ފުލުހުންގެ ކިބައިން އެމަނިކުފާނު މިއަދު މިކަމަށް އެދިވަޑައިގެންނެވީ މާލޭ އޭރިޔާގެ ކުރީ ސަފުގައި މަސައްކަތްކުރާ ފުލުހުންނާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގައި ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ފައިސަލް ނަސީމް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ މި ނިމިގެންދާ ފަސް އަހަރަކީ ގިނަ ގޮންޖެހުންތަކާއި ކުރިމަތިވި، އެހެންނަމަވެސް ގިނަ މަސައްކަތްތަކެއްވެސް ކުރެވުނު ފަސް އަހަރު ކަމަށެވެ. މިގޮތުން ފުލުހުންގެ ކުރިއެރުމާއި ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކުރައްވައި، ހާއްސަ ގޮތެއްގައި ''ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް" ހުޅުވިފައިވުން ފާހަގަކުރެއްވި އެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި ވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފުލުހުން ކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން ހާއްސަކޮށް، ކޯވިޑް-19ގެ ހާލަތުގައި ފުލުހުން ކުރި މަސައްކަތްތައް ފާހަގަކުރައްވާފަ އެވެ. މިގޮތުން ކޯވިޑް-19 އިން އަރައިގަތުމަށް ކުރެވުނު މަސައްކަތްތަކުގައި އަމަލީގޮތުން ފުލުހުން އަދާކުރި ދައުރުގެ މައްޗަށްވެސް ނައިބު ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވި އެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި ސަރުކާރުގެ ސިޔާސަތުތަކާ އެކު މަގުމައްޗާއި ކަނޑުދަތުރާއި މަސައްކަތުގެ މާހައުލާއި ގޭތެރޭގައި ދިމާވާ ކަންކަމުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފެށިފައި ހުރި މަސައްކަތްތަކާއި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ފެށިފައި ހުރި މަސައްކަތްތައް ކުރިއަށް ގެންގޮސް ދެއްވުމަށް އެދިވަޑައިގެންނެވި އެވެ. ހާއްސަ ގޮތެއްގައި މަސްތުވާތަކެތީގެ މައްސަލައަށް ވަށާ ޖެހޭ ހައްލެއް ހޯދުމަށްޓަކައި، ރިހެބިލިޓޭޝަން އައިލެންޑެއްގެ ގޮތުގައި ހައްދުންމަތީ ކަޅައިދޫ ތަރައްގީ ކުރުމަށް ކުރެވެމުން ދިޔަ މަސައްކަތްތައް ފާހަގަކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަދި ހޭލުންތެރިކަން އިތުރު ކުރުމަށާއި އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުންނާ އެކު ކުރެވުނު މަސައްކަތްތައް ފާހަގަކުރައްވައި ފުލުހުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.