އަންނަ ޑިސެންބަރު މަހުގެ 16 ވަނަ ދުވަހު 4 ބައި އިލެކްޝަނެއް ބޭއްވުމަށް ނިންމަވާފައިވާއިރު އިލެކްޝަންސް ކޮމިޝަނުން މިހާރުވަނީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ.
އަންނަ މަހު ބާއްވަން އިއުލާނުކުރި 4 ކައުންސިލެއްގެ ބައި އިލެކްޝަނަކީ:
1. ހއ. ކެލާ ކައުންސިލްގެ އަންހެން މެންބަރު
2. އދ. ހަންޏާމީދޫ ކައުންސިލް މެންބަރު
3. ނ. މާފަރު ކައުންސިލް މެންބަރު
4. ތ. ގުރައިދޫ ކައުންސިލް ރައީސް
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ 4 ރަށުގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 16ވާ ހޮނިހިރު ދުވަހުގައިކަމަށެވެ. އަދި ވޯޓުލުން ކުރިއަށްދާނީ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 16:00 އަށްކަމަށް ހަބިބު ވިދާޅުވިއެވެ. އެ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރާނީ އަންނަ މަހުގެ 18 ވާ ހޯމަ ދުވަހުގައިކަމަށްވެސް ހަބީބު ވިދާޅުވިއެވެ.
އަންނަ މަހު ކައުންސިލްތަކުގެ ބައި އިލެކްޝަން ބާއްވާއިރު މަޖިލިސް އިންތިހާބުވެސް އަންނަ އަހަރު ކުރީކޮޅު ބާއްވަން ވަނީ ނިންމާފައެވެ. މި އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އަންނަ އަހަރުގެ ބަޖެޓުގައި 61 މިލިޔަން ރުފިޔާ ހިމަނާފައިވަނީ އީސީގެ އެދުމުގެ މަތިންނެވެ.