ads
ފެލިދޫ
ފެލިދޫ ކައުންސިލްގެ ނިންމުން ބާތިލުކުރަން އެޗްއާރުސީއެމުން އަންގައިފި
ވ. ފެލިދޫ ކައުންސިލަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ މީހުންނާއި އެމީހުންގެ އާއިލާތަކަށް ކައުންސިލުން އެއްވެސް ހިދުމަތެއް ނުދިނުމަށް އެ ރަށު ކައުންސިލުން ނިންމާފައިވާ ނިންމުން ބާތިލުކުރަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން އަންގައިފިއެވެ.
Advertisement

ފެލިދޫ ކައުންސިލުން ނިމުނު ބުދަ ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ފެލިދޫ ރައްޔިތުންގެ އާމްދަނީއަށް ލިބެންޖެހޭ ފައިސާ ނުދައްކާ މީހުންގެ އަތުން ފައިސާ ހޯދުމަށް ކައުންސިލުން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އެކަމުގައި އެކަށީގެންވާ ކުރިއެރުމެއް ލިބިފައި ނުވާ ކަމަށެވެ. އެހެންވެ ފައިސާ ނުދައްކާ މީހުންނާއި، އެމީހުންގެ އަނބިން، ފިރިން އަދި ދަރިންނަށް މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އެއްވެސް ހިދުމަތެއް ނުދިނުމަށް ކައުންސިލުން ފާސްކޮށްފައިވާ ކަމަށްވެސް އިއުލާންގައިވެއެެވެ.

އެޗްއާރު ސީއެމްއިން މި މައްސަލައިގައި ނެރުނު ބަޔާނުގައި ބުނީ ގާނޫނު އަސާސީގައި ބަޔާންކުރާ އެއްވެސް ހައްގެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓޭނީ ގާނޫނުއަސާސީއާ ހިލާފުނުވާ ގޮތަށް، މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަމަށާއި އެއީ ވެސް މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ގަބޫލުކުރެވޭ މިންވަރަށް ކަމަށެވެ.

އޭގެ އިތުރުން، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ކައުންސިލުން ހިދުމަތްތައް ފޯރުކޮށްދިނުމާއި އެއްވެސް މީހަކަށް ހިދުމަތް ފޯރުކޮށްނުދީ ހިފެހެއްޓިދާނެ އެއްވެސް ހާލަތެއް ބަޔާންކޮށްފައިނުވާ ކަމަށް ބުންޏެވެ.

ފެލިދޫ ކައުންސިލުން ބުނީ ކުލި ނުލިބި ވަނީ، ރަށުގެ ދޯނި އެހެލާ ސަރަހައްދުތަކުން ދޫކޮށްފައިވާ ބައެއް ބިންތަކުންނެވެ. އެގޮތުން، ބައެއް މީހުން ކުލި ނުދައްކާތާ ތިން އަހަރު ވެފައިވާ ކަމަށް އެ ތަނުން ބުންޏެވެ. 

ކައުންސިލަށް ފައިސާ ދައްކަންޖެހޭ މީހުންނަށް އިތުރު ފަސް ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އެ މުއްދަތުގެ ފަހުން ފައިސާ ނުދައްކާ މީހުންގެ ލިސްޓް ކޮންމެ މަހަކު އާއްމުކުރުމަށް ވެސް ފެލިދޫ ކައުންސިލުން ވަނީ ނިންމާފައެވެ.

ފެލިދޫ ކައުންސިލްގެ ނިންމުން މީޑިއާގައި ތިލަވުމައި ގުޅިގެން އެލްޖީއޭ އިން ވެސް އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކިއެކި ފަރާތްތަކުން ކައުންސިލްތަކުން ލިބިގަންނަ ހިދުމަތްތަކާއި ގުޅިގެން ދައްކަންޖެހޭ ފައިސާ ގަވައިދުން ނުދެއްކުމަކީ އެ އޮތޯރިޓީން ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. 

އެހެންނަމަވެސް ކައުންސިލްތަކުން ހަދާ ގަވައިދުތަކާއި ނިންމާ ނިންމުންތައް ނިންމަންވާނީ ގާނޫނުއަސާސީން އެއްވެސް ރައްޔިތަކަށް ލިބިދޭ އަސާސީ ހައްގަކަށް އުނިކަން ލިބިގެން ނުދާނޭހެން ކަމުގައި އެލްޖީއޭގެ ބަޔާނުނުގައި ބުނެފައިވެއެވެ. 

އަދި، މިފަދަ ނިންމުންތައް ނިންމުމުގެ ކުރިން ރައްޔިތުންގެ މަދަނީ ހައްގަކަށް އުނިކަން ނާންނަހެން ނިންމުންތައް ނިންމުމަށް ލޯކަލް ކައުންސިލްތަކަށް އެލްޖީއޭއިން ގޮވާލާފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް