އެ ޕާޓީގެ ބައެއް މެމްބަރުން އަމިއްލައަށް ތަދައްހުލްވާން ނިންމާ، މީގެ ކުރިންހުށަހެޅި ހުށަހެޅުން ސްޕްރީމް ކޯޓުން ބަލައިގަނެފައެއް ނުވެ އެވެ.
އެހެންވެ، ޑިމޮކްރެޓްސް އިން އެ މައްސަލައަށް ތަނާޒުލްވާން ނިންމީ މިއަދު އޮތް އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުން ފާސްކޮށްގެން ނެވެ.
އެ ޕާޓީގެ ޕީޖީ ގުރޫޕުގެ ލީޑަރު އަލީ އާޒިމް އެ ބައްދަލުވުމަށް ހުށަހެޅުއްވި ގަރާރުގައި ދެ ކަމަކަށް ކައުންސިލުގެ ރުހުން ހޯދަން ހުށަހެޅުއްވި އެވެ. އެއީ، ޕާޓީން ތަދުހުލްވާން ސްޕްރީމް ކޯޓަށް ހުށަހެޅުމާއެކު، އެ ފުރުސަތު ލިބިއްޖެނަމަ، ޕާޓީގެ ފަރާތުން ކޯޓުގައި ވަކާލާތު ކުރައްވާ ފަރާތްތައް ކަނޑައެޅުމުގެ ބާރު އެ ޕާޓީގެ ވަގުތީ ޗެއަޕާސަން ހަސަން ލަތީފަށް ދިނުމަށެވެ.
ޑިމޮކްރެޓްސް އިން ބުނިގޮތުގައި އެ ހުށަހެޅުން މިހާރު ސްޕްރީމް ކޯޓުން ވަނީ ބަަލައިގަނެ އެކަން އެ ޕާޓީއަށް އަންގާފަ އެވެ.
އެމްޑީޕީން ސްޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ކުރިއަށް ގެންދިއުމަށް ބާއްވާ މަޖިލީހެއްގެ ރިޔާސަތު، އެ މަޖިލީހުގެ ނައިބު ރައީސް ނެތް ހާލަތުގައި، އެ މަޖިލީހުގެ މެމްބަރަކު ބަލަހައްޓަވާ ގޮތަށް ކަނޑައަޅާށެވެ.
މިހާރު މަޖިލީހުގެ ގަވާއިދުގައި ނައިބު ރައީސް ނެތް ހާލަތުގައި ކަން ކުރާނެ ގޮތެއް ނޯންނާތީ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އޮތީ ކުރިއަށް ގެންދެވޭގޮތް ނުވެފަ އެވެ.
އެ މައްސަލަ އެމްޑީޕީން ދެވަނަ ފަހަރަށް މަޖިލީހަށް ވެއްދީންސުރެ ރިޔާސަތު ބަލަހައްޓަވަން ޖެހޭ، އެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ، ރިޔާސަތު ބެލެހެއްޓެން ނެތް ކަމަށް ދިޔައީ އަންގަމުން ނެވެ.
އެޔަށްފަހު، ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ގޮތެއް ނިންމުމުގެ ކުރިން ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވާކަން އޭނާ ވަނީ މިހާރު މަޖިލީހަށް އަންގަވާފައި ވެސް މެއެވެ.