މިއީ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް، ޔޫ.އެން.ޑީ.ޕީގެ އެހީތެރިކަމާއެކު ޖަވާބު ޕްރައިވެޓް ލިމިޓެޑުން ފަރުމާކޮށް ޑިވެލޮޕްކޮށްފައިވާ ވެބްސައިޓެކެވެ.
މި ރަސްމިއްޔާތުގައި ޔޫ.އެން.ޑީ.ޕީ މޯލްޑިވްސްގެ ޑެޕިއުޓީ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް ޕެކް ޗުއާން ގަންއާއި، ޔޫ.އެން.ޑީ.ޕީ މޯލްޑިވްސްއާއި، ޖަވާބު ޕްރައިވެޓް ލިމިޓެޑް ތަމްސީލުކުރައްވާ ފަރާތްތަކާއި، އޭޖީ އޮފީހުގެ ވެރިންނާއި، 'އެމްވީލޯ' ޑިވެލޮޕްކުރުމުގައި މަސައްކަތްކުރެއްވި ޓީމު ބައިވެރިވެވަޑައިގަތެވެ.
މި ވެބްސައިޓުގެ މަގްސަދަކީ ރާއްޖޭގެ ހުރިހާ ޤާނޫނުތަކާއި ގަވާއިދުތަކާއި، އިސްލާހުތައް އެއްތަނަކުން ފަސޭހަކަމާއެކީ ބަލައިލެވޭނެ އިންތިޒާމް ހަމަޖެއްސުމެވެ. އަދި ރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކާ ގުޅޭގޮތުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމާއި، ގާނޫނީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ މަސައްކަތް އިތުރަށް ހަލުވިކުރުމަށް މަގުފަހިކޮށްދިނުންކަމަށް އޭޖީ އޮފީހުން ވިދާޅުވެ އެވެ.
އެމްވީ.ލޯ އިފްތިތާހު ކުރުމަށް މިއަދު އޮޖީ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ޔޫއެންޑީޕީގެ ރާއްޖޭގެ ޑެޕިއުޓީ ރެސިޑެންޓް ރިޕްރެޒެންޓޭޓިވް މިސް ޕެކް ޗުއާން ގަން ވިދާޅުވި ގޮތުގައި މި ވެބްސައިޓަކީ އާންމުންނާ ގުޅޭ, އާންމުންގެ ބޭނުންތަކަށް އިޖާބަދޭ އަދި އެންމެންގެ ބައިވެރިވުން ހިމެނޭފަދަ ގޮތަލަށް ގާނޫނުތައް ހެދުމަށްޓަކައި އެޅިގެންދާ މުހިންމު ފިޔަވަޅެކެވެ.
މި ރަސްމިއްޔާތުގައި އެޓަރނީ ޖެނެރަލް އަލްއުސްތާޛް އިބްރާހީމް ރިފްޢަތު ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ޝަރުޢީ އަދި ޤާނޫނީ ދާއިރާ ހަރުދަނާކުރުމަށް ޔޫ.އެން.ޑީ.ޕީއިން ދެއްވާ އެހީތެރިކަން ފާހަގަކުރެއްވިއެވެ. އަދި މި ވެބްސައިޓު ޑިވެލޮޕްކުރުމުގައި ޔޫ.އެން.ޑީ.ޕީއާއި ޖަވާބު ޕްރައިވެޓް ލިމިޓެޑާއި، އެޓަރނީ ޖެނެރަލް އޮފީހުން މި މަސައްކަތްކުރެއްވި ޓީމުގެ މަސައްކަތްވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މި ވެބްސައިޓުން ކީވޯޑްތައް ބޭނުންކޮށްގެން ގާނޫނުތަކާއި ގަވާއިދުތައް ހޯދުމާއި, ގާނޫނުތަކަށް ގެނެވިފައިވާ އިސްލާހުތައް ޓްރެކް ކުރުމާއި އޮފްލައިންކޮށް ކިޔާލުމަށް ގާނޫނާއި ގަވައިދުތައް ސޭވް ކުރުން އަދި ވަކި މާއްދާތައް ބުކްމާކް ވެސް ކުރެވޭނެ އެވެ. އަދި ހާއްސަ އެހީއަށް މީހުންވާ މީހުންނަށް އަމާޒުކޮށްގެން ވެބްސައިޓުގައި ދިވެހި ބަހުން ޓެކްސްޓް-ޓު-ސްޕީޗް ފަންކްޝަން ވެސް ހިމަނާފައިވެ އެވެ.
އެމްވީލޯގެ ވެބްސައިޓަށް ހުރިހާ މޯބައިލް ޑިވައިސްތަކުން ވަދެވޭއިރު, އެމްވީލޯގެ މޯބައިލް އެޕްލިކޭޝަން ވެސް ހަފްތާއެއްހާ ދުވަސްތެރޭ ނެރޭނެ ކަމަށް އޭޖީ އޮފީހުން ބުނެ އެވެ.