ads
އީވާ އަދި ނަޝީދު
މަޖިލީހުގެ ރިޔާސަތަށް މިވީ ކިހިނެތް؟
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން މަޖިލީހުގެ 48 މެންބަރުން ސޮއިކޮށް ހުށަހަޅާފައިވާ މައްސަލަ، މަޖިލީހުގެ އެޖެންޑާގައި އޮންނަތާ ހަފްތާއެއްވީއެވެ.

މަޖިލީހުގެ އެޖެންޑާގައި އެ މައްސަލަ އޮންނަތާ ހަފްތާއެއް ވީއިރުވެސް މައްސަލަ ކުރިއަށްދާ ގޮތެއް ނުވެއެވެ. ދައުލަތުގެ އެއް ބާރު ހުއްޓިފައި އޮތީ، ނާއިބު ރައީސް އީވާ އަބްދުﷲ ޑެންގޫ ހުމަށް ފަރުވާ ހޯދުމުންދާ ކަމަށް ވިދާޅުވެ ފޮނުއްވާ ސަލާމަކުންނެވެ. 

މި މައްސަލައިގެ ނޯޓިސް މުއްދަތު ހަމަވެ، މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރިއެވެ. އެހެންނަމަވެސް އީވާ މެޑިކަލް ރިޕޯޓެއް ހުށަހަޅުއްވައި، ޖަލްސާގައި އެ ދުވަހު ބައިވެރިވެވަޑައި ނުގެންނެވުމުން ޖަލްސާ ކެންސަލްވީއެވެ. އެކަމަކު އެދުވަހު އީވާ ހުއްށަހަޅުއްވާފައިވާ މެޑިކަލް ރިޕޯޓަކީ، އޭގެ އެއް ހަފްތާ ކުރީގެ މެޑިކަލް ރިޕޯޓެކެވެ. އަދި މިއަށްވުރެވެސް އާދަޔާ ހިލާފު ކަމަކީ، މެޑިކަލް ރިޕޯޓުގައިވާ ތާރީހުގެ ފަހުންވެސް އީވާ މަޖިލީހަށް ވަޑައިގެން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ކަމެވެ. ބަލިވެގެން އީވާއަށް މަޖިލީހާ ހަމައަށް ވަޑައި ނުގެންނެވުނީ، ރައީސް ނަޝީދުގެ މައްސަލަ އެޖެންޑާ ކުރި ހިސާބުންނެވެ.

ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން، ވަކި މީހަކު ބަލިވެގެން، ނުވަތަ ވަކި މީހަކު ގަދަ ވެގެން ދައުލަތުގެ އެއް ބާރު ހުއްޓިފައި އޮތުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫނެވެ. ވަކިން ހާއްސަކޮށް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް ފަސް މެންބަރުންގެ ޓީމެއް ކަނޑައަޅާފައި އޮންނައިރު، ގަވައިދުގެ އެންމެ އަކުރެއްގައި ހިފައިގެން ދައުލަތް ހުއްޓުވުން އެއީ ގަބޫލު ކުރެވޭނެ ކަމެއް ނޫނެވެ.

ނަމުން ޑިމޮކްރެޓްސް ކިޔަސް، އަދި ޑިމޮކްރެސީގެ ޗެމްޕިއަނުން ކަމަށް ދައުވާ ކުރިއަށް ހަގީގަތުގައި މިއަދު ރައީސް ނަޝީދުގެ ފަރާތުން ފެންނަނީ ހުދުމުހުތާރު ކަމުގެ އިންތިހާއެވެ. މީގެ ކުރިން ހަމަ މިހާލަތު ދިމާވީ، އެކަމުގައި ނަޝީދު ގެންގުޅުއްވި ވިސްނުންފުޅަކީ މަޖިލީހުގެ ބޮޑު އަގްލަބިއްޔަތަކުން އިތުބާރު ނެތް ކަމަށް ހުށަހެޅީމާ އިސްތިއުފާ ދިނުން އެއީ އެންމެ ރީތި ގޮތް ކަމަށް ބުނެދިނުމުގެ ސިފައެވެ. އެކަމަކު މިއަދު ނަޝީދުއާ އެ ހަލާތު ކުރިމަތިވީމާ، ޑިމޮކްރެސީގެ ރީތި ސިފައެއްވެސް ނުފެނުނެވެ. ކުރިން ނަޝީދުއަށް ކުރި އިހުތިރާމް މިހާރު ގެއްލިއްޖެއެވެ.

މި މައްސަލަ ކުރިއަށް ގެންދިޔުމަށް ހުރަސް އެޅުމަށް، އަދި އިތުރު ވަގުތު ހޯދުމަށް ނަޝީދުއާ ނަޝީދުގެ ޓީމުން ކުރަމުން އަންނަ މަސައްކަތް ކަމަށް އެމްޑީޕީން ތުހުމަތުކުރެއެވެ. ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ނުނިމެނީސް މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދިޔުމަށް ހުރަސް އަޅަން ކުރާ މަސައްކަތަކީވެސް އެއް ގޮތުން ނޫނީ އަނެއް ގޮތުން މަޖިލީހުގެ ރިޔާސަތު ދިފާއު ކުރައްވަން ކުރައްވަމުން ގެންދަވާ ކަމެއްކަމަށް ބައެއް މީހުން ތުހުމަތުކުރެއެވެ. 

ނޭގެނީ އެންމެ ކަމެކެވެ. ވޯޓަކާ ކުރިމަތިލާން ރައީސް ނަޝީދު ތިހާ ބިރު ގަންނަ ސަބަބެވެ. މިއަދު ތިޔައީ އަޅުގަނޑު ކުރިން ދަންނަ ނަޝީދެއް ނޫނެވެ. ނޫނީ، ކުރިން އެހެން ސިފައެއް ދައްކަމުން އައިސް މިއަދު އަސްލު ސޫރަ ސިފަވީ ހެއްޔެވެ؟

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް