
މިއަދު ސްޕްރީމް ކޯޓުގައި އޮތް އަޑުއެހުމުގައި ނިއުޝާ ވިދާޅުވީ އެ މާއްދާގެ ދަށުން އަމަލުކުރާނެ ގޮތެއް ކަނޑައެޅުމުގެ ބާރު ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށްކަމަށެވެ.
މި މައްސަލައިގައި ނިއުޝާ ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅިފައިނުވާކަމަށެވެ. އެހެންކަމުން މަޖިލީހުގެ ނިޒާމުގެ ތެރެއިން ހައްލެއް ގެނެވިދާނެކަމަށެވެ. ނިއުޝާ ވަނީ މަޖިލީހުގެ އިދާރާއިން އެދޭ ހަތަރު ހައްލުވެސް ހުށަހަޅުއްވާފައެވެ.
އެ ހައްލުތަކުގެ ތެރެއިން މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެންނަން މިހާރު މެންބަރަކު ހުށަހަޅުއްވައި އެ މައްސަލަ އެޖެންޑާކުރުމަށް މަޖިލީހުގެ ނައިބު ރައީސްއަށް ދަންނަވާފައިވާނެކަމަށް ވެސް ނިއުޝާ ވިދާޅުވިއެވެ.
މިވަގުތު ހާލަތު އޮތްގޮތުން ނަޝީދުގެ މައްސަލަ ކުރިއަށް ގެންދެވޭނީ ގަވާއިދު ބަދަލުކޮށްގެންކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވެސް ވަނީ ސުޕްރީމް ކޯޓުގައި އިއްޔެ ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ ކުރިޔަށް ގެންދެވޭނެ ގޮތެއް މަޖިލީހުގައި ނެތުމުން އެކަމަށް ހައްލެއް ހޯދަން ސުޕްރީމް ކޯޓަށް އެމްޑީޕީން ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން ފަނޑިޔާރު ހުސްނުއް ސުއޫދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ފިލްޒާ ވިދާޅުވީ އެކަމަށް ހައްލަކީ މަޖިލީހުގެ ގަވާއިދު "އެމްންޑުކުރުން" ނުވަތަ ބަދަލުކުރުން ކަމަށެވެ.
އެމްޑީޕީން ސުޕްރީމް ކޯޓުގައި އެދިފައިވަނީ މަޖިލީހުގެ ގަވާއިދު މާނަކޮށްދިނުމަށެވެ. ސަބަބަކީ މަޖިލީހުގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ކުރިއަށް ގެންދާއިރު ރިޔާސަތު ބަލަހައްޓަވަން ޖެހިވަޑައިގަންނަވާނީ މަޖިލީހުގެ ނައިބު ރައީސްއަށްކަމަށް ގަވާއިދުގައި ބުނެފައިވާތީ މަޖިލީހުގެ ޖަލްސާތައް ނުބޭއްވިގެންނެވެ. މަޖިލީހުގެ ޖަލްސާތަކަށް އީވާ ގެންދަވަނީ ޑެންގޫގެ އާލާސް ކަންފުޅާ އުޅުއްވާތީ ސަލާމް ވިދާޅުވަމުންނެވެ.
މައްސަލައިގެ ރިޔާސަތު ބައްލަވަމުން ގެންދަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ ކުރިޔަށް ގެންދެވޭނެ ގޮތެއް މަޖިލީހުގައި ނެތުމުން އެކަމަށް ހައްލެއް ހޯދަން ސުޕްރީމް ކޯޓަށް ހުށަހެޅީ ވެެރިކަން ކުރާ އެމްޑީޕީންނެވެ.
މި މައްސަލައަށް، ޕީޕީއެމް، ޕީއެންސީ އަދި ދަ ޑިމޮކްރެޓްސް އިން ވަނީ ތަދައްހުލްވެފައެވެ.