ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން މަޖިލީހުގެ 49 މެންބަރުންގެ ތާއީދާއިއެކު، ހުށަހަޅާފައި ގަރާރުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދަން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލާގައި ގޮތެއް ނުނިންމަނީސް، އެ މައްސަލަ މަޖިލީހުގައި އެޖެންޑާ ނުކުރަން ޑިމޮކްރެޓްސްގެ ޕާލިމެންޓަރީ ގުރޫޕުން މަޖިލީހުގެ އިދާރާގައި އެދިއްޖެ އެވެ.

Advertisement
ނަޝީދު ވަކިކުރުމަށް ވޯޓުނަގަން ބާއްވަން އުޅުނު ޖަލްސާ މިއަދުވެސް ބޭއްވިފައިނުވާއިރު މިދިޔަ ހަފްތާގައިވެސް އެ މައްސަލަ ކުރިޔަށް ގެންދެވޭގޮތް ނުވީ މަޖިލީހުގެ ނައިބު ރައީސް އިވާ ސަލާމުގައި ހުންނެވުމުންނެވެ.
އެމްޑީޕީން ސުޕްރީމް ކޯޓަށް ދިޔައީ އެ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް ކޯޓުން ކަނޑައަޅައިދޭން އެދިއެވެ. ސުޕްރީމް ކޯޓަށް ވެއްދި ދުސްތޫރީ މައްސަލައިގައި އެމްޑީޕީން އެދުނީ މަޖިލީހުގެ ރައީސް ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި މަޖިލީހުުގެ ނައިބު ރައީސަށް ކަމަށް ބަލުމަކީ ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ ށ. އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށް ކަނޑައަޅައިދިނުމަށެވެ.
މި މައްސަލައަށް ޑިމޮކްރެޓްސް އާއި ޕީޕީއެމް/ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުން ވަނީ ތަދައްހުލުވެފަ އެވެ.
ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މަޖިލީހުގެ އަމީންއާއްމަށް ފޮނުވި ސިޓީއެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުން އެ މައްސަލައާ މެދު ބަހުސްކޮށް ގޮތެއް ނިންމުމުގެ ކުރިން މަޖިލީހުން އެ މައްސަލައިގައި ގޮތެއް ނިންމުމަކީ މަޖިލީހުން އަމަލު ކުރަމުން އަންނަ އުސޫލުތަކާއި ޑިމޮކްރެޓިކް ހަމަތަކަށް ވެސް ފެތޭ ކަމެއް ނޫން ކަމަށެވެ.
".. އެމްޑީޕީން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުގައި ވަނިކޮށް، ހަމަ އެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުން ބަހުސްކޮށް ގޮތެއް ނިންމުމަކީ ސުޕްރީމް ކޯޓުގައި އޮތް މައްސަލައިގައި ކޯޓަށް ނުފޫޒު ފޯރާނޭ މަސައްކަތެއް ކަމުގައި ދެކޭތީ އެ މައްސަލައާ މެދު ގޮތެއް ނިންމަންދެން މި މައްސަލަ އެޖެންޑާ ކުރެވިދާނެ ކަމަށް ނުދެކެވެ،،" އާޒިމްގެ ސިޓީގައި ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އާޒިމްގެ ސިޓީއެއް މަޖިލީހުގެ އަމީންއާއްމަށް ފޮނުވި ނަމަވެސް އަންނަ އާދިއްތަ ދުވަހަށް ވެސް މަޖިލީހުން އޮތީ ނަޝީދުގެ މައްސަލަ އެޖެންޑާ ކޮށްފައެވެ. އެއީ، އެ މައްސަލަ އެޖެންޑާ ކުރި ފަސްވަނަ ފަހަރެވެ.
.