
މޯލްޑިވްސް ކަސްޓަމްސުން ބުނި ގޮތުގައި މިދިޔަ އަހަރުގެ ތެރޭގައި ވަނީ ރާއްޖެއަށް 474.9 މިލިއަން ސިނގިރޭޓް އެތެރެކޮށްފަ އެވެ.
މިހާ ގިނަ އަދަދެއްގެ ސިނގިރޭޓް ރާއްޖެއަށް އެތެރެކޮށްފައިވާއިރު ޑޮކްޓަރުން އަންނަނީ ދުންފަތުގެ އިސްތިއުމާލުކުރުމަކީ ސިއްހަތަށް ނުހަނު ބޮޑު ގެއްލުމެއް ލިބޭ ކަމެއްކަމުން މިކަމަށް ދުރުހެލިވުމަށް ވެސް އިލްތިމާސްކުރަމުންނެވެ.
ދުންފަތާއި މީހުން ދުރުހެލި ކުރުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ ފިޔަވަޅުތަކެއް ވެސް އަޅަމުންނެވެ. އެގޮތުން ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރުމުގެ ގޮތުން ކޮންމެ ސިނގިރޭޓަކުން އިތުރު އެއް ރުފިޔާ އަންނަނީ ނަގަމުންނެވެ.
ކަސްޓަމްސް އިން ނަގަމުންދާ ފީތަކާއި އިމްޕޯޓް ޑިއުޓީތަކަށް ގެންނަ ބަދަލުތަކާ ގުޅިގެން މިބައިތަކުން 558 މިލިއަން ރުފިޔާ އާމްދަނީއަށް އިތުރުވާނެ ކަމަށް ބަޖެޓްގައި ހިމަނާފައިވެ އެވެ.
ދުންފަތާ ދެކޮޅަށް ރާއްޖޭގައި ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން، ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ބެހޭ ގަވައިދަށް ވަނީ އިސްލާހުތަކެއް ގެނެސްފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ މެއި މަހުގެ 31 ވަނަ ދުވަހު ވަނީ ވަކިވަކި ސިނގިރޭޓާއި ބިޑި ވިއްކުން ވެސް މަނާކޮށްފަ އެވެ. އަދި ޖޫން މަހުގެ 31 ވަނަ ދުވަހު ވަނީ ރާއްޖޭގައި އުފައްދާ، ބަންދުކުރާ، އެތެރެކުރާ އަދި ރާއްޖޭގައި ވިއްކާ ދުންފަތާއި، ދުންފަތް ހިމެނޭ ބާވަތްތައް ބަންދުކޮށްފައި ހުންނަ ޕެކެޓާއި ކާޓަނުގެ ބޭރުގައި ހެލްތު މިނިސްޓްރީން އާންމުކޮށްފައިވާ އިންޒާރުގެ ނޯޓިސް ޖަހަން ޖެހޭ ގޮތް ހަދާފަ އެވެ.
މީގެއިތުރުން ދުންފަތާއި ދުންފަތް ހިމެނޭ ބާވަތްތައް ބަންދުކޮށްފައިވާ ޕެކެޓެއް ނުވަތަ ކާޓަނެއްގައި އިންޒާރުގެ ފޮޓޯ އާއި ލިޔުން އޮންނަން ވާނީ އެޕެކެޓެއްގެ ނުވަތަ ކާޓަނެއްގެ އިންޒާރުގެ ނޯޓިސް ޖެހުމަށް ކަނޑައަޅާފައިވާ ކޮންމެ ބައެއްގެ، ޖުމްލަ ބޮޑުމިނުގެ 90 އިންސައްތައަށް ވުރެ ކުޑަ ނުވާނެ ވަރަކަށެވެ.
އެވްރެޖު ގޮތެއްގައި ކޮންމެ އަހަރަކު ވެސް ރާއްޖެ އަށް 460 މިލިއަން ސިނގިރޭޓް އިމްޕޯޓް ކުރެ އެވެ. އެއީ އަހަރަކު 1.6 ބިލިއަން ރުފިޔާ އެވެ.
އެޗްޕީއޭ އިން ބުނާ ގޮތުގައި ރާއްޖޭގެ އާބާދީގެ 35 އިންސައްތަ ފިރިހެނުން އަދި ތިނެއް އިންސައްތަ އަންހެނުންނަކީ ދުންފަތުގެ އިސްތިއުމާލް ކުރާ މީހުންނެވެ.