ads
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު: އެމްޑީޕީން ހުށަހެޅި ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓުން ވަނީ ބަލައިގެންފައި - ފޮޓޯ:ރައްޔިތުންގެ މަޖިލިސް
އެމްޑީޕީން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި ގަރާރުގެ ޖަލްސާ ކުރިއަށް ނުގެންދިއުމަށް މަޖިލީހުގެ އަމީންއާންމު ނިންމެވި ނިންމެވުމާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި އެވެ.
Advertisement

އެމްޑީޕީގެ ވަކީލް އަނަސް އަބްދުއްސައްތާރު ވިދާޅުވެފައިވަނީ އެމްޑީޕީން އިއްޔެ ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަނެ، މައްސަލަ ހުށަހެޅުމުގެ ހުއްދަ ދީފައިވާ ކަމަށެވެ. މިއީ، އެ ކޯޓުން އަވަހަށް ގޮތެއް ނިންމަން ޖެހޭ މައްސަލައެކެވެ.

ރައީސް ނަޝީދު މަގާމުން ދުރުކުރަން އެމްޑީޕީން 49 މެންބަރުންގެ ސޮޔާ އެކު ހުށަހެޅި އިތުބާރުނެތް ކަމުގެ މައްސަލަ އިއްޔެ އާއި މިއަދަށްވެސް ވަނީ އެޖެންޑާކޮށްފަ އެވެ. އެހެންނަމަވެސް، މަޖީހުން ނިންމާފައިވަނީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

އެމްޑީޕީން ކޯޓަށް ވެއްދި މައްސަލާގައި އެދިފައިވަނީ މައިގަނޑު ގޮތެއްގައި ދެ ކަމަކަށެވެ. އެއީ މަޖިލީހުގެ ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލަ ތާވަލުކުރާ ޖަލްސާއަށް ނައިބު ރައީސަށް ވަޑައިނުގެންނެވިއްޖެ ނަމަ، މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއަށް އަމަލު ކުރަން ޖެހޭ ގޮތަށް މާނަކޮށްދިނުމަށާއި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ގޮތެއް ނިންމުމަށްފަހުގައި މެނުވީ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް މާނަކޮށްދިނުމަށެވެ.

އެމްޑީޕީގެ ގާނޫނީ ޓީމުން ބުނެފައިވަނީ އަމީންއާންމުގެ ނިންމުން ގާނޫނުއަސާސީގެ 82 ވަނަ މާއްދާ އާއި މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާ އާ ހިލާފު ކަމަށެވެ. އެއީ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި މަޖިލީހުގެ ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓެވޭ ހާލަތެއްގައި ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ ފަރާތްތައް ބަޔާން ކޮށްފައިވާތީ ކަމަށާއި އެ އުސޫލުގެ ދަށުން ރައީސް ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދަން ޖެހޭނެ ކަމަށް އެ ޓީމުން ބުނެ އެވެ. އެ މާއްދާގެ ދަށުން ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވާ ހާލަތެއްގައި މަޖިލީހުގައި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ފަސް މެންބަރުންނަށް ރިޔާސަތު ބެލެހެއްޓޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

އެމްޑީޕީން ހުށަހެޅި މައްސަލާގައި ވަނީ މަޖިލީހުގެ ގަވާއިދުގެ 205 މާއްދާގެ (ރ) އިން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައިވަނިކޮށް، އެ މައްސަލަ ކުރިއަށް ނުގެންގޮސް އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެކަން އެނގޭ ކަމަށެވެ. އެ މާއްދާގައިވާ ގޮތުން އިތުބާރުނެތް ކަމުގެ ގަރާރެއް ޖަލްސާއަށް ހުށަހެޅުމަށްފަހު، އެ ވަގުތަށް މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާ މެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތް ނިންމޭނީ އެ ގަރާރާ މެދު ގޮތެއް ނިންމުމަށް ފަހުގައި ކަމަށެވެ.

އަންނަ މަހުގެ 17 ވަނަ ދުވަހު ބާއްވާ މަޖިލީހުގެ ޖަލްސާގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމަށް ތައްޔާރުވަމުން އަންނައިރު، އެމްޑީޕީގެ ގާނޫނީ ޓީމުން ދެކޭ ގޮތުގައި މަޖިލީހުގެ ރައީސްގެ އިތުބާރުނެތް ކަމުގެ ގަރާރާ މެދު ގޮތެއް ނުނިންމާ އިންތިހާބީ ރައީސްގެ ހުވާ ކުރުން ކުރިއަށް ނުގެންދެވޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް