ފުލުހުންގެ ބްލޮގުގައި ހަމީދު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮވިޑު 19 އާއި އޮޕަރޭޝަންތައް ރާވާ ހިންގުމުގައި ފުލުހުންގެ އިދާރާގެ ވަސީލަތްތައް މަދުވުން ފަދަ ގޮންޖެހުންތަކާ އެކު ވެސް ސްޓްރެޓެޖިކް ޕްލޭންގެ ގިނަ އަމާޒުތައް ހާސިލުކުރެވުނު ކަމަށެވެ.
ވޭތުވެދިޔަ ފަސް އަހަރު ފުލުހުންގެ ހިދުމަތް ރީސްޓްރަކްޗާ ކުރުމާއި މުޖުތަމައާ ގާތުން ހިދުމަތް ދިނުމަށް އަވަށްޓެރި ފުލުހުންގެ ރޯލު ވަރުގަދަ ކުރުމާއި ގާނޫނީ ގޮތުން ފުލުހުންނަށް ލިބިދޭ ބާރު އިތުރުކޮށް އެތެރޭގެ ހިންގުންތައް ހަރުދަނާ ކުރެވުމަކީ ހޯދުނު ކާމިޔާބީތަކެއް ކަމަށް ހަމީދު ވިދާޅުވި އެވެ.
ހަމީދު ވިދާޅުވެފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރި އާއި ގޭންގު ކުށްތަކާ އަދި ހަރުކަށި ފިކުރު ފަދަ ބޮޑެތި ކުށްތައް ހުއްޓުވަން ބުރަ މަސައްކަތްތަކެއްކޮށް، ކާމިޔާބު އޮފަރޭޝަންތަކެއް ހިންގުނު ކަމަށެވެ.
ޓްރެފިކް ކުށްތަކާއި މަގުމަތީގެ ކުށްތައް ހުއްޓުވަން އާބާދީ ބޮޑު ސަރަހައްދުތަކަށް ހައި ވިޒިބިލިޓީ ފުލުހުން ނެރުމާއި އޮޕަރޭޝަންތަކުގައި ބޮޑީ ކެމެރާ ބޭނުންކުރަން ފެށުމަކީ ހޯދުނު ކާމިޔާބީތައް ކަމަށް ހަމީދު ވިދާޅުވި އެވެ. ހަމީދު ވިދާޅުވި ފުލުހުންގެ ޕްރޮފެޝަނަލިޒަމް ހަރުދަނާ ކުރުމަށް ކުރެވުނު މަސައްކަތްތަކުގެ އިތުރުން ފުލުހުން ތަމްރީނު ކުރަން އައްޑޫގައި ގާއިމުކުރި ޓްރެއިނިން ކޮލެޖާ އަދި ބައިނަލްއަގުވާމީ ފުލުހުންގެ މުޖުތަމައުގައި ކުރެވުނު މަސައްކަތްތަކަކީ ވެސް ދުރާލާ ރޭވިގެން ހޯދުނު ބޮޑެތި ކާމިޔާބީތަކެއް ކަމުގަ އެވެ.
ފުލުހުންގެ ހިދުމަތްތައް ސްޓްރެޓެޖިކް ޕްލޭނާ އެއްގޮތަށް ބައްޓަން ކުރަން ހުރިހާ ފުލުހުން ކުރި ބުރަ މަސައްކަތަށް ހަމީދު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.