ads
ދިރާގު ހެޑް އޮފީސް: ތިންވަނަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި 653 މިލިއަން ރުފިޔާ ވަނީ ލިބިފައި - ފޮޓޯ:ދިރާގު
ތިންވަނަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި 653 މިލިއަން ރުފިޔާ
މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ދިވެހި ރާއްޖޭގެ ގުޅުން (ދިރާގު) އަށް އާމްދަނީގެ ގޮތުގައި 653 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މި އަހަރުގެ ދެވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ދިރާގަށް ލިބިފައިވަނީ 640 މިލިއަން ރުފިޔާ އެވެ. ދެވަނަ ކުއާޓަރާ އަޅާބަލާއިރު، ތިންވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބުނު އާމްދަނީ ވަނީ ދެ އިންސައްތަ އިތުރުވެފަ އެވެ.

ދިރާގުން މައިގަނޑު ގޮތެއްގައި އާމްދަނީ ހޯދަނީ މޯބައިލް ހިދުމަތްތަކާއި ފިކްސްޑް ލައިން، ބްރޯޑް ބޭންޑް އިންޓަނެޓާއި އެންޓަޕްރައިޒް ވިޔަފާރިތައް މެދުވެރިކޮށެވެ. އެ ކުންފުނިން އާންމުކޮށްފައިވާ މި އަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ރިޕޯޓުން ދައްކާ ގޮތުން މޯބައިލް ހިދުމަތްތަކުން 340 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ. ދެވަނަ ކުއާޓަރުގައި އެ ހިދުމަތްތަކުން ލިބިފައިވަނީ 327 މިލިއަން ރުފިޔާ އެވެ.

ފިކްސް ބްރޯޑްބޭންޑު ހިދުމަތްތަކުން ދިރާގަށް ތިންވަނަ ކުއާޓަރުގައި 293.5 މިލިއަން ރުފިޔާ ލިބިފައިވާއިރު، ދެވަނަ ކުއާޓަރުގައި ލިބުނީ 289.2 މިލިއަން ރުފިޔާ އެވެ.

ތިންވަނަ ކުއާޓަރުގައި ކުންފުނީގެ ހިންގުމުގެ ހަރަދު ހުރީ 276 މިލިއަން ރުފިޔާގަ އެވެ. ޓެކުހަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 217 މިލިއަން ރުފިޔާ އެ ކުންފުންޏަށް ވަނީ ލިބިފަ އެވެ. މިއީ މި އަހަރުގެ ދެވަނަ ކުއާޓަރުގައި ފައިދާގެ ގޮތުގައި ލިބުނު 227 މިލިއަން ރުފިޔާ އާ އަޅާބަލާއިރު ފަސް އިންސައްތަ ދަށް އަދަދެކެވެ.

ދިރާގުން ފާހަގަކޮށްފައިވާ ގޮތުގައި އެ ކުންފުންޏަށް ލިބުނު ފައިދާގެ އަދަދު ދަށަށް ގޮސްފައި ވަނީ ތިންވަނަ ކުއާޓަރުގައި ކުންފުނި ހިންގުމުގެ ހަރަދު އިތުރުވުމުން ކަމުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް