ads
މީރާއަށް ޓެކްސް ނުދައްކައި ބަޔާން ހުށަނާޅާ 213 ކުންފުނީގެ ނަން އެ އޮތޯރިޓީން ވަނީ އާންމުކޮށްފައި - ފޮޓޯ:މީރާ
މީރާއަށް ޓެކްސް ނުދައްކައި ބަޔާން ހުށަނާޅާ 213 ކުންފުނީގެ ނަން އާންމުކޮށްފި
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ޓެކްސް ނުދައްކައި ބަޔާން ހުށަނާޅާ 213 ކުންފުނީގެ މައުލޫމާތު އެ އޮތޯރިޓީން އާންމުކޮށްފި އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މި އަހަރުގެ މާޗް މަހުގެ ނިޔަލަށް ޓެކްސް ނުދައްކާ ކުންފުނިތަކާއި ޓެކްސް ބަޔާން ހުށަނާޅާ ކުންފުނިތައް ހިމެނޭ ދެ ލިސްޓެއް މީރާއިން ނެރެފައިވާއިރު، އެ މުއްދަތު ހަމަވިއިރު ޓެކްސް ބަޔާން ހުށަނާޅާ 179 ކުންފުންޏެއްގެ ނަން އެ ލިސްޓުގައި ހިމެނެ އެވެ. އޭގެ އިތުރުން ޓެކްސް ނުދައްކައިގެން 34 ކުންފުންޏެއްގެ ނަން ހިމަނާފައިވެ އެވެ.

މީރާއިން އާންމުކުރި ޓެކްސް ބަޔާން ހުށަނާޅާ ކުންފުނިތަކުގެ ތެރޭގައި ޓެކްސް ނުދައްކާ ކުންފުނިތައް ހިމެނޭއިރު، ޓެކްސް ނުދައްކާ ކުންފުނިތަކުގެ ލިސްޓުގައި އެ އޮތޯރިޓީއަށް ބަޔާން ހުށަހެޅުމަށް ފަހު ޓެކްސް ޕޭމަންޓް ނުދައްކާ ކުންފުނިތައް ވަނީ ހިމަނާފަ އެވެ.

ޓެކްސް ނުދައްކާ ކުންފުނިތަކުގެ ލިސްޓުގައި މީރާއިން ހިމަނާފައި ވަނީ ޓީޖީއެސްޓީ އާއި ގްރީން ޓެކްސް އަދި ޖީޖީއެސް ގޮތުގައި ދައްކަން ޖެހޭ އަދަދު އެއް ލައްކަ ރުފިޔާއަށް ވުރެ އިތުރުވާ ކުންފުނިތަކެވެ.

މީރާގެ އެ ލިސްޓުގައި ރިސޯޓު ކުލި ނުދައްކާ ކަމަށް އެ އޮތޯރިޓީން ނެރުނު ލިސްޓުގައިި ހިމެނޭ ޓްރިޕަލް އޭ ޓްރޭޑިން އާއި ޖާހު ޕްރައިވެޓް ލިމިޓެޑާއި ބްރެއިނާ ކޮއްޓަފަރާއި ސައުތު ޕާމް ރިސޯޓު އަދި މެދުފުށި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ފަދަ ކުންފުނިތައް ހިމެނެ އެވެ.

މީރާއިން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ޓެކްސް އާއި ކުލީގެ ގޮތުގައި 7.5 ބިލިއަން ރުފިޔާ ނުލިބިވާއިރު، އޭގެ ތެރޭގައި ޖީޖީއެސްޓީން ލިބެން ޖެހޭ 1.8 ބިލިއަން ރުފިޔާ އަދި ޓީޖީއެސްޓީގެ ގޮތުގައި ލިބެންވާ 876 މިލިއަން ރުފިޔާ އެބަ ހުއްޓެވެ. އޭގެ އިތުރުން ރިސޯޓު ކުލިން 2.9 ބިލިއަން ރުފިޔާ ނުލިބިވާ ކަމަށް އެ އޮތޯރިޓީން ހާމަކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް