އިލްޔާސް މިހެން ވިދާޅުވީ ސަޕްލިމެންޓަރީ ބަޖެޓުގައި ބަދަލުގެ ގޮތުގއި 500 މިލިއަން ރުފިޔާ ދިނުމަށް ހިމަނާފައިވާކަން ހާމަކުރައްވަމުންނެވެ.
ދަ ޑިމޮކްރެޓްސްއަށް މެންބަރުން އިތުރުކުރުމުގެ ހަރަކާތެއް ފެށުމަށް ބުރާސްފަތި ދުވަހު ހައުސް އޮފް ދަ ޑިމޮކްރެޓްގަ ޖަލްސާގައި ވާހަކަދައްކަވަމުން އިލްޔާސްވިދާޅުވީ "ސަރުކާރުން ހުށަހަޅާފައިވާ ސަޕްލިމެންޓަރީ ބަޖެޓަކީ މިހާރު އޮތް ކުރު މުއްދަތުގެ ތެރޭގައި ވައްކަންކުރަން ހުށަހަޅާފައިވާ ބަޖެޓެއް" ކަމަށެވެ.
މިގޮތުން ދައުލަތުގެ ދަރަނިވެސް އެމްޑީޕީން ވެރިކަމާ ހަވާލުވިއިރު އޮތީ 48 ބިލިއަނުގަ ކަމަށާއި، މިހާރު ދައުލަތުގެ ދަރަނި ހުރީ 113 ބިލިއަން ރުފިޔާގަ ކަަމަށް އިލްޔާސް ވިދާޅުވިއެވެ. އަދި ސަޕްލިމެންޓަރީ ބަޖެޓުގެ ސަބަބުން ދަރަނި 120 ބިލިއަން ރުފިޔާއަށް އަރާނެކަމަށް އޭނާ ވިދާޅުވިއެވެ.
"މިސަރުކާރުން މިފަސް އަހަރު އެކަނި ދައުލަތަށް ދަރުވާލައިފި 75 ބިލިއަން ރުފިޔާއިން. ކީއްތޯ ކުރީ؟ ކޮން ގެއެއްގެ ކާކުގެ އާމްދަނީތޯ އިތުރުވީ؟،"
ސަރުކާރުން ބުނެފައިވަނީ ސަޕްލިމެންޓަރީ ބަޖެޓު ހުށަހަޅަން ޖެހުނީ ތެލުގެ އަގު ބޮޑުވުމުންނާ، އާސަންދަ އަށްކުރާ ހަރަދު ބޮޑުވުމުންކަމަށެވެ.
ނަމަވެސް އިލްޔާސް ވިދާޅުވީ، 6.5 ބިލިއަން ރުފިޔާގެ ސަޕްލިމަންޓަރީ ބަޖެޓުން ތެލުގެ މައްސަލައަށް ކަނޑައަޅާފައިވަނީ، 1.3 ބިލިއަން ރުފިޔާކަމަށްވެ. އަދ އާސަންދައާއި އެންސްޕާއަށް އިތުރަށް ބޭނުންވަނީ 1.2 ބިލިއަން ރުފިޔާކަމަށެވެ.
"މިދިޔަ އިންތިޚާބުގައި މިސަރުކާރަށް ވޯޓުލާން މީހުން ލައްވައި ވައުދުވެ، އެމީހުންނަށް ޗުއްޓީ ހެދުމަށް އިންޑިޔާއާއި ބެންކޮކާއި ސިންގަޕޫރާއި ސްރީލަންކާއަށް ދާން އާސަންދައާއި އެންސްޕާގެ ނަމުގައި ދިޔައީ ލާރި ބަހަމުން ބަހަމުން،"
މަޖިލިސް މެންބަރަކު ވިދާޅުވެގެން މީހަކަށް 600،000 ރުފިޔާ އެންސްޕާއިން ދީފައިވާކަން ފެންނަން ހުރި ހިސާބުތަކުން ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަޕްލިމަންޓަރީ ބަޖެޓުގައި އާމްދަނީ އިތުރުކުރެވޭނެ އެއްވެސް ގޮތެއް ފެންނަން ނެތްކަމަށް ވެސް އިލްޔާސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ ފައިސާ ހޯދޭނެ ހަމައެކަނި ގޮތަކީ އެމްއެމްއޭއިން ފައިސާ ޗާޕުކުރުން ކަމަށެވެ.
ދޮޅުމަސް ތެރޭގައި 6.5 ބިލިއަން ރުފިޔާ މާކެޓަށް ނެރެ ބަހައިލުމުން ދިވެހި ރުފިޔާގެ އަގު މިހާރަށްވުރެ ދަށްވެ ޑޮލަރުގެ އަގު އުފުލި ހިދުމަތާއި ތަކެތީގެ އަގުތައް އަތްނުފޯރާ ފަށަށް އަރާނެކަމަށެވެ.