ads
އިޒްރޭލު ހަމަލާތައް ކުށްވެރިކޮށް ރައްޔިތުންގެ މަޖިލީހަށް ގަރާރު ހުށަހެޅުއްވި ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން . --ފޮޓޯ: މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ގޮވާލެއްވީ އިޒްރޭލާ ގުޅުން ކަނޑާލަން
ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ގާޒާއަށް އަމާޒުކޮށް މި މަހުގެ ދޭން ފެށި ހަމަލާތަކުގެ ސަބަބުން އިޒްރޭލު މީހުން ރާއްޖެ އައުން މަނާކޮށް އެގައުމުގެ އުފެއްދުންތައް މަނާކޮށް ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި ވާހަކަ ދެއްކެވި މަޖިލީހުގެ ގިނަ އިއްޒަތްތެރި މެންބަރުން ވެސް ގޮވާލެއްވީ އިޒްރޭލާ ގުޅުން ރާއްޖެއިން ގުޅުން ކަނޑާލުމަށެވެ.

އޮކްޓޯބަރު ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން އަންނަނީ މެދުކެނޑުމެއްނެތި ގާޒާއަށް ހަމަލާ ދެމުންނެވެ. ފަލަސްތީނު ދަރިކޮޅުގެ ރައްޔިތުން ނައްތާލުމުގެ އަމާޒުގައި އިޒްރޭލުން ދެމުންދާ މި ހަމަލާތަކުގައި ގާޒާއިން އެކަނި 5,900 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފަ އެވެ. އިޒްރޭލުގެ ހަމަލާތަކުގައި ގާޒާ ދަނީ ސުންނާފަތި ކުރަމުންނެވެ.

އެކަންކަމާ ދެކޮޅަށް އަޑުއުފުލުމަށް ސައުދު ހުށަހެޅި ގަރާރުގައި ބުނެފައި ވަނީ އިޒްރޭލްގެ ރައްޔިތުން ރާއްޖެއަށް އެތެރެވުން މަނާ ކުރުމާއި އިޒްރޭލްގައި އުފައްދާ އަދި އެ ގައުމުން އެކްސްޕޯޓްކުރާ ހުރިހާ ބާވަތެއް އެތެރެކުރުން މަނާ ކުރުމާއި އިޒްރޭލާއި ދިވެހިރާއްޖެއާ ދެމެދު އެއްވެސް ގުޅުމެއް އިފެދިފައިވާ ނަމަ އެފަދަ އެންމެހާ ގުޅުންތަކެއް ވަގުތުން މެދުކަނޑާލުމަށެވެ.

your imageފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް އާއި ރައީސް ސޯލިހް ކުރެއްވި ބައްދަލުވުން

އިޒްރޭލުން ހިފަމުންގެންދާ ފަލަސްތީނުގެ ހުރިހާ ބިންތަކަކުން އެ މީހުން ފައިބައި، މެދުއިރުމަތީގައި ސުލްހަ ގާއިމު ކުރެވެން ދެން އެ ފިޔަވަޅުތައް ދެމެހެއްޓުމަށް ވެސް ސައުދުގެ ގަރާރުގައި ބުނެފައިވެ އެވެ.

"ރާއްޖެ އާއި އިޒްރޭލް ދެމެދު އެއްވެސް ގުޅުމެއް އުފެދިފައިވާ ނަމަ އެފަދަ ހުރިހާ ގުޅުންތައް ވަގުތުން ސަސްޕެންޑް ކުރުމަށާއި އިޒްރޭލުން ހިފަމުންދާ ފަލަސްތީނުގެ ހުރިހާ ބިންތަކުން ފައިބާ މެދުއިރުމަތީގައި ސުލްހަ ގާއިމް ކުރެވެންދެން މި ފިޔަވަޅުތައް ދެމެހެއްޓުން މުހިންމު،" ދިވެހި އަދި އިނގިރޭސި ބަހުން އެ ގަރާރު މަޖިލީހަށް މިއަދު ހުށަހަޅުއްވަމުން ސައުދު ވިދާޅުވި އެވެ.

އެ ބަހުސްގައި ކުޅުދުއްފުށި އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު ޔާސިރު އަބްދުލް ލަތީފު ވިދާޅުވީ އިޒްރޭލު ކުށްވެރިކޮށް ބަޔާންތައް ނެރުމުގެ އިތުރުން ދެން ކުރެވެން އޮތީ ކޮންކަމެއްތޯ ބަލަން ޖެހޭ ކަމަށެވެ. ކުރެވިދާނެ ކަންތައްތަކުގެ ގޮތުގައި މެމްބަރުން ފާހަގަކުރައްވާ ކަންތައްތަކުގެ ލިސްޓެއް އެއާ އެކު އޭނާ ދެއްވި އެވެ.

"އިޒްރޭލުގެ ޕާސްޕޯޓް ބޭންކުރުން އެއް ކަމަކަށް. އިޒްރޭލުން އެތެރެކުރާ މުދާ ހުއްޓުވައިލުން ދެވަނަ ކަމަކަށް،" ޔާސިރު ވިދާޅުވި އެވެ.

ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުން މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވީ އިޒްރޭލާ ދެކޮޅަށް ދިވެހިންނަށް ކުރެވެން ހުރި ކަންކަން ކުރަމުންދާ ކަމަށެވެ.

އެގޮތުން ބޭއްވި އެއްވުންތަކުން އިޒްރޭލަން އެނގުންވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދިވެހިރާއްޖެ ކުޑަޔަސް، ބައި މަދަސް ގައިމުވެސް އިޒްރޭލަށް އެނގުން ވެގެންދިޔަކަން އަޅުގަނޑުމެންނަށް މީގެ ދެތިން ދުވަސް ކުރިން އެނގިއްޖެ. އިޒްރޭލުން އެމީހުންގެ ރައްޔިތުންނަށް އަންގައިފި ރާއްޖެއަށް ދަތުރު ނުކުރަން،" ރާއީ ވިދާޅުވި އެވެ.

your imageޔަހޫދީ އިޒްރޭލުން ސުންނާފަތި ކޮށްލައިފައިވާ ގާޒާގައި ކުޑަ ކުއްޖަކު ފަލަސްތީނު ދިދައެއް ހިފައިގެން އިށީދެ

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވީ ތުއްތު ކުދިންނާއި އުމުރުން ދުވަސް މީހުން ގަސްތުގައި މަރައިގެން އިޒްރޭލުން މިހާރު ކުރަމުންދަނީ ހަމާސް އާ ދެކޮޅަށް ހަނގުރާމަ އެއް ނޫން ކަމަށާއި މިއީ ސީދާ ގަތުލުއާންމެއް ކަމަށެވެ. 

"އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ މިހާރު ޔޫރަޕު މީހުންގެ ވާހަކަތަކެއް. އެ ވެދާނެ މިހާރު އަޅުގަނޑު ހަރުކަށި ވީކަމަށް ވެސް. އެކަމަކު ލޮލަށް ފެންނަން ފެށީމަ ގަބޫލެއް ނުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

ގަރާރުގެ ބަހުސްގައި މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ވިދާޅުވީ ދިވެހިންގެ ތެރެއިން ބަޔަކު އިޒްރޭލަށް ތާއީދުކުރާ ކަމަށާއި އެކަންކަން ބެލެންޖެހޭނެ ކަމަށެވެ.

ފިރުޝާން އިތުރަށް ވިދާޅުވީ ޔަހޫދީ ޕާސްޕޯޓުގައި ރާއްޖެ އައިސް ހިތްހަމަ ޖައްސާލުމަކީ ގަބޫލުކުރާ ކަމެއް ނޫން ކަމަށާއި އިޒްރޭލުގެ އުފެއްދުންތަކާއި އިޒްރޭލުގެ ހިއްސާ އޮންނަ ވިޔަފާރިތައް ރާއްޖޭގައި ހިންގުމަކީ ހިތްރުހޭ ކަމެއް ނޫން ކަމަށެވެ. 

your imageޔަހޫދީންގެ ހަމަލާތަކުގައި އަނިޔާ ލިބިފައިވާ ދެ ކުދިން

އިސްރާއީލުގެ އަމަލުކޮށް ކުށްވެރިކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވީ ރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް ނިސްބަތުން ކުރެވޭނެ ކަންކަން ހުންނާނެ ކަމަށެވެ. އެހެންކަމުން އިސްރާއީލުގެ ރައްޔިތުންނަށް ރާއްޖެއަށް ނުވަދެވޭނެ ގޮތަށް ބޯޑަރު ބަންދުކުރަންޖެހޭ ކަމަށާއި، އިސްރާއީލުގެ އުފެއްދުންތައް ރާއްޖެއަށް އެތެރެކުރުން ހުއްޓުވަންޖެހޭ ކަމަށެވެ. 

"އިޒްރޭލަކީ ޓެރަރިސްޓް ސްޓޭޓެއް. ޓެރަރިސްޓް ޖަމާއަތެއް. އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުވޭނެ ގޮތްތަކެއް ދުނިޔޭން އެބަ ހޯދަންޖެހޭ،" ސިރާޖު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ(އިންތި) ވިދާޅުވީ މީގެ 18 ވަރަކަށް ދުވަސް ކުރިން، އިޒްރޭލުގެ ޔަހޫދީންނަށް ހަމާސްއިން ހަމަލާ ދިނުމުން މުޅި ދުނިޔެވެސް އެކަން ކުށްވެރި ކުރި ކަމަށާއި، ނަމަވެސް މިހާރު ފެންނަނީ މުޅިން އެހެން މަންޒަރެއް ކަމަށާއި، މި މައްސަލައިގައި ދުނިޔޭގެ ޑަބަލް ސްޓޭންޑަޑް ފެންނަމުންދާ ކަމަށެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާ ދެމުން އަންނައިރު، ދުނިޔޭގެ ގައުމުތަކުގެ ދެފުށް ކެހެރިކަން ފެންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ހަމަ ދުނިޔެ ނިދަން އޮތް ކަހަލަ ގޮތަކަށް އަޅުގަނޑުމެންނަށް މި ފެންނަނީ. ހަމަ ސީދާ ޑަބަލްސްޓޭންޑަޑް، ދެފުށްކެހެރިކަން އަޅުގަނޑުމެންނަށް ފެންނަމުން ދަނީ." އިންތި ވިދާޅުވި އެވެ.

އެ ގަރާރަށް ބަހުސް ކުރެއްވި ހުރިހާ މެމްބަރުން ވެސް ވަނީ އިޒްރޭލުގެ ލާއިންސާނީ އަމަލުތައް ކުށްވެރި ކުރައްވައި، އެ ގަރާރަށް ފުރިހަމަ އަށް ތާއީދުކުރައްވާ ކަން ހާމަކުރައްވައިފަ އެވެ. އަދި ދިވެހި ސަރުކާރާއި ރައްޔިތުން ފަލަސްތީނުގެ ދިފާއުގައި ސާބިތުވެ ތިބުމަށް މެންބަރުންވަނީ ދާއިރާތަކުގެ ރައްޔިތުންގެ ކިބައިން ވެސް އެދިވަޑައިގެންފަ އެވެ.

ހަނގުރާމައިގެ ސަބަބުން ގާޒާގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާ ކުޑަކުރުމަށް މިހާރުން މިހާރަށް ހަނގުރާމަ ހުއްޓާލަން ޖެހޭ ކަމަށާއި ގާޒާގެ އާންމުންނަށް އިންސާނީ އެހީ ފޯރުކޮށްދެވޭތޯ ކަށަވަރުކުރަން ޖެހޭ ކަމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވެސް އިއްޔެ ވަނީ ގޮވާލައްވައިފި އެވެ. 

ގާޒާއަށް އިތުރު އިންސާނީ އެހީ ފޯރުކޮށްދީ މިހާތަނަށް އެ ސިޓީއަށް ލިބުނު އެހީއަކީ ހަމަ އެހީ ބޭނުންވެފައި އޮތް ބޮޑު ކަނޑަކަށް ޖެހި ކުޑަ ފެން ތިއްކެއް ކަމަށްވެސް ގުޓަރެސް ވިދާޅުވިއެވެ. އަދި ގާޒާއިން ވަރަށް އަވަހަށް ތެޔޮ ހުސްވާނެ ކަމަށާއި މިއީ އަނެއްކާވެސް އިތުރު ކާރިސާއެއް ކުރިމަތިވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް