ads
އެފްޑީސީގެ އަމާން އުދަރެސްގެ ޓަވަރުތަކުގެ ތެރެއިން ޓަވަރެއް: ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓަށް އެދި ހުށަހެޅި ފަރާތްތަކުގެ ވަގުތީ ލިސްޓް ވަނީ އާންމުކޮށްފައި - ފޮޓޯ:ސީއެންއެމް
ފްލެޓާ ގުޅޭ ޝަކުވާތައް އޭސީސީއަށް، އަވަސް ފިޔަވަޅެއް އަޅަންޖެހޭތޯ ބަލަނީ
ސަރުކާރުން ހުޅުވާލި ގެދޮރުވެރިޔާ ފްލެޓް ލިބޭ މީހުންގެ ލިސްޓް އާއްމުކުރުމާ އެކު ޝަކުވާތައް ހުށަހަޅަމުންދާ ކަމަށާއި، އެކަމާމެދު އަވަސް ފިޔަވަޅެއް އަޅަންޖެހޭތޯ ބަލައި މިއަދު ގޮތެއް ނިންމާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބުނެފިއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓް އިއްޔެ އާއްމުކުރުމާ އެކު ގިނަ ބަޔަކު ދަނީ ކަންބޮޑުވުމާއި ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. އެކަންކަމާ ގުޅިގެން ބައެއް މީހުން ވަނީ، ޕްލޭނިން މިނިސްޓްރީ ދޮށަށް އެއްވެ، ޕޮއިންޓް ދިން ގޮތް ހާމަކުރަން ވެސް ގޮވާލައިފައެވެ.

މި މައްސަލައާއި ގުޅިގެން އޭސީސީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފްލެޓް ލިސްޓް އާއްމުކުރުމާ ގުޅޭ މައްސަލަތައް އެ ކޮމިޝަނަށް ހުށަހަޅަމުންދާ ކަމަށެވެ. އަދި އެ ކޮމިޝަނުން އެ މައްސަލަތައް ދިރާސާ ކުރަމުން އަންނަ ކަމަށެވެ.

ތިން ކޮޓަރީގެ ފްލެޓްގެ ދާއިމީ ލިސްޓުގައި ހިމެނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުންނެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓްތައް ލިބެނީ 73 އަށް ވުރެ ގިނައިން މާކްސް ލިބުނު މީހުންނަށެވެ.

ސޯޝަލް ހައުސިން ސްކީމުގެ ދަށުން، ސަރުކާރުން ހަދާ ފްލެޓުތަކަށް ކުރިމަތިލުމަށް ހުޅުވާލުމުން 20،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ. މީގެތެރެއިން ޝަރުތު ހަމަވާ 15،000 މީހުންނަށް ފްލެޓް ދޭން ހައުސިން މިނިސްޓްރީން ވަނީ ނިންމާފައެވެ.

އަށާރަ ފްލޯގެ 32 ޓަވަރެއްގައި ފްލެޓުތައް ހަދަން ސަރުކާރުން ވަނީ ނިންމާފައެވެ. މީގެން ކޮންމެ ފްލޯއެއްގައި އަށް އެޕާޓްމެންޓް ހުންނާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް