
އިންޓަ ސްކޫލް ވޮލީ މުބާރާތުގެ 16 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ފ. އަތޮޅު މަދަރުސާ އިން ހޯދީ، ފައިނަލުގައި އދ. ކުނބުރުދޫ ސްކޫލާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ.
ފައިނަލް މެޗު ފ. އަތޮޅު މަދަރުސާއިން ކާމިޔާބު ކުރީ 25-09 ، 25-21 އަދި 25-15 އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެ ސްކޫލުގެ އީމާން އަލީ އެވެ.
މި ބައިގެ އެންމެ މޮޅު ހަ ކުޅުންތެރިންނަކީ، ޗެމްޕިއަން ފ. އަތޮޅު މަދަރުސާގެ އީމާން، ލީމް އަޙުމަދު ލަތީފް، އައިޝަތު ޝިޔާ މުޙައްމަދު (ލިބަރޯ)، ކުނބުރުދޫ ސްކޫލްގެ އައިމިނަތު އާޝިޔާ މުޙައްމަދު، ފާތިމަތު ފައިހާ މުޙައްމަދު، ކެޔޮދޫ ސްކޫލްގެ އައިމިނަތު އާނީ މުޙައްމަދު ނާސިރު އަދި އައިޝަތު ދީނާ ސަލީމް އެވެ. 16 އަހަރުން ދަށުގެ އަންހެން ބައިގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޗެމްޕިއަން ފ. އަތޮޅު މަދަރުސާގެ ކޯޗު އަލީ ޒާހިރު އެވެ.
މިއީ މިއަހަރުގެ މުބާރާތުގައި ފ. އަތޮޅު މަދަރުސާ އިން ހޯދި ތިން ވަނަ ތައްޓެވެ. ދެ އުމުރުފުރާގެ ހަތަރު ބައިގައި އެ ސްކޫލުން ބައިވެރިވެފައިވާއިރު، 16 އަހަރުން ދަށުގެ ފިރިހެން ފިޔަވައި ހުރިހާ ތައްޓެއް ވަނީ ކާމިޔާބު ކޮށްފަ އެވެ.