ads
ބުރުނީ ސްކޫލުގެ މުވައްޒަފުންގެ އެއްދުވަހުގެ މުސާރަ ފަލަސްތީނަށް
ބުރުނީ ސްކޫލުގެ ހުރިހާ މުވައްޒަފުންގެ މުސާރައިން އެއް ދުވަސް ފަލަސްތީނަށް
ބުރުނީ ސްކޫލުގެ ހުރިހާ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަ ފަލަސްތީނުގަ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ހަދިޔާކުރަން ނިންމައިފިއެވެ.

ބުރުނީ ރައްޔިތުންގެ އިޖުތިމާއީ ޖަމިއްޔާގެ ރައީސާ ފާތުމަތު ޒާހިޔާ "ސީއެންއެމް" އަށް ވިދާޅުވީ ބުރުނީ ރައްޔިތުން ފަލަސްތީނާ އެކު ފަންޑަށް ފައިސާ ހޯދުމުގެ މަސައްކަތް އެ ޖަމިއްޔާއިން ކުރަމުން އަންނައިރު ބުރުނީ ސްކޫލުން ނިންމާފައިވަނީ ސްކޫލް ހުރިހާ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަ އެ ފަންޑަށް ހަދިޔާ ކުރުމަށް ކަމަށެވެ.

ތ. ބުރުނީ ރައްޔިތުން ފަލަސްތީނާ އެކު ފަންޑަށް ފައިސާ ހޯދުމަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.  

your imageބުރުނީ ރައްޔިތުން ފަލަސްތީނާ އެކު ފަންޑަށް ފައިސާ ހޯދުމަށް ހިންގި ހަރަކާތްތަކުގެ ތެރެއިން - ފޮޓޯ:ބީއާރުއައިޖޭ

ފަންޑަށް ފައިސާ ހޯދުމަށް ރަށުގެ ޒުވާން ފިރެހެނުން އިސްނަގައިގެން ސައިކަލް ދޮވުމުގެ ހަރަކާތެއް ފެށޭ މަހުގެ ހަތަރުވަނަ ދުވަހު ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ޒާހިޔާ ވިދާޅުވި އެވެ. ޒާހިޔާ ވިދާޅުވެފައިވަނީ ޒުވާން އަންހެނުން އިސްނަގައިގެން އާއިލާތަކަށް ހާއްސަކޮށްގެން ބުފޭ ނައިޓެއް އަންނަ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

your imageބުރުނީ ރައްޔިތުން ފަލަސްތީނާ އެކު ފަންޑަށް ފައިސާ ހޯދުމަށް ހިންގި ހަރަކާތްތަކުގެ ތެރެއިން - ފޮޓޯ:ބީއާރުއައިޖޭ

މި ހަރަކާތްތަކުގެ އިތުރުން އެ ރަށުގެ އަންހެނުން އިސްނަގައިގެން ކާބޯތަކެތީގެ މައުރަޒެއްވެސް ބާއްވާފައިވާ ކަމަށް ޒާހިޔާ ވިދާޅުވި އެވެ. ޒާހިޔާ ވިދާޅުވި ގޮތުގައި އެ ހަރަކާތާ އަދި ފަލަސްތީނަށް އެހީވުމަށް ބަހައްޓާފައިވާ ފަންޑު ފޮށިތަކަށް މިހާތަނަށް ޖުމްލަ 33،000 ރުފިޔާއަށް ވުރެ ގިނައިން ލިބިފައިވާ ކަމުގަ އެވެ. މި ފަންޑަށް އަންނަ މަހުގެ ހަތްވަނަ ދުވަހާ ހަމައަށް ފައިސާ ހަދިޔާ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ޒާހިޔާ ވިދާޅުވި އެވެ.

ޒާހިޔާ ވިދާޅުވީ ބީއާރުއައިޖޭއިން މި ހަރަކާތްތައް ކުރިއަށް ގެންދަނީ އިންޓަނޭޝަލް އެއިޑް ކެމްޕެއިން (އައިއޭސީ) އާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްގެން ކަމަށާއި ހަރަކާތްތަކުން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނަށް ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ އެ ޖަމިއްޔާ މެދުވެރިކޮށް ކަމަށެވެ.

"އަޅުގަނޑު އުންމީދުކުރަނީ ހުރިހާ މުއައްސަސާއެއްގެ އެއްދުވަހުގެ މުސާރަ ލިބޭނެހެން. އަޅުގަނޑު ވަރަށް ބޮޑަށް އުންމީދުކުރަން އެކަމަށް. ސްކޫލުން އެގޮތަށް ނިންމާފައިވަނީ. އެހެން ބޭފުޅުންވެސް އެބަވޭ އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައި، އެކަމަކު ރަސްމީކޮށް އަދި ނުއެއް ނިންމާ. އެކަމަކު ހީވަނީ ބުރުނީގެ ހުރިހާ މުއައްސަސާއެއްގެވެސް އެއްދުވަހުގެ މުސާރަ ލިބޭނެ ކަމަށް،" - ބީއާރުއައިޖޭގެ ރައީސާ ފާތުމަތު ޒާހިޔާ

your imageބުރުނީ ރައްޔިތުން ފަލަސްތީނާ އެކު ފަންޑަށް ފައިސާ ހޯދުމަށް ހިންގި ހަރަކާތްތަކުގެ ތެރެއިން - ފޮޓޯ:ބީއާރުއައިޖޭ

ބުރުނީގައި ކުރިއަށް ގެންދާ މި ހަރަކާތްތަކަށް ރަށުގެ މުއައްސަސާތަކުންނާއި ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަމަށް ޒާހިޔާ ވިދާޅުވި އެވެ. ޒާހިޔާ ވިދާޅުވެފައިވަނީ މިހާރަށް ރޭވިފައިވާ ހަރަކާތްތަކުގެ އިތުރުންވެސް ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފައިސާ ހޯދަން އިތުރު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް