
ގާޒާގައި ވެރިކަން ކުރާ ހަމާސް ޖަމާއަތުން ބުނީ ޔަހޫދީ އިޒްރޭލުގެ މިސައިލް ހަމަލަތައް އަމާޒު ކޮށްފައި ވަނީ އަލް ޝިފާ ހޮސްޕިޓަލްގެ ގޯތި ތެރޭގައި އޮތް އެމްބިޔުލާންސްތަކަށް ކަމުގައެވެ. މި ހަމަލާގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 60 އަށް އަރާ ކަމުގައި ރިޕޯޓުތައް ބުނާއިރު، އެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމުގައި އެ ހޮސްޕިޓަލުގެ ޑޮކްޓަރުންނާ ހަވާލާދީ ރިޕޯޓުކޮށްފައި "އަލް ޖަޒީރާ" އިން ބުނެ އެވެ.
އަލް ޝިފާ ހޮސްޕިޓަލަކީ ގާޒާގެ އެންމެ ބޮޑު ހޮސްޕިޓަލެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުން މި ހަމަލާގައި ގިނަ ބަޔަކު މަރުވެ، އެތައް ބަޔަކު ވަނީ ޒަހަމްވެފަ އެވެ. ޝިފާ ހޮސްޕިޓަލުގެ ދިންހަމަލާއަށް ފަހު، ޔަހޫދީ އިޒްރޭލު ސިފައިންވަނީ އިންޑޮނޭޝިއަން ހޮސްޕިޓަލުގެ އިތުރުން އަލް ގުދުސް ހޮސްޕިޓަލަށް ވެސް ހަމަލާ ދީފަ އެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އިޒްރޭލުން އަލް ޝިފާ ހޮސްޕިޓަލުގެ ބޭރުގައި އޮތް އެމްބިއުލާންސްތަކަށް ދިން ހަމަލާއާ ގުޅިގެން އޭނާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
މިދިޔަ މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޔަހޫދީ އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު މިހާރު 9،500 އަށް އަރާފައިވާއިރު، އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުން ކަމަށް ގާޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެއެވެ. އަދި، އަނިޔާވެފައިވާ މީހުންގެ އަދަދު ވަނީ 26،000 އިން މައްޗަށް އަރައިފައެވެ.