ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ކަރަންޓާއި ތެލާއި ކާޑުގެ އިތުރުން ނަރުދަމާގެ ހިދުމަތްތަކަށް މިހާރު ސަބްސިޑީ ދެމުން އަންނަ ގޮތް ޑައިރެކްޓް ޓްރާންސްފާ ނިޒާމަކަށް ބަދަލު ކުރަން ވަނީ ކަނޑައަޅާފަ އެވެ.
އަންނަ އަހަރު ގެނައުމަށް ހަމަޖެހިފައިވާ މި ބަދަލުތަކާ އެކު، ބަޖެޓުން ސަބްސިޑީއަށް ކުރާ ހޭދައިން 2.5 ބިލިއަން ރުފިޔާ ކުޑަ ކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ލަފާކޮށްފަ އެވެ. އިންޑައިރެކްޓްކޮށް ދެމުން އަންނަ ސަބްސިޑީތައް އެއްކޮށް ހުއްޓާލުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު، 2025 ވަނަ އަހަރު އިންޑައިރެކްޓްކޮށް ސަބްސިޑީ ދިނުމަށް ނިންމާފައިވަނީ މަސްވެރިންނަށް އެކަންޏެވެ.
ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް އަހުމަދު ސަރުވަޝް އާދަމް ވިދާޅުވީ ވަކި ވަކި ފަރުދުންނަށް ސީދާ ސަބްސިޑީ ދިނުމަށް ނިންމާފައިވާ ނިންމުމާ އެކު ރާއްޖޭގެ 50 އިންސައްތަ ގޭބީސީތަކަށް ސަބްސިޑީ ލިބޭނެ ކަމަށެވެ. އެހެންނަމަވެސް، ވިޔަފާރިތަކަށާއި ބިދޭސީންނަށާ އަދި ރިސޯޓުތަކަށް ސަބްސިޑީއެއް ނުލިބޭނެ އެވެ.
2024 ވަނަ އަހަރު ޓާގެޓް ސަބްސިޑީ ދިނުމަށް ހަމަޖެހިފައިވަނީ:
- ފިއުލް ސަބްސިޑީ
- ކަރަންޓް ސަބްސިޑީ
- ނަރުދަމާ ސަބްސިޑީ
- ކާޑު ސަބްސިޑީ
"އެހާ ބޮޑު ސަބްސިޑީ ދެމުން އަންނަ އެއްޗެއް ކުއްލިއަކަށް މާކެޓު އަގަށް ބަދަލުވީމަ އަންނާނެ ޕަވަޓީ [ފަގީރުކަން]. އެއީ ހުރިހާ ހައުސްހޯލްޑަކަށް ފަސޭހަވާނެ ކަމެއް ނޫން. އެހެންވީމަ ޓާގެޓް ބޭސް އިންކަމް ސެޓްކޮށްފައިވާނީ ރާއްޖޭގެ އާބާދީގެ 65 އިންސައްތަ އާބާދީއަކަށް،" - ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް އަހުމަދު ސަރުވަޝް އާދަމް