ފީފާ ވޯލްޑްކަޕް 2034 ވަނަ އަހަރު ހޯސްޓް ކުރުމުގެ ފުރުސަތު ސައުދީ އަރަބިއްޔާއަށް ކަށަވަރުވީ، ބިޑް ކުރުމުގެ ސުންގަޑި ހަމަވީއިރު، އެހެން ގައުމަކުން އެ ކަމަށް އެދި ހުށަހަޅާފައި ނެތުމުންނެވެ. ކުރިން ބެލެވުނީ 2034 ވަނަ އަހަރުގެ ވޯލްޑްކަޕަށް އޮސްޓްރޭލިއާއިން ބިޑު ކުރާނެ ކަމަށެވެ. އެހެންނަމަވެސް އޮސްޓްރޭލިއާއިން ފަހު ވަގުތުވަނީ ބިޑު ނުކުރާނެކަން އިއުލާންކޮށްފައެވެ.
ސައުދީން 2034 ވަނަ އަހަރުގެ ވޯލްޑްކަޕަށް ބިޑްކުރާކަން ފުރަތަމަ އިއުލާން ކުރިއިރު ބުނެފައިވަނީ، މިހާތަނަށް ބޭއްވޭ އެންމެ ފެންވަރު ރަނގަޅު މުބާރާތް ބާއްވާނީ ސައުދީ އަރަބިއްޔާގައި ކަމަށެވެ. ސައޫދީ ފެޑަރޭޝަނުން ބުނީ އެ ގައުމުން ބޭނުންވަނީ ދުނިޔޭގެ އެންމެ އެކަތިގަނޑަކަށް ހަދައި އުފާވެރިކަމާއި ހަމަޖެހުން ގެނުވޭނެ ފެންވަރުގައި ވޯލްޑްކަޕް ބާއްވަން ކަމަށެވެ.
ސައޫދީ އަރަބިއްޔާއިން ވޯލްޑްކަޕް ބާއްވަން އެންމެ ބޮޑަށް ބޭނުންވީ، މިދިޔަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑްކަޕްގެ ފުރިހަމަ ކަމާއެކުއެވެ. ވޯލްޑްކަޕަށް ސައުދީން ބިޑް ކުރާކަން އިއުލާން ކުރިއިރު، ސައުދީ ލީގުގައި މިހާރު ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިން ކުޅެއެވެ.
އެންމެ ފަހުގެ ވޯލްޑްކަޕް ގަތަރުގައި އޮތް އިރު، 2026 ވަނަ އަހަރު އޮންނާނީ އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައެވެ. އަދި 2030 ވަނަ އަހަރުގެ ވޯލްޑްކަޕް އޮންނާނީ މޮރޮކޯ، ޕޯޗުގަލް އަދި ސްޕެއިންގައެވެ.