ސަޕްލިމެންޓްރީ ބަޖެޓު ރިޕޯޓުން ދައްކާ ގޮތުން މި އަހަރުގެ ބަޖެޓް ޑެފިސިޓް ހުންނާނީ ޖީޑީޕީގެ ނިސްބަތުން 14 އިންސައްތައިގަ އެވެ. ކުރިން ޑެފިސިޓް ހުރީ ޖީޑީޕީގެ ނިސްބަތުން 8.3 އިންސައްތައިގަ އެވެ. މިދިޔަ އަހަރު ދައުލަތުގެ ބަޖެޓު ޑެފިސިޓް ހުރީ 11 ބިލިއަން ރުފިޔާގައި ކަމަށްވާއިރު، ޖީޑީޕީގެ ނިސްބަތުން ހުރީ 12 އިންސައްތައިގަ އެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ އަންނަ އަހަރަށް ހުށަހަޅާ ދައުލަތުގެ ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ބަޖެޓު ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން ފަސް އިންސައްތައިގައި ހިފެހެއްޓުމަށް ކަމަށެވެ.
މި އަހަރުގެ ނިޔަލަށް ދައުލަތުގެ ހަރަދު 47 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށާއި އާމްދަނީ 32 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ބަޖެޓަށް އިތުރުކުރާ ފައިސާ ހޯދުމަށް ކަނޑައަޅާފައިވަނީ ބަޖެޓު ސަޕޯޓު ލޯނުގެ ތިން ބިލިއަން ރުފިޔާ އާއި ޓީ ބިލުން 1.9 ބިލިއަން ރުފިޔާ އަދި ބޭރުން ހޯދި ލޯނުން އެއް ބިލިއަން ރުފިޔާ އެވެ.
ސަޕްލިމެންޓްރީ ބަޖެޓަށް އިތުރު ކުރާ 6.5 ބިލިއަން ރުފިޔާ އާއެކު، ދައުލަތުގެ ދަރަންޏަށްވެސް ކުރިން ލަފާ ކުރި އަދަދަށް ވުރެ އިތުރަށް ހަ ބިލިއަން ރުފިޔާ ވަނީ އިތުރުވެފަ އެވެ. ދައުލަތުގެ ޖުމްލަ ދަރަނި އަހަރު ނިމޭއިރު ހުންނާނީ 120 ބިލިއަން ރުފިޔާގަ އެވެ.