ads
ފެނަކަ މުވައްޒަފުން މަސައްކަތުގައި: އެއްވެސް މުއާމަލާތެއްގައި ކޮރަޕްޝަނަށް މަގުފަހިވާނެ އަމަލެއް ނުހިނގާނެ ކަމުގެ ޔަގީންކަންދޭ ކަަމަށް ވަނީ ބުނެފައި - ފޮޓޯ:ފެނަކަ
ފެނަކައިން ދެނީ ކޮރަޕްޝަނަށް މަގުފަހިވާނެ އަމަލު ނުހިނގާކަމުގެ ޔަގީންކަން
އެ ކޯޕަރޭޝަނުން ހިންގާ އެއްވެސް މުއާމަލާތެއްގައި ކޮރަޕްޝަނަށް މަގުފަހިވާނެ އެއްވެސް އަމަލެއް ނުހިނގާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) އިން ބުނެފި އެވެ.
Advertisement

ފެނަކަ އާ ގުޅޭގޮތުން ދިޔަރެސް ނޫހުން އިއްޔެ ޝާއިއުކޮށްފައިވާ ހަބަރަކާ ގުޅޭގޮތުން އެ ކޯޕަރޭޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ކޯޕަރޭޝަނުން ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކުގައި، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަކަށް އަމަލުކުރާ ކަމަށް ދޭހަވާ ގޮތަކަށް އެ ނޫހުގައި ކެނޑިނޭޅި އަސާސެއް ނެތް ވާހަކަތައް ފަތުރަމުންދާ ކަމަށެވެ. އެފަދަ ވާހަކަތަކަކީ އެ ކޯޕަރޭޝަނުގެ މިހާރުގެ މެނޭޖްމަންޓުން ކޯޕަރޭޝަނަށް ހޯދައިދީފައިވާ ކުރިއެރުންތަކާއި ކާމިޔާބީތަކަށް ހަސަދަވެރި ނިޔަތެއް އޮވެގެން އެ ކޯޕަރޭޝަނުގެ ނަން ކިލަނބުކޮށް، މެނޭޖްމަންޓާއި މުވައްޒަފުންގެ އަގު ވައްޓާލުމަށް އެއްވެސް ޒިންމާދާރުކަމެއްނެތި ރޭވުމެއްގެ ތެރެއިން ކުރެވެމުންދާ އަމަލުތަކެއް ކަމަށް ފެނަކައިގެ ބަޔާނުގައިވެ އެވެ. 

ފެނަކައިން ބުނެފައިވަނީ އެ ކޯޕަރޭޝަނުން 73 ރަށެއްގެ ފެނުގެ ނިޒާމާއި 88 ރަށެއްގެ ނަރުދަމާ ނިޒާމުގެ އިތުރުން ހަ ރަށެއްގެ ބޯފެނުގެ ނިޒާމް ހިންގަމުންދާއިރު، އެ ރަށްތަކުގައި އާންމު ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް މެދުކެނޑުނަނުދީ ފޯރުކޮށްދިނުމަކީ އެ ކޯޕަރޭޝަނަށް މަތިކުރެވިފައިވާ ގާނޫނީ ޒިންމާއެއް ކަމަށެވެ. އެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ދުވަހުން ދުވަހަށް އެ ކޯޕަރޭޝަނުގެ އޮޕަރޭޝަންތަކަށް ހޯދަން ޖެހޭ މެޓީރިއަލްސް ކުންފުނީގެ ޕްރޮކިއުމަންޓް ނިޒާމުގެ ތެރެއިން ހޯދަމުން ދިއުމަކީ އަބަދުވެސް ކުރެވެމުންދާ މަސައްކަތްތަކެއް ކަމަށް ފެނަކައިން ބުނެ އެވެ.

ފެނަކައިން ބުނި ގޮތުގައި އެ ކޯޕަރޭޝަނުން ފޯރުކޮށްދެމުން އަންނަ ހިދުމަތް ހުއްޓުމަކަށް އަޔަނުދީ ދުވަހުން ދުވަހަށް ހޯދަން ޖެހޭ މެޓީރިއަލްސް އާއި ދުރާލާ ހޯދަން ޖެހޭ މެޓީރިއަލްސް ހޯދުމުގެ މަސައްކަތް ކުރަމުން ދަނީ އެއްވެސް މިންވަރަކަށް ކޮރަޕްޝަނުގެ އަމަލެއް އެ މުއާމަލާތެއްގައި ނުހިމެނޭކަން ކަށަވަރުކުރުމަށްފަހު، ވާދަވެރި ޕްރޮކިއުމަންޓް ޕްރޮސެސްއެއްގެ ތެރެއިން ކަމުގަ އެވެ. އެ ކޯޕަރޭޝަނުގެ ދުވަހުން ދުވަހަށް ހިންގޭ އޮޕަރޭޝަންތަކަށް ބޭނުންވާ މެޓީރިއަލްސް ހޯދުމަކީ އެއްވެސް މިންވަރަކަށް މައްސަލައަކަށް ވާން ޖެހޭނެ ސަބަބެއް ކަމަކަށް ނުދެކޭ ކަމަށް ފެނަކައިން ބުނެ އެވެ.

"އެހެންކަމުން މި ކުންފުނިން ހިންގޭ އެއްވެސް މުއާމަލާތެއްގައިވެސް ކޮރަޕްޝަނަށް މަގުފަހިވެދާނެފަދަ އެއްވެސް އަމަލެއް ހިންގަމުން ނުދާނެކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންގެ އަރުވަމެވެ،" ފެނަކައިގެ ބަޔާނުގައިވެ އެވެ.

ފެނަކައިން ބުނީ އާންމު ރައްޔިތުންގެ ހިތްތަކުގައި އެ ކޯޕަރޭޝަނާ މެދު ނުރަނގަޅު ތަސައްވުރެއް އުފެދޭގޮތަށް، ކަމުގެ ހަގީގަތް ސާފުކުރުމެއްނެތި މިފަދަ ހަބަރުތައް ތަކުރާރުކޮށް އާންމު ކުރުމަކީ އެންމެ ޒިންމާދާރުކަމާ އެކު ކޮށްފައިވާ ކަމެއް ކަމަށް އެ ކޯޕަރޭޝަނުން ނުދެކޭ ކަމަށެވެ.

ރައްޔިތުންގެ އާންމު ދިރިއުޅުމާ ސީދާ ގުޅިފައިވާ އެ ކޯޕަރޭޝަން ކަހަލަ ކުންފުންޏަކާ ގުޅޭގޮތުން ހާއްސަކޮށް ވަކި ނޫހަކުން ފަތުރަމުންދާ ހަބަރުތައް، ކަމުގެ ހަގީގަތް ރައްޔިތުންނަށް ނޯޅޭ ފަދަ ގޮތަކަށް އާންމު ކުރުމަށް ފެނަކައިން ނެރުނު ބަޔާނުގައި ވަނީ އިލްތިމާސްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް