
މެޓް އޮފީހުން އާންމުކޮށްފައިވާ ބައެއް މައުލޫމާތުތަކުގައިވާ ގޮތުން ހެނދުނު 08:00 އާއި 10:00 އާ ދެމެދަކީ މިއަދުގެ މިހާތަނަށް އެންމެ ބޯކޮށް ގުގުރުމާ އެކު ވާރޭވެހުނު ވަގުތެވެ.
އެ ވަގުތުގެ ތެރޭގައި ހުޅުލެއަށް 67 މިލިމީޓަރުގެ ވާރެ ވެހިފައިވާއިރު، އެންމެފަހުން ބޯކޮށް ވާރޭ ވެހުނުއިރު ހުޅުލެއަށް 71 މިލިމީޓަރުގެ ވާރެ ވެހުނު ކަމަށް ރެކޯޑުކުރެވިފައިވެ އެވެ.
މާލެއަށް ވެހުނު ވާރޭގައި ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފުން ވަނީ ހަރަކާތްތެރިވެފަ އެވެ.
އެމްއެންޑީއެފުން ބުނެފައިވާ ގޮތުގައި ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވުމާ ގުޅިގެން ފެން ހިއްކުން އަވަސްކުރުމަށް އެހީތެރިވުމުގެ ގޮތުން ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ސިފައިން ޕަންޕު ބޭނުންކޮށްގެން ފެން ހިއްކާފައިވާ ކަމުގަ އެވެ. އެގޮތުން އައިޖީއެމް ހޮސްޕިޓަލް ސަރަހައްދުގައި ޕަންޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ކުރި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
ކުރިއަށް އޮތް 24 ގަޑިއިރުވެސް މާލެ ސަރަހައްދުގެ މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ. އެ އިދާރާއިން ލަފާކޮށްފައި ވަނީ ވާރޭ ވެހި، ވައި ވެސް ބާރުވާނެ ކަމަށެވެ.