ads
ވަކީލް މައުމޫން ހަމީދު: ވިދާޅުވީ ފަލަސްތީނަށް އިންސާފު ހޯދަން އިޒްރޭލާ ދެކޮޅަށް ރާއްޖެއަށް ދައުވާ ކުރެވޭނެ ކަމަށް - ފޮޓޯ:ބާ ކައުންސިލް
ފަލަސްތީނަށް އިންސާފު ހޯދަން އިޒްރޭލާ ދެކޮޅަށް ރާއްޖެއަށް ދައުވާ ކުރެވޭނެ
ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދޭން އިޒްރޭލާ ދެކޮޅަށް ރާއްޖެއަށް ދައުވާ ކުރެވޭނެ ކަމަށް ގާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވެއްޖެ އެވެ.
Advertisement

ބާ ކައުންސިލުގެ ރައީސްކަން ކުރެއްވި މައުމޫން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ގާނޫނުލް އުގޫބާތުގައި، ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވާ ކަންކަމުގެ މައްޗަށް ރާއްޖޭގެ އިހުތިސޯސް ކަނޑައަޅާފައިވާ ކަމަށެވެ. އެހެންކަމުން ރާއްޖެއަށް ފަލަސްތީނަށް އެހީވުމުގެ ފުރުސަތު އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ބައިނަލްއަގުވާމީ މުޖުތަމައުގެ އިސްނަގަންދެން މަޑުކުރުމުގެ ބަދަލުގައި ފަލަސްތީނަށް ދެމުންގެންދާ ބޮޑެތި ގެއްލުންތަކާއި ޖަރީމާތަކާ ދެކޮޅަށް ފަލަސްތީނަށް އެހީވުމަށް ފިޔަވަޅު އެޅުމުގެ ފުރުސަތު ރާއްޖެއަށް އެބައޮތް،" މައުމޫންގެ ޕޯސްޓްގައި ވިދާޅުވެފައިވެ އެވެ.

ރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 13 ވަނަ މާއްދާގައި ބުނަނީ ކުށް ކުރީ ކޮންމެ ތަނެއްގައި ކަމުގައި ވިޔަސް އަދި އެ ކުށްކުރި މީހުންގެ ދިރިއުޅުން ބިނާވެފައިވަނީ ކޮންމެ ގައުމެއްގައި ވިޔަސް ބައިނަލްއަގުވާމީ ގާނޫނާ ކަނޑައެޅިގެން ހިލާފަށް ކުރެވޭ ކޮންމެ ކުށެއްގައި ދައުވާ ކުރުމުގެ ބާރު ދިވެހި ދައުލަތަށް ލިބިގެންވާ ކަމަށެވެ.

ރާއްޖޭން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާއެއްގެ ސަބަބުން އެ ކުށުގެ އަމަލުގެ މައްޗަށް ގާނޫނު ހިންގުމުގެ ބާރު ދައުލަތަށް ލިބިދޭ ބާވަތުގެ ކުށްތަކުގައިވެސް ދައުވާ ކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.

މިދިޔަ މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 10،000 އެއްހާ މީހުން ޝަހީދުވެފައިވާއިރު 70 އިންސައްތައަކީ އަންހެނުންނާއި ކުޑަކުދިންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް