ. 

ޖުލައި 2021 ގައި ގައުމީ ސަލާމަތާ ބެހޭ ކޮމެޓީން އެ ރިޕޯޓް އާންމުކުރީ ބައެއް މައުލޫމާތުތައް ސިއްރުކޮށްފަ އެވެ. މީގެ ކުރިން ވެސް އެ މައުލޫމާތުތައް އާންމުނުކުރި ސަބަބަކީ ގައުމީ ސަލާމަތާ ގުޅުން ހުރި މައުލޫމާތުތަކަށް ވާތީވެ، އެ ގޮތުގައި އެ ނިންމުން ދެމެހެއްޓުމެވެ.

މި ވަގުތައް އިންކުއަރީ ރިޕޯޓްގެ އަސްލު ހާމަކޮށްފައި އޮތީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން އަށާއި ހަމަލާ އަމާޒުވި ނަޝީދަށް އެކަންޏެވެ.  

ކޮމިޓީ ބައްދަލުވުމަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީގައި ބައިވެރިވަޑައިގެންނެވި މެންބަރަކު "ސީއެންއެމް" އަށް ވިދާޅުވީ އެ ރިޕޯޓް އާންމު ނުކުރުމަށް ކޮމިޓީން މިއަދު ފާސްކުރީ މީގެ ކުރިން ވެސް ރިޕޯޓްގެ ބައެއް ބައިތައް "ސިއްރެއް" ގޮތުގައި ބޭއްވި ބޭއްވުން ނަފީ ކުރަންޖެހޭ ހާލަތެއް ނެތުމުން ކަމަށެވެ.

މެއި 6، 2021 ގައި ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އަށް މީހެއްގެ މައްޗަށް ދައުވާކޮށްފައިވެ އެވެ. އެ މީހުންގެ ތެރެއިން ބޮން ގޮއްވުމުގައި އަމަލީ ގޮތުން ބައިވެރިވި އަދުހަމް އަހުމަދުގެ މައްޗަށް ކުށް ސާބިތުވެ، އޭނާގެ މައްޗަށް 23 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފަ އެވެ. ބާކީ ތިބި ހަތް މީހުންގެ ޝަރީއަތް އަދިވެސް ނުނިމެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް