ނޭޕާލަށް އައި ބިންހެލުމާ ގުޅިގެން އެގައުމުގައި ދިރިއުޅޭ ދިވެހިންގެ ހާލު ގާތުން ބަލަމުންދާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މިހާތަނަށް ބެލި ބެލުމުން އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައި ވާކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ، ނޭޕާލްގެ ބިންހެލުން އައި ސަރަހައްދުގައި އެއްވެސް ދިވެއްސެއް ދިރިއުޅޭކަމަށް މިނިސްޓްރީގެ ރިކޯޑުތަކުން ނުދައްކާ ކަމަށެވެ.
ނަމަވެސް އެއްވެސް ދިވެއްސަކަށް ބިންހެލުމުގެ އަސަރު ކޮށް، ގެއްލުމެއް ލިބިފައި ވާނަމަ މިނިސްޓްރީގެ ހޮޓްލައިނަށް ގުޅާ އެކަން އެންގުމަށް ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ. އަދި މި ކަމާއި ގުޅިގެން އެހީއަށް ބޭނުންވާ ނަމަވެސް ވީއެންމެ އަވަހަކަށް އެކަން ވެސް މިނިސްޓްރީއަށް އެންގުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
ނޭޕާލްގެ އާތުކުއޭކް މޮނިޓަރިންގް އެންޑް ރިސާޗް ސެންޓަރާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާ ނޫހުން ރިޕޯޓުކޮށްފައިވާގޮތުގައި ބިންހެލުން އައިސްފައި ވަނީ ކަތުމަންޑޫގެ ހުޅަނގުން ގާތްގަނޑަކަށް 500 ކިލޯމީޓަރު ދުރުގައި އޮންނަ ޖަޖަ ކޯޓް ޑިސްޓްރިކްޓަށެވެ.
ރާއްޖެ ގަޑިން ގާތްގަނޑަކަށް 11:00 ހާއިރު އައި މި ބިންހެލުމަކީ 2015 ވަނަ އަހަރަށް ފަހު ނޭޕާލަށް އައި އެންމެ ބާރުގަރުގަދަ ބިންހެލުމެވެ. މި ބިންހެލުމުގައި މިހާތަނަށް 140 މީހުން ވަނީ މަރުވެފައެވެ.
ނޭޕާލުގައި އާާންމުކޮށް ތިބެނީ މެޑިސިން ކިޔަވަން ގޮސް ތިބޭ ދިވެހި ދަރިވަރުންނެވެ. 2015 ވަނަ އަހަރު އެގައުމަށް އައި ބިންހެލުމުގައި ވެސް ދިވެހި ދަރިވަރުންނަށް ބިންހެލުމުގެ އަސަރުކޮށް ރާއްޖެ ގެނެސްފައި ވެއެވެ.