ads
ރަސްމީ ލިޔެކިޔުންތައް ނައްތާލުމަށް އޮންނަ އުސޫލާ ހިލާފަށް ނައްތާލާނަމަ، އެފަދަ ފަރާތަކާ މެދު އަޅަން ޖެހޭ ގާނޫނީ ފިޔަވަޅު އަޅާނެ ޕީސީބީން ވަނީ ބުނެފައި - ފޮޓޯ:ސަން
ލިޔެކިޔުން ނައްތާލަން އޮންނަ ގޮތާ ހިލާފަށް ނައްތާލާނަމަ ފިޔަވަޅު އަޅާނަން
ރަސްމީ ލިޔެކިޔުންތައް ނައްތާލުމަށް އޮންނަ އުސޫލާ ހިލާފަށް ނައްތާލާނަމަ، އެފަދަ ފަރާތަކާ މެދު އަޅަން ޖެހޭ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނެފިއެވެ.

ޕީސީބީން ނެރުނު ސާކިއުލާއެއްގައި ބުނީ ސަރުކާރުގެ ބައެއް ކުންފުނިތަކާއި އެ ކުންފުނިތަކުގެ ބައެއް ސަބްސިޑަރީ ކުންފުނިތަކުން، އެ ކުންފުނިތަކުގެ ރަސްމީ ލިޔުންތައް ނައްތާލުމުގެ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް އެކި ފަރާތްތަކުން މައްސަލަ ހުށަހަޅަމުން ގެންދާ ކަމަށެވެ. އެފަދަ އަމަލުތަކަށް ސަމާލުވެ އެ ކަންކަން ވިޔަ ނުދިނުމަށާއި ހުއްޓުވުމަށްޓަކައި އަޅަން ޖެހޭ ގާނޫނީ ފިޔަވަޅުތައް އަޅައިދިނުމަށް އެ ކޮމިޝަނުން މިދިޔަ ހޯމަ ދުވަހު އެ ބޯޑުގައި އެދިފައިވާ ކަމަށް ޕީސީބީން ބުނެއެވެ. ޕީސީބީން ބުނެފައިވަނީ އެފަދަ މައުލޫމާތުތައް އަމިއްލަ ފަރާތްތަކުންވެސް އެ ބޯޑުގެ ސަމާލުކަމަށް އަންނަނީ ފޯރުކޮށްދެމުން ކަމަށެވެ.

ދިވެހިރާއްޖޭގެ ގައުމީ އަރުޝީފުގެ ގާނޫނުގެ ދަށުން ހަދާފައިވާ ދިވެހި ދައުލަތުގެ މުއައްސަސާތަކުން ރަސްމީ ލިޔެކިޔުންތަކާއި ފޮޓޯތަކާއި ޗާޓުތަކާއި ރެކޯޑުތަކާއި މައުލޫމާތު ނައްތާލުމާ ބެހޭގޮތުން އަމަލުކުރަންވީ ގޮތުގެ ގަވާއިދުގެ ދަށުން ދައުލަތުގެ މުއައްސަސާތަކާއި ކުންފުނިތަކުން އެއްވެސް ބާވަތެއްގެ ރަސްމީ ލިޔުންތަކާއި ފޮޓޯތަކާއި ޗާޓުތަކާއި ރެކޯޑުތަކާއި މައުލޫމާތު ނައްތާލަން ބޭނުންވެއްޖެ ނަމަ، ގައުމީ އަރުޝީފުގެ ޑިރެކްޓަ ޖެނެރަލަށް އެކަން އަންގަންވާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި އެފަދަ ތަކެތި ނައްތާލެވޭނީ އެ ގަވާއިދުގައިވާ ގޮތަށް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ސަރުކާރުގެ އެއްވެސް ކުންފުންޏަކުން އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދާ ހިލާފަށް އެ ކުންފުންޏެއްގެ ރަސްމީ އެއްވެސް ލިޔުމެއް، ފޮޓޯއެއް، ޗާޓެއް، ރިކޯޑެއް ނުވަތަ މައުލޫމާތެއް ނައްތާލުމުގެ އެއްވެސް އަމަލެއް ނުހިންގުމަށާއި އެފަދަ ތަކެތި ނައްތާލަން ޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ކަމަށް އެ ކުންފުންޏަކަށް ފެންނަނަމަ އެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކުރުމަށް ޕީސީބީން ވަނީ އެދިފައެވެ. ޕީސީބީން ވަނީ އެކަން އެގޮތަށް ހިނގާކަން ކަށަވަރުކުރުމަށް ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުންނާއި މެނޭޖްމަންޓުން ކަށަވަރުކުރުމަށް އިލްތިމާސްކޮށްފައެވެ.

އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދާ ހިލާފަށް އެއްވެސް ކުންފުންޏަކުން އެ ގަވާއިދުގައި ބަޔާންކޮށްފައިވާ ފަދަ ރަސްމީ އެއްވެސް އެއްޗެއް ނައްތާލާކަމުގެ މައުލޫމާތެއް ނުވަތަ ނައްތާލައިފި ކަމުގެ މައުލޫމާތެއް ލިބިއްޖެ ނަމަ، އެފަދަ ފަރާތަކާ މެދު އަޅަން ޖެހޭ ގާނޫނީ ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ޕީސީބީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް