މި ސްކޮލާޝިޕް ފަންޑަކީ ބޭންކިން އާއި މާލީ ދާއިރާއިން ހުނަރުވެރި ދިވެހި ޒުވާނުން ބިނާ ކުރުމުގެ އަމާޒުގައި ހުރިހާ ހަރަދެއް ހިމެނޭހެން ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ހޯދައިދިނުމަށް ހުޅުވާލެވުނު ފަންޑެކެވެ. ބީއެމްއެލުން ބުނީ މި ސްކޮލާޝިޕްއަށް އެދި ހުށަހަޅާ ފަރާތްތަކުން ހޮވާލެވޭ ތިން ދަރިވަރުންނަށް ބޭންކިން އެންޑް ފައިނޭންސްގެ ރޮނގުން އެކައުންޓިން، ފައިނޭންޝަލް ޓެކްނޮލޮޖީ، ފައިނޭންޝަލް އިންޖިނިއަރިން، ރިސްކް މެނޭޖްމަންޓް ނުވަތަ ފައިނޭންޝަލް ރިޕޯޓިން އެންޑް އެނަލެޓިކްސް ފަދަ ދާއިރާއަކުން އަންޑަ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަ ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
އުމުރުން 18 އަހަރާއި 25 އަހަރާ ދެމެދު ދިވެހިންގެ ތެރެއިން އޭލެވެލް އިމްތިހާނުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވާ ފަރާތްތަކަށް މި ފަންޑަށް އެދި ހުށަހެޅޭނެ ކަމަށް ބީއެމްއެލުން ބުނެ އެވެ. އެ ބޭންކުން ބުނެފައިވަނީ މި ފަންޑުގެ ދަށުން ޓިއުޝަން ފީ، މަހުން މަހަށް ހިނގާނެ ހަރަދު، ވިސާ ފީ، ފޮތް ގަތުމުގެ ހަރަދާއި އެސްޓަބްލިޝްމެންޓް އެލަވަންސްގެ އިތުރުން ޓިކެޓް ހަރަދު ދިނުމަށް ކަނޑައެޅިފައިވާ ކަމަށެވެ.
މި ފަންޑަށް އެދި ހުށަހަޅާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި ބޭނުންވާ އިތުރު ލިޔުންތަކާ އެކު [email protected] އަށް އީމެއިލް މެދުވެރިކޮށް ހުށަހަޅަން ޖެހޭނެ ކަމަށް ބީއެމްއެލުން ބުނެ އެވެ.
ބީއެމްއެލުން ބުނި ގޮތުގައި މި ފަންޑުގެ ޝަރުތުތަކާއި ދަރިވަރުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާ އާ ބެހޭ މައުލޫމާތު https://www.bankofmaldives.com.mv/bml-scholarship-fund އިން ލިބޭނެ ކަމުގަ އެވެ.