
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން ހުށަހަޅާފައިވާ މައްސަލަ މިއަދަށް އެޖެންޑާ ކުރިއިރު، އެ މައްސަލަ އިއްޔެގެ ޖަލްސާއަށްވެސް އެޖެންޑާ ކުރިއެވެ. އެހެންނަމަވެސް މައްސަލަ އެޖެންޑާ ކުރުމަށް ފަހު، މަޖިލީހުގެ ޖަލްސާ ކެންސަލްކޮށްފައިވަނީ މަޖިލީހުގެ ނާއިބު ރައީސް އީވާ އާލާސްކަންފުޅާ އުޅުއްވާތީ، އެ ކަމަނާ މަޖިލީހަށް ސަލާމް ފޮނުއްވާފައިވާތީ އެވެ. މިއަދުވެސް ޖަލްސާ ކެންސަލް ކުރީ ހަމަ އެ ސަބަބާ ހުރެއެވެ.
ވެރިކަން ކުރާ އެމްޑީޕީއާ، ޑިމޮކްރެޓްސްގެ ކޯޅުމާހެދި އަންގާރަ ދުވަހުގެ މަޖިލީހުގެ ޖަލްސާވެސް ކުރިއަށް ނުގެންދެވުނެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަންގާރަ ދުވަހުވެސް ނުފެށި، މަޖިލީހުގެ ރިޔާސަތާ މެންބަރުންނާ ދެމެދު ކުރިމަތިލުމެއް ވަނީ ހިނގާފަ އެވެ. އާދިއްތަ ދުވަހާއި، ހޯމަ ދުވަހުގެ ޖަލްސާވެސް ދިޔައީ ހަމަ އެ ކޯޅުމުގެ ތެރެއިންނެވެ.
އަންގާރަ ދުވަހު މަޖިލިސް ޖަލްސާ ފެށުނުއިރު ރިޔާސަތުގައި އިންނެވީ ހަސަން އަފީވެވެ. މަޖިލީހުގެ ލައިވް ސްޓްރީމް ފެށުނުއިރު އަފީފު ގެ ގޮނޑިކޮޅުގައި އިންނެވީ އެހެން މެންބަރެކެވެ. އެމްޑީޕީން މަޖިލީހުގަ މުޒާހަރާ ފަށާފައިވަނީ މަޖިލީހުގެ އެޖެންޑާގައި ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހިމަނާފައިނުވާތީ އެވެ.
އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން ނަޝީދު މަގާމުން ދުރުކުރަން ހުށަހެޅީ 48 މެމްބަރުންގެ ސޮޔާއެކު އެވެ. ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން ހުށަހެޅި މީ ދެވަނަ ފަހަރެވެ. ފުރަތަމަ ފަހަރު ގިނަ ދުވަސްތަކަކަށް ފަހު މައްސަލަ އަނބުރާ ނެގީއެވެ. މި ފަހަރު ހުށަހެޅި މައްސަލައިގަ ބުނެފައިވަނީ ރައީސް ނަޝީދު މައްސަލަތައް އެޖެންޑާ ކުރައްވަނީ އަމިއްލަ މަސްލަހަތައް ބައްލަވައިގެންކަމަށެވެ.
ނަޝީދުގެ މައްސަލައިގެ ނޯޓިސް މުއްދަތު ހަމަވީއްސުރެ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދެވޭ ގޮތެއް ނުވެއެވެ. އެންމެ ފަހުން މި މައްސަލަ އެމްޑީޕީންވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ. އެ ކޯޓުގައި އަންނަ ހަފްތާގައި އެ މައްސަލަ ކުރިއަށް ގެންދިޔުމަށްވަނީ ތާވަލުކޮށްފައެވެ.