ads
ވިލިމާލޭގައި ދުއްވަން ގެނައި ބަގީތައް: ވިލިމާލޭ ބަގީގެ ހިދުމަތް ހުއްޓިފައި އޮންނަތާ މަސް ދުވަސް ވަނީ ވެފައި - ފޮޓޯ: މާލެ ސިޓީ ކައުންސިލް
ވިލިމާލޭ ބަގީގެ ހިދުމަތް ހުއްޓިފައި އޮންނަތާ މަސް ދުވަސް ވެއްޖެ
ވިލިމާލޭގައި މާލޭ ސިޓީ ކައުންސިލުން ފެށި ބަގީގެ ހިދުމަތް ހުއްޓިފައި އޮންނަތާ މަހެއް ވެއްޖެ ކަމަށް ވިލިމާލެ ދާއިރާގެ ކައުންސިލް މެންބަރު ނަހުލާ އަލީ ވިދާޅުވެއްޖެ އެވެ.
Advertisement

މާލޭ ސިޓީ ކައުންސިލުން އެންމެ ފަހުން ބޭއްވި ޖަލްސާގައި އެ ކަންބޮޑުވުން ފާޅުކުރައްވައި ނަހުލާ ވިދާޅުވީ މައްސަލަ ކައުންސިލުގެ ސަމާލުކަމަށް ގެނައި ފަހުން އެއް ބަގީ ދަތުރުކުރާ ކަމަށެވެ. އެކަމަކު އެ ބަގީންވެސް ގަވާއިދުން ދަތުރުނުކުރާ ކަމަށް ނަހުލާ ވިދާޅުވި އެވެ.

"ހިތަށް އެރި ފަހަރަކު ދުއްވާ، ހިތަށް އެރި ފަހަރަކު ނުދުއްވާ. ގުޅީމަ ފޯނެއް ނުނަގާ، މިކަހަލަ ވަރަށް ބައިވަރު ޝަކުވާ ރައްޔިތުންގެ ފަރާތުން އެބަ އާދޭ، ބަލި މީހުން އުފުލަން އޮންނަ ބަގީވެސް ނުލިބޭ ކަމަށާއި މިކަހަލަ ވަރަށް ބައިވަރު ޝަކުވާ އަންނާތީ،" ނަހުލާ ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލުން 390،000 ރުފިޔާ ދީގެން ޕިންކް ސްކައި މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކާ ބަގީގެ ހިދުމަތް ދޭން ހަވާލުކުރީ މިދިޔަ އޭޕްރީލް މަހުގަ އެވެ. އެ ހިދުމަތް ދިނުމަށް 2.9 މިލިއަން ރުފިޔާ ހަރަދުކޮށްގެން 10 ބަގީ ވަނީ ގެނެސްފަ އެވެ.

ހިދުމަތް ނުދޭ ނަމަ، އެ ކުންފުންޏާ މެދު ފިޔަވަޅު އަޅަން ނަހުލާ ވަނީ އެދިވަޑައިގެންފަ އެވެ.

މި މައްސަލަ އާ ގުޅިގެން މާލޭ ސިޓީ ކައުންސިލް ހިންގުމާ ވަގުތީ ގޮތުން ހަވާލުވެޑައިގެން ހުންނެވި ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެފައި ވަނީ ބަގީގެ ހިދުމަތް ހުއްޓިފައިވަނީ ބަގީގެ މަރާމާތަށް ކައުންސިލާ އެކު ހަދަން ޖެހޭ އެއްބަސްވުމެއް ނުހެދި ލަސްވާތީ ކަމަށެވެ.

"އެ އެގްރީމެންޓު ހެދުމާ އެކު މި މައްސަލަ ހައްލުވެގެން ދާނެ،" ނަރީޝް ވިދާޅުވިއެވެ.

މެއިންޓެނަންސް އެގްރީމެންޓެއް ނުހެދުމަކީ ރައްޔިތުން ބަލަން ބޭނުންވާ ކަމެއް ނޫން ކަމަށާއި އެއީ ހިދުމަތް ނުދެވޭންވީ ސަބަބެއް ނޫން ކަމުގައި ނަހުލާ ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ވާހަކަ ދައްކަވަމުން ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު ވިދާޅުވި ގޮތުގައި ކައުންސިލުގެ އިހުމާލަކުން ނޫން ނަމަވެސް ޕަބްލިކް ޓްރާންސްޕޯޓެއް ހުއްޓުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގަ އެވެ.

ވިލިމާލޭގައި ކުރާ ބަގީ ދަތުރުތަކަށް ސިޓީ ކައުންސިލުން ނަގަނީ ދެ ރުފިޔާ އެވެ. ނަމަވެސް ޕްރައިވެޓް ހަޔާގެ ގޮތުގައި ހަތަރު ސީޓްގެ ބަގީއަކަށް ހަ ރުފިޔާ، ހަ ސީޓްގެ ބަގީއަކަށް 10 ރުފިޔާ އަދި 12 ސީޓްގެ ބަގީއަކަށް 15 ރުފިޔާ ނަގަ އެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް